ތޮއްޖެހިފައިވާ މާލޭގައި ހިތްހަމަޖައްސާލައި، އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން މި ވަންނަނީ ރެސްޓޯރެންޓަކަށެވެ. ވަރަށް ޝައުގުވެރިކުރުވާ ނަމެއް ކަމަށްވާ 'ދަ ބްލެކް ޕާލް'ގެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ވެސް ފެންނަނީ ގައުމިއްޔާތާއި ފަންނިއްޔަތަށް އޮތް ލޯބި ދައްކުވައިދޭ މާހައުލެކެވެ. ބަގީޗާ ގަސްތަކުން ފެހިކަން ލިބިދީފައިވެއެވެ. ދިވެހިވަންތަކަމާއި ޒުވާނުންނާ ގުޅޭ ކުރެހުންތަކާއި ފޮޓޯތަކުން ހިތްގައިމުކަން ގެނެސްދެއެވެ. ދެން އިށީންނަންވީ ކެއުމަށް އިންސާފުކުރުމަށެވެ.
މި ރެސްޓޯރެންޓް ފުރަތަމަ 2022 ވަނަ އަހަރު ކަމަށްވާއިރު، އޭރު ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުވިއެވެ. އޭރު ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ރެސްޓޯރެންޓް ބަންދުކުރަން ޖެހުނު ނަމަވެސް، ބްލެކް ޕާލްއިން ދެކެނީ އެއީ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައެވެ. މިހާރު ބްލެކް ޕާކް އަލުން ހުޅުވައިފައިވާއިރު، މި ރެސްޓޯރެންޓުގެ މަގުސަދަކި މީރު ކެއުންތައް ފޯރުކޮށްދިނުމުގެ އިތުރަށް، ކޮންމެ މީހަކަށް ވެސް މާލޭގެ ނުތަނަވަސްކަމުން ސަލާމަތްވެވޭ ފަދަ މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި ބްލެކް ޕާލްގެ ތަސައްވުރުގައި އޮތީ ކޭޓަރިންއާއި ބޭކިންއަށް ޚިދުމަތްތައް ފުޅާކޮށް އިތުރު އައުޓްލެޓްތައް ވެސް ހުޅުވުމެވެ.

ދަ ބްލެކް ޕާލްއިން ކާބޯތަކެއްޗަށް އިންސާފުކޮށްލަން ވަރަށް ހިތްގައިމު މާހައުލެއް ލިބޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެއީ ކޮންމެ މީހަކަށް ވެސް އާ ރަހަތަކުން ބަނޑު ފުރާލުމާއެކު، އެންމެ ލޯބިވާ މީހުންނާއެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ލިބިދޭ ޖާގައެކެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ސަލާމަތްވެ، ރީތި، ހިމޭން މާހައުލެއްގެ ތަޖުރިބާއެކެވެ.
ދަ ބްލެކް ޕާލް ރެސްޓޯރެންޓުން ދުވަސް ފަށައިގަތުމަށް، ބުންވަރު ގެނެސްދޭ ނާސްތާއެއް ޚިޔާރުކުރެވިދާނެއެވެ. މެންދުރުގެ ދިލަހޫނުން ސަލާމަތްވެ، ފިނި ބުއިމަކާއެކު ތާޒާ ކެއުމެއް ނެގިދާނެއެވެ. ހަވީރު ގަޑީގައި ރައްޓެހިންނާއެކު ކޮފީއެއް ބޯލައި، ރޭގަނޑު އާއިލާއާއެކު އެއްތަންވެ، ދިރިއުޅުމުގެ ކަންކަން ހިއްސާކުރަން ޖާގައެއް ލިބޭނެއެވެ.

ދަ ބްލެކް ޕާލްއިން އެކި ބާވަތްތަކުގެ ނާސްތާ ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި ރެސްޓޯރެންޓުން ދޭ ޔަގީންކަމަކީ، އޭގެ ތެރެއިން ކޮންމެ ވަގުތެއްގައި ވެސް ލިބޭނީ އެންމެ ތާޒާ، ފެންވަރު ރަނގަޅު ކެއުމާއި ބުއިންތައް ކަމެވެ. އަދި އެ ރެސްޓޯރެންޓުގެ އަމިއްލަ އުފެއްދުންތަކަކީ ވެސް ތަޖުރިބާކޮށްލަން ކޮންމެހެން ވެސް ޖެހޭނެ ބާވަތްތައް ކަމެވެ.
ދަ ބްލެކް ޕާލް، އެހެން ރެސްޓޯރެންޓުތަކުން ތަފާތުކޮށްދެނީ، އަމިއްލަށް އުފައްދާ އައިސްކްރީމާއި ސޯސްތަކާއި، ކެއުންތަކުގެ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކޮންޑިމެންޓްތަކުންނެވެ. އެ އައިސްކްރީމުން ހަދާ ތަފާތު މިލްކްޝޭކްތައް ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކަމުދާނެއެވެ. އެކި ރަހަތަކުގެ ޖޫހާއި މޮކްޓެއިލްތައް ވެސް ސުފުރާ މައްޗަށް އެރުވުމާއެކު، ގާނިޝިންގެ ރީތިކަން ވެސް ފެންނާނެއެވެ. މީގެ އިތުރުން ވެސް، ބްލެކް ޕާލްގެ މެނޫ ތައްޔާރުކޮށްފައިވަނީ ދިވެހީންނަށް އެންމެ ކަމުދާ ކެއުންތަކުންކަން ހާމަވާނެއެވެ.

