ހާލު ރަނގަޅު، ހަފުތާ ބަންދުގައި އުޅުނީ ގޮލްފް ކުޅެން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްޙީ ހާލުކޮޅު ގޯސް ކަމަށް ބުނާ ރިޕޯޓުތަކަކީ ހަގީގަތާ ޚިލާފު ރިޕޯޓުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އާންމުކޮށް ނުފެންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެ، ޓްރަމްޕްގެ ސިއްޙީ ހާލުކޮޅު ގޯސްވެ، އިވެންޓުތައް ވެސް ޝެޑިއުލް ނުކުރައްވާ ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ދެކެވޭއިރު، ހާލުކޮޅު ގޯސްވެ އެ މަނިކުފާނު އަވަހާރަވެފައިވާ ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

އެ ކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، ހަފުތާ ބަންދުގައި އުޅުއްވީ ވާޖީނިއާ ގޯލްފް ކްލަބްގައި ކަމަށެވެ.

ޓްރަމްގެ ސިއްޙީ ހާލުކޮޅު ކަމަށް ވާހަކަތައް ދެކެވެން ފެށީ ޓްރަމްޕަށް "ކްރޮނިކް ވީނަސް އިންސަފިޝަންސީ" ނުވަތަ ލޭ ހޮޅިތަކުގައި ލޭ ޖަމާވެ ޕްރެޝަރު ބޮޑުވާ މައްސަލަ ކުރިމަވެވަޑައިގެންފައިވާ ކަމަށް ވައިޓްހައުސްއިން މިދިޔަ ޖުލައި މަހު އިއުލާނުކުރި ފަހުންނެވެ.

އެކަން އެގުނީ އެ މަނިކުފާނުގެ ފައި ދުޅަވެ، އަތުގައި ރަތްވެފައި ހުންނަ ތަންތަނުގެ ޓެސްޓު ހެދުމުން ކަމަށް ވެސް ވައިޓްހައުސްއިން ބުންޏެވެ.

އެ ކަމާ ގުޅިގެން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވީ، މި ބައްޔަކީ ހަލާކުވެފައިވާ ލޭ ހޮޅިތަކުން ލޭ ރަނގަޅަށް ނުހިނގާ މައްސަލަ މެދުވެރިވާ އާންމު ހާލަތެއް ކަމަށެވެ. އަދި، އެ ހާލަތު ކުރިމަތިވުމުގެ ފުރުސަތު ބޮޑީ 70 އަހަރުން މަތީގެ މީހުންނަށް ކަމަށް ވެސް ލީވިޓް ވިދާޅުވިއެވެ.

ޓްރަމްޕަށް މިހާރު ވަނީ 79 އަހަރު ފުރިވަޑައިގެންފައެވެ.

ޓްރަމްޕްގެ ކަނައަތްޕުޅު ހަލާކުވެފައި. ފޮޓޯ/ރޮއިޓާސް

ގާނޫނީ ގޮތުން ލާޒިމު ނުވި ނަމަވެސް، އެމެރިކާގެ ރައީސުން އަހަރަކު އެއް ފަހަރު އެ ބޭފުޅުންގެ ސިއްޙީ ހާލަތު އާންމުކުރުމަކީ ކުރީއްސުރެ އޮންނަ ކަމެކެވެ.

ސިއްޙީ ހާލުކޮޅު ގޯސް ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް ޓްރަމްޕްގެ ޑޮކްޓަރު ހެރޮލްޑް ބޯންސްޓައިން ވަނީ ޓްރަމްޕަކީ މިހާތަނަށް ރިޔާސީ އިންތިޚާބަށް އިންތިޚާބުވި އެންމެ ސިއްޙަތު ރަނގަޅު ބޭފުޅާ ކަމަށް ބުނެ 2015 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނު ތެރޭގައި ސިޓީއެއް އާންމުކޮށްފައެވެ.

ޓްރަމްޕަ ވަނީ މި އަހަރުގެ ރިޔާސީ ކެމްޕޭނަށް ފުރަތަމަ ވާދަކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސިއްޙަތާއި އުމުރާއި ގުޅިގެން ކެމްޕޭނު ތެރޭގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް