ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، 'ޑެސްކަޕް 2025' ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
މި މުބާރާތަކީ، މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ މުވައްޒަފުންނަށް ހުޅުވާލައިގެން، އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ.
ދިރާގުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތުގައި ޖުމްލަ 321 މުވައްޒަފުން ހިމެނޭ 20 ޓީމެއް ބައިވެރިވެފައިވެއެވެ. މިއީ ދިރާގުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ އަދަދެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.
ދިރާގުން ބުނީ މި އަހަރުގެ މުބާރާތުގެ ތިން ލީގުން ޗެމްޕިއަންކަން ހޯދި ޓީމުތައް މިހާރު ވަނީ އިއުލާނުކޮށްފައިވާ ކަމަށެވެ. ސީއީއޯ އެންޑް އެމްޑީސް ކަޕްގެ އެއްވަނަ ހޯދާފައިވަނީ ޑީއެސްއެސް ޔުނައިޓެޑް ޓީމުންނެވެ.
އަދި ޕްރީމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ފައިނޭންސަސް ޓީމާއެކު ވަރަށް ވާދަވެރި މެޗެއް ކުޅެގެން ޑީއެސްއެސް ޔުނައިޓެޑް ޓީމުންނެވެ. ސުޕަ ލީގުގެ ފައިނަލް މެޗުގައި ސީއެންއެފްސީ ޓީމާއި އާރްއޯސީ ޓީމު ވާދަކުރުމަށްފަހު ޗެމްޕިއަންކަން ނަގައިފައިވަނީ ސީއެންއެފްސީ ޓީމުން ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުގެ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު "ވިމެންސް ފިއެސްޓާ" މުބާރާތުގެ ޗެމްޕިއަންކަން ޓެކްނޮލޮޖީ ކަންބަލުންނާއި ހިޔަލަ ޓީމުގެ މެދުގައި ކުޅެވުނު ވަރުގަދަ މެޗަކަށްފަހު ހިޔަލަ ޓީމުން ވަނީ ހޯދާފައިވާ ކަމަށް ވެސް ވެއެވެ.
ދިރާގުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ދިރާގު އީ-ކްލަބް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ބޭރުން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ.
މީގެ ސަބަބުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ، ސިއްހަތަށް ރަނގަޅު ކަންކަމުގައި ބައިވެރިވުމަށް ބާރުއެޅި، މުވައްޒަފުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމަށް ދިރާގުން ފާހަގަކުރެއެވެ.