ދަ ބްލެކް ޕާލްއިން ވަރަށް ތާޒާ، މީރު ބުއިންތައް ލިބެން ހުންނާނެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި ރެސްޓޯރެންޓުގެ ސިގްނެޗާ ކެއުންތަކުގެ ތެރޭގައި، ޓީބީޕީ ސްޓޭކް ބާގާ، ޓީބީޕީ ޕެޕާ ބީފް، ޓީބީޕީ ބިގް ބްރެކްފަސްޓް، ޓީބީޕީ ސްޓޭކް ސެލެޑް، ޓީބީޕީ މިކްސްޑް ގްރިލްޑް ޕްލެޓާ، ޓީބީޕީ މިކްސް ސީފުޑް މޯނޭ ހިމެނެއެވެ.
ވަރަށް އެކުވެރި ސްޓާފުން މަރުހަބާ ކިޔާ ދަ ބްލެކް ޕާލް ރެސްޓޯރެންޓަށް އަމިއްލައަށް ނުވަތަ އެކުވެރިޔާ ނުވަތަ ބައިވެރިޔާއާއެކު ވެސް އަންނަންވީއެވެ. އެ ބޭފުޅަކު ބޭނުންވާ ނަމަ މި ރެސްޓޯރެންޓުން އެކަހެރިކޮށް، ޕްރައިވެޓް ޑައިނިން ސްޕޭސްއެއް ވެސް ފޯރުކޮށްދޭނެއެވެ.

ދަ ބްލެކް ޕާލްގެ އައުޓްޑޯ ޑައިނިން އޭރިއާ ވެސް ވަރަށް ހިތްގައިމު -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ހަމައެއާއެކު، ރައްޓެހިންގެ ގުރޫޕަކަށް ނުވަތަ އާއިލާގެ ހުރިހާ މެންބަރުން ވަކިން އެއްވެލުމަށް ވެސް ޕްރައިވެޓް ޖާގަތައް ރިޒާވްކުރެވޭނެއެވެ. ގިނަ ބަޔަކު އެކުވެ، ކައިބޮއެ، މަޖާކޮށްލައި، އުފަންދުވަހެއް، އެނިވާސަރީއެއް ނުވަތަ ދިރިއުޅުމުގެ ކޮންމެ ކާމިޔާބީއެއް ވެސް ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ ރީތި މާހައުލުގައި ފާހަގަކުރެވޭނެއެވެ.
ހަމައެއާއެކު، ނުވަ މީހުންގެ މި ޕްރައިވެޓް ޖާގަ، ކޯޕަރޭޓް ބައްދަލުވުންތަކަށް ވެސް ރިޒާވްކުރުމުން، މަޝްވަރާތަކަށް ފަހި ގޮތެއް ދަ ބްލެކް ޕާލް ރެސްޓޯރެންޓުން ހަމަޖައްސައިދޭނެއެވެ.

ދަ ބްލެކް ޕާލްގެ ޕްރައިވެޓް ޑައިނިން އޭރިއާ -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ދަ ބްލެކް ޕާލް ރެސްޓޯރެންޓު ހުންނަނީ އަލިކިލޭގެފާނު މަގުގައި، ނަލަހިޔާ ޓްރޭޑިން ކުރިމައްޗަށްވާ ގޮތަށް، ގ. ވާލް އިމާރާތުގައެވެ. މި ރެސްޓޯރެންޓުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް 8:00އިން 00:00އަށް ޚިދުމަތް ދެމުންދާނެއެވެ. އަދި މަސައްކަތުގެ ވަރުބަލިކަން ފިލުވާލަން އެންމެ ގިނަ ބަޔަކު ނުކުންނަ ދުވަސްކަމަށްވާ ބުރާސްފަތި ދުވަހު 8:00އިން ހުޅުވައި، ދަންވަރު 1:00ގެ ނިޔަލަށް ޚިދުމަތް ދެމުންދާނެއެވެ.
މީގެ އިތުރުން ހަފުތާ ބަންދުގައި ބޭރުން ކެއުމަކަށް އިންސާފުކޮށްލަން ބޭނުންނަމަ ދަ ބްލެކް ޕާލް ރެސްޓޯރެންޓަށް، ހެނދުނު 7:00އައި 11:00އާ ދޭތެރޭ ދެވޭނެއެވެ. އެއަށްފަހު، 13:00އިން ދަންވަރު 1:00އާ ހަމައަށް ވެސް، ރެސްޓޯރެންޓުގެ ދޮރުތައް ހުންނާނީ އެންމެންނަށް ވެސް ހުޅުވާލައިފައެވެ.
ދަ ބްލެކް ޕާލް ރެސްޓޯރެންޓާ ގުޅޭ އިތުރު މައުލޫމާތާއި ރިޒަވޭޝަނާ ގުޅޭ ކަންކަން، 3321199 އާއި 7811199 މެދުވެރިކޮށް ސާފުކުރެވޭނެއެވެ.
ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ މެނޫ: https://drive.google.com/drive/folders/11qlueuCDUVVHLzxDXpWevYsV4EKKuI0w?usp=drive_link