އެންސްޕާގެ ކައުންޓަރު ޚިދުމަތްތައް އެހެން އިމާރާތަކަށް ބަދަލުކުރަނީ

އެންސްޕާ އިމަރާތް: އެންސްޕާގެ ކައުންޓަރު ޚިދުމަތްތައް އެހެން އިމާރާތަކަށް ބަދަލުކުރަނީ -- ފޮޓޯ/ ވަން އޮންލައިން، މުހައްމަދު އައުޒަމް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކައުންޓަރުގެ ޚިދުމަތްތައް އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެ އެޖެންސީގެ ކައުންޓަރު ޚިދުމަތްތައް މިހާރު ދެނީ ހަވީރީ މަގު، ޖުވެނައިލް ކޯޓު ކައިރީ ހުންނަ ހ. ސަކައިމޫ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

އެންސްޕާއިން މިއަދު ބުނީ، އެ އެޖެންސީގެ ކައުންޓަރުގެ ޚިދުމަތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ލިބޭނީ ކެނެރީ މަގުގައި ހުންނަ މ. އުތުރުވެހިގެ ހަވަނަ ފަންގިފިލާއިން ކަމަށެވެ.

އެންސްޕާއަކީ ރާއްޖެއާއި ރާއްޖޭން ބޭރުން ކުރާ ބޭސްފަރުވާއާއި އެހެނިހެން ކަންކަމުގައި ވެސް އާންމުންނަށް މާލީ އެހީ ދޭ ސަރުކާރުގެ އިދާރާއެއް ކަމަށްވާއިރު، އެ އިދާރާއިން ދުވާލަކު އެތައް ބަޔަކު ޚިދުމަތް ހޯދައެވެ.

އެގޮތުން އެންސްޕާއިން، ރާއްޖޭގެ އެންމެ ބޮޑު ދެ އަމިއްލަ ހޮސްޕިޓަލު ކަމަށްވާ އޭޑީކޭއާއި ޓްރީޓޮޕުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި ބަލިމީހުންނަށް މިދިޔަ މެއި މަހު 7.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ އެނދުމަތިކޮށްގެން ފަރުވާ ހޯދި 334 މީހަކަށެވެ.

އޭގެފަހުން ވެސް މިދިޔަ ޖުލައި މަހު، ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 575 ބަލިމީހަކަށް، އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ އެ އިދާރާއިން ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރަށް އެންސްޕާއަށް ކަނޑައަޅާފައިވަނީ 3.93 ބިލިއަން ރުފިޔާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް