ޝަކުވާ ބޮޑުވި ނަމަވެސް، ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު 120 މިލިއަން ދަށަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު: ޝަކުވާ ބޮޑުވި ނަމަވެސް ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު 120 މިލިއަން ދަށަށް ގޮސްފި -- ފޮޓޯ/ ރައީސް އޮފީސް

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 120.7 މިލިއަން ރުފިޔާ ދަށްވެއްޖެއެވެ.

ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 333.6 މިލިއަން ރުފިޔާއެވެ.

އަހަރު ނިމެން ހަތަރު މަހަށް ވެފައިވާއިރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވަނީ، މިދިޔަ އަހަރާ އަޅާ ބަލާއިރު 120.7 މިލިއަން ރުފިޔާ މަދުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސްޓޫޑެންޓް ލޯނަށް 454.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ގައުމީ ޔުނިވަސިޓީ

ސްޓޫޑެންޓް ލޯނަށް ކުރާ ހޭދަ ދަށްވިއިރު ތައުލީމީ ދާއިރާއަށް ކުރާ ޚަރަދު ޖުމުލަ ގޮތެއްގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ބޮޑުބައި ނިމުނުއިރު ވަނީ ދަށްވެފައެވެ.

އެގޮތުން، ބަލާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި 1.3 ބިލިއަން ރުފިޔާއިން މިހާތަނަށް ޚަރަދުކުރީ 654.4 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރާ އަޅާ ބަލާއިރު 81.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 736 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ބަލާއިރު 4.4 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވިއިރު މިހާތަނަށް ޚަރަދުކުރީ 2.5 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށްވުރެ 100 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 2.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެ ހިސާބުތައް އާންމުކުރިއިރު، ދަރިވަރުންގެ ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ.

ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުން ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އެކަމުގައި ބޮޑެވެ.

މިނިސްޓަރު ހައިދަރު މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

އެ ކަމާ ގުޅޭގޮތުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ.

އޭގެ ފަހުން މެއި 13 ވަނަ ދުވަހު ވެސް މަޖިލީހަށް ވަޑައިގެން ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.

އެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިއަށްވުރެ އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި، ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ސެޕްޓެމްބަރ 2، 2018: ރާއްޖޭގެ ގައުމީން ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންްގެ ދަސްވެނިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚާއްސަކޮށް، ސްޓޫޑެންޓް ލޯން 'އިސްލާމިކް'ކޮށް، ލޯނަށްވުރެ އިތުރަށް ފައިސާ އަނބުރާ ނުހޯދާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ނަމަވެސް، އަދިއަދާ ހަމައަށް ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އެކަމުގައި އެބައޮތެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ދަސްވެނިވެފައިވަނީ 863 ދަރިވަރުންނެވެ. އޭގެ ތެރެއިން މިއަހަރުގެ ޖަނަވަރީން ފެށިގެން އެހާތަނަށް ދަސްވެނިވީ 281 ދަރިވަރުންނެވެ.

އަދި، މިހާރު ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަނީ 1،642 ދަރިވަރުންނެވެ.

comment ކޮމެންޓް