ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ގާބިލުކަމުގެ އޮނިގަނޑެއް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
މިއަދު އޭސީސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އޮނިގަނޑު އިފުތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު، ޑރ. މަޙްމޫދު ޝައުގީއެވެ.
އޭސީސީން ބުނީ މި އޮނިގަނޑު އެކުލަވާލާފައިވަނީ، ގާނޫނު އަސާސީއާއި ކޮމިޝަނުގެ ގާނޫނުން އޭސީސީއަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ތަސައްވުރަށް ވާސިލުވުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަމަށެވެ.
މީގެ އިތުރުން، ކޮމިޝަނުން ގަބޫލުކުރާ ހަމަތައް ނެގެހެއްޓުމަށް ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ގާބިލުކަމާއި، ފަންނީ ގާބިލުކަން ކަނޑައަޅާ މައި އޮނިގަނޑަކީ ވެސް މިއީ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ މި އޮނިގަނޑުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމާއި މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.
މި އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ.
- ޖެނެރަލް ކޮމްޕީޓެންސީ - ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ ކިބައިގައިވެސް ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތައް
- ޓެކްނިކަލް ކޮމްޕީޓެންސީ - މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން އެނގެންޖެހޭ ޢިލްމާއި ފަންނީ ގާބިލުކަން
- މެނޭޖީރިއަލް ކޮމްޕީޓެންސީ - އިދާރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓީމުތަކަށް މަގުދެއްކުމަށް ބޭނުންވާ ހުނަރުތަކާއި، މަޢުލޫމާތާއި، އަމަލުތަކާއި އަދި ސިފަތައް
މި ފްރޭމްވޯކްގައި ކޮންމެ ކޮމްޕީޓެންސީއެއްގައި ތިން ފަންތިއެއް ކަނޑައަޅާފައިވެއެވެ.
- ބޭސިކް ލެވެލް (ލެވެލް 1)
- އިންޓަމީޑިއޭޓް ލެވެލް (ލެވެލް 2)
- އެޑްވާންސް ލެވެލް (ލެވެލް 3)
މި ލެވެލްތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަގާމުތަކާއި ފަންތިތަކަށް ބަލައިގެން ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ މި އޮނިގަނޑުގެ ސަބަބުން ކޮމިޝަންގެ މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނެ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ކޮމިޝަނަކީ ގާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ކޮރަޕްޝަނާ ދެކޮޅަށް ނަތީޖާ ނެރޭ މުއައްސަސާއަކަށް ވާނެ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީގައި ފަސް މެންބަރުން ތިއްބަވާއިރު، ރާއްޖޭގައި ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވުމަށް އެ ކޮމިޝަނުން ފެއިލްވެފައިވާކަމަށް ބުނެ އާންމު ރައްޔިތުންނާއި ސިޔާސީ އެކި ފިކުރުގެ ބޭފުޅުން އަބަދުވެސް ފާޑުކިޔައެވެ.