ފުލުހުންގެ އޮފިސަރުންތަކެއް ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމާ ގުޅިގެން އޭރު ވަކިކުރި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުގެ ވަޒީފާ ތިން އަހަރު ފަހުން އަލުން އިއާދަކޮށްދީފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު 'ސަން' އަށް ބުނީ ހައިކޯޓުގެ ހުކުމާއެކު ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ވަޒީފާ އިޔާދަކޮށްދީފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި ކަމަށެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. އެކަމާ ގުޅިގެން މި މައްސަލައިގައި ހިމެނޭ ފަސް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ނިޔާގެ ކަނޑައަޅާފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހެވެ. ސިވިލްކޯޓުގެ ހުކުމާ ގުޅިގެން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމީ ހަތް އޮފިސަރެކެވެ. އެއީ:
- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު
- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
އޭގެ ތެރެއިން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބައިވެރިނުވަނީ ފަރުހާދު ފިކުރީއާއި އަހްމަދު ޝުހާދެވެ.
ހައިކޯޓުގައި އެ މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، އެ މައްސަލަ ބާތިލު ކުރީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. މައްސަލަ އެ ދުވަހު ބާތިލު ކުރިއިރު، ސިވިލް ކޯޓުގެ ނިންމުމަށް އަމަލު ނުކުރަން ހައިކޯޓުން ކުރިން އޮތީ އަމުރުވެސް ކޮށްފައެވެ.
ހައިކޯޓުން އެ މައްސަލަ ބާތިލުކުރީ ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެއެވެ.
ފަސް އޮފިސަރުންގެ ފަރާތުން އޭރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, އެބޭފުޅުން މަގާމުން ވަކިކުރަން ނިންމިއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައި ނުވާ ކަމަށެވެ. އެ ފަހަރު ބޭއްވި ސިއްރު އަޑުއެހުންތަކަށް ފަހު ސިވިލް ކޯޓުން އޭރު ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ, ދައުވާކުރި ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން އޮފިސަރުން ވަކިކޮށް ބައެއް އޮފިސަރުން ވަކިކުރުމަށް ދީފައިވާ ނޯޓިސްއަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ނ. އާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އެ ނިންމުން ބާތިލް ކުރުމަށް ސިވިލް ކޯޓުގެ ފަނޑިޔާރު އަލީ އަބްދުالله ކޮށްފައިވާ ހުކުމުގައި ވަނީ އަންގަވައިފައެވެ.