ފިލްމު "ކުޗް ކުޗް ހޯތާ ހޭ"އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ ރާނީ މުކަރުޖީ އާއި އެކްޓަރު ޝާހްރުކް ޚާންއަށް މި އަހަރުގެ ނެޝަނަލް އެވޯޑު ލިބޭކަން އިއުލާނުކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅުކޮށްފައެވެ.
ފިލްމު އިންޑަސްޓްރީގެ އިތުރުން ދެ ތަރިންނަށް ސަޕޯޓުކުރާ ގިނަ ފަރާތްތަކުން ޝާހު އާއި ރާނީގެ މި ކާމިޔާބީގެ އުފާފާޅުކޮށްފައިވާއިރު ދާދިފަހުން ދެ ތަރިން އެކީގައި ވަނީ ނެޝަނަލް އެވޯޑު ލިބޭތީ އެކަމުގެ އުފަލުގައި ވީޑިއޯއެއް ޕޯސްޓުކޮށްފައެވެ.
ޓީނާ މަލްހޯތުރާ އާއި ރާހުލް ކަންނާގެ ކެރެކްޓާ ގިނަ ބައެއްގެ ހަނދާނަށް ގެނުވި މި ވީޑިއޯގައި ދެ ތަރިން ނަށާފައި ވަނީ ޝާހުގެ ދޮށީ ދަރިފުޅު އަރިއަން ޚާން އަލަށް ޑައިރެކްޓްކޮށް ގެނެސްދޭ ވެބް ސީރީސް "ބޭޑްސް އޮފް ބޮލީވުޑް"ގެ ލަވަޔަކަށެވެ.

ބޮލީވުޑް ތަރިން ކަމަށްވާ ރާނީ މުކަރުޖީ އަދި ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ އެ ސީރީސްގެ ޕްރޮމޯޝަންއާ ގުޅުވައިގެން ގެނެސްދިން ވީޑިއޯއެއް ކަމެއް ނުވަތަ ނޫންކަމެއް ހާމަކޮށްފައި ނެތް ނަމަވެސް ދިގު މުއްދަތަކަށްފަހު ޝާހު އާއި ރާނީ އެކީގައި މިފަދަ ވީޑިއޯއަކުން ވިޔަސް ފެނުމުން ދެ ތަރިންގެ ސަޕޯޓަރުން ތިބީ އެކަމާ ނުހަނު އުފަލުންނެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުން ޝާހު ކެޕްޝަންގެ ގޮތުގައި ލިޔެފައި ވަނީ، މިހާތަނަށް ހާސިލުނުވެ އޮތް އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ނެޝަނަލް އެވޯޑު ކަމަށާއި އެކަން އެންމެފަހުން ހާސިލުވެއްޖެ ކަމަށެވެ.
އެކަމަށްޓަކައި ބަތަލާ ރާނީއަށް މަރުހަބާ ކިޔަމުން ޝާހު ބުނެފައި ވަނީ ރާނީ އަކީ ހަގީގަތުގައި ވެސް 'ކުއީން'އެއް ކަމަށާއި ރާނީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
ޝާހުއަށް ނެޝަނަލް އެވޯޑު ކާމިޔާބު ކުރެވިފައި ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 33 އަހަރު ފަހުންނެވެ. ބަތަލާ ރާނީއަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްދިން ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އެވެ.