ލޯބިވެރިޔާގެ ފޯނަށް ނުގުޅުމުން ރުޅި އައިސްގެން މުޅި އަވަށުން ކަރަންޓު ކަނޑާލައިފި

އިންޑިއާގެ އަވަށަކަށް ނިސްބަތްވާ ޒުވާނަކު ލޯބިވެރިޔާގެ ފޯނަށް ނުގުޅުމުން އެ އަވަށުން ކަރަންޓުގެ ޚިދުމަތް ކަނޑާލައިފިއެވެ.

މި ޚަބަރު އިންޑިއާގެ ނޫސްތަކުގައި ޖެހުމާ އެކު ގިނަ ބައެއް ސަމާލުކަން މި ޒުވާނާއަށް ވަނީ ލިބިފައެވެ. ނަމަވެސް އެ ޒުވާނާ ނިސްބަތްވަނީ ކޮން އަވަށަކަށް ކަމެއް ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ޓައިމްސް ނައުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން އެ ޒުވާނާގެ ލޯބިވެރިޔާ ދިރިއުޅޭ ވިލެޖްގެ ކަރަންޓު ކަނޑާލާފައި ވަނީ ލޯބިވެރިޔާގެ ފޯނަށް ގުޅިއިރު މާގިނައިރުވަންދެން ފޯނު ބިޒީވެފައި ހުރުމުން އެކަމާ ހިތްހަމަނުޖެހުމުންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ޒުވާނާ ވަނީ އެ އަވަށުގެ އިލެކްޓްރިކް ޕޯލް ބަހައްޓާފައި ހުރި އިމާރާތުގެ މައްޗަށް ކަރަންޓު ނަރުތައް ބުރިކުރަން ބޭނުންކުރާ ސާމާނާ އެކު އަރާފައެވެ. އޭގެ އިރުގަނޑެއް ފަހުން މުޅި އެ ވިލެޖުން ކަރަންޓުގެ ޚިދުމަތް ކެނޑި ގިނަ ބަޔަކަށް ވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.

އިންޑިއާގައި އާއްމުކޮށް ލޯބިވެރިންގެ މެދުގައި ޖެހޭ މިކަހަލަ ކޫސަނި މައްސަލަތަކާއި ގުޅިގެން ބައެއް މީހުން އަމިއްލަ ނަފުސަށް އަނިޔާދީ ގެންގުޅޭ ތަކެއްޗަށް ގެއްލުންދިނުމަކީ އާއްމު ކަމެކެވެ. ނަމަވެސް މި ފަހަރު މި ފެނުނީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނު އަމަލެއް ކަމަށް ބުނެ ނޫހުގެ ރިޕޯޓަށް މީހުން ވަނީ ކޮމެންޓް ކޮށްފައެވެ.

މުޅި އެ އަވަށަށް އަނދިރިކަން ގެނެސް ގިނަ ބަޔަކު ހޯދަމުންދިޔަ ކަރަންޓުގެ ޚިދުމަތްތައް ހުއްޓުމުކަށް އައުމާ އެކު މިއީ މިފަހަކަށް އައިސް އުފައްދާ ލޯބީގެ ފިލްމުތަކާއި ޑްރާމާތައް ބެލުމުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ.

އެގޮތުން ދާދިފަހުން ރިލީޒްކޮށް ޚާއްސަކޮށް ޖެން-ޒީ ޒުވާނުންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދި ފިލްމު "ސައްޔާރާ"ގެ އަވާގައި މާބޮޑަށް ޖެހުނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް