މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ ދަށުން ހިންގަމުން އައި ހުރިހާ އެއާޕޯޓެއް ބަދަލުކޮށް، އާރްއޭސީއެލް އުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއޭސީއެލްގެ ދަށަށް އާރްއޭސީއެލް ބަދަލުކޮށް، އާރްއޭސީއެލް އުވާލަން ސަރުކާރުން ނިންމައި އެކަން ހާމަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. ނަމަވެސް އަހަރެއްވީއިރު ވެސް އެމްއޭސީއެލްގެ ދަށަށް އާރްއޭސީއެލްގެ ޚިދުމަތްތައް ފުރިހަމައަށް ބަދަލުކުރެވިފައެއް ނެތެވެ.
"ސަން"އިން ސުވާލުކުރުމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، އާރްއޭސީއެލްގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރެވި، ނުވަ އެއާޕޯޓެއް އެ ކުންފުނީގެ ދަށަށް މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާރްއޭސީއެލްގެ ހުރިހާ ޚިދުމަތެއް އަދި އެ ކުންފުނީގެ ދަށަށް ބަދަލުނުވާ ކަމަށެވެ. ޚިދުމަތްތައް އެއްކޮށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ ބައިވަރު މަސައްކަތް އަދިވެސް އެބަހުރި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"ސަން" އިން ސުވާލުކުރުމުން އާރްއޭސީއެލުން ވެސް ބުނީ ހަމަ އެފަދައިންނެވެ. އެ ކުންފުނިން ދޭ ޚިދުމަތްތަކުގެ ބޮޑު ބައެއް މިހާރު އެމްއޭސީއެލްގެ ދަށަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އާރްއޭސީއެލް އުވާލަން ނިންމާފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އަހުމަދު މުބީން ވަނީ މިދިޔަ ޖުލައި މަހު އިސްތިއުފާދެއްވައިފައެވެ. އަދި އާރުއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދު، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް މިދިޔަ މަހު ވަނީ ބަދަލުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްއޭސީއެލްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ވެސް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމިއެވެ. އެ މަަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށްޓަކައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
ދައުލަތަށް ބުރައަކަށްވާ ގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އިގުތިސޯދީ ދަތިތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރަން ކަނޑައެޅި ސިޔާސަތެކެވެ.
ނަމަވެސް އަދި އަދަށް ވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒެއް ނުކުރެވެއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ބޭރުގެ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކް ދަފަ ތަންތަނުން ވަނީ އާސަންދައާއި، ސަބްސިޑީ ރިފޯމްކުރަން ގޮވާލައިފައެވެ. އެ ގޮތަށް ޕެންޝަން ހިމެނޭހެން ގިނަ ރިފޯމްތަކެއް މި އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. އޭރު ސަރުކާރުގެ އިސްވެރިން ވެސް ވަނީ ޚަރަދު ކުޑަނުކޮށް އަޑިގަނޑުން އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.
ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ރިފޯމްކުރަން ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވިޔަސް އެކަމެއް ނުކުރެއެވެ.
އޭގެ ބަދަލުގައި ސަރުކާރުން ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ.