މިހާތަނަށް ހިލޭ އެހީއަށް ލިބުނީ އަންދާޒާކުރިވަރުގެ އެންމެ 8 ޕަސެންޓު ފައިސާ

މާލީ ވަޒީރު މޫސާ ޒަމީރާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ދެބައިކޮށް، އަށް މަސް ފާއިތުވިއިރު ހިލޭ އެހީގެ ގޮތުގައި ހޯދުނު ފައިސާގެ އަދަދު މިދިޔަ އަހަރަށްވުރެ 200 މިލިއަނެއްހާ ރުފިޔާ ދަށަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ މަހުގެ 28ވަނަ ދުވަހާ ހަމައަށް ލިބިފައިވަނީ 203.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 371.1 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނެވެ.

އެހެންކަމުން މި އަަހަރުގެ މިހާތަނަށް ލިބިފައި މި ވަނީ ލިބޭނެކަމަށް އަންދާޒާކުރި 2.6 ބިލިއަން ރުފިޔާއިން އެންމެ އަށް ޕަސެންޓު ފައިސާއެވެ.

ހިލޭ އެހީ ލިބުނު މިންވަރު ވަރަށް ބޮޑަށް ދަށްވިއިރު، އެހީ ހޯދަން އެދި ސަރުކާރުގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި، މާލީ ވަޒީރު މޫސާ ޒަމީރު ގެންދަވަނީ ބޭރުގެ އެކި ގައުމުތަކާ ވެސް މަޝްވަރާކުރައްވަމުންނެވެ.

މި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭރު ގައުމުތަކަށް ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުތަކުގައި ވެސް މާލީ އެހީތެރިކަމާއި، އިންވެސްޓްމަންޓުތައް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައިވެއެވެ. ނަމަވެސް ހިސާބުތަކަށް ބަލާއިރު އެ ކަންކަމުގެ އެ ކަންކަމުގެ ނަތީޖާ ފެންނަ ފަދަ ބަދަލެއް އަދި އައިސްފައިނުވެއެވެ.

https://sun.mv/210790

ހިލޭ އެހީ ލިބުނު މިންވަރު ދަށްވިއިރު، މަޝްރޫއުތަކަށް ކުރި ޚަރަދު ވެސް މި އަހަރުގެ މި މުއްދަތުގައި، މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް ދެގުނަ ވަނީ ދަށްވެފައެވެ.

comment ކޮމެންޓް