ދުބާއީ ވަރަށް ތަފާތު: އެއާޕޯޓަށް ގެއްލުނު ފޯނު ހޯދައިދީ، ހިލޭ ގައުމަށް ފޮނުވައިދީފި

ދާދިފަހުން ދުބާއީއިން އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާގެ މަޝްހޫރު ޔޫޓިއުބް ތަރި މަދަން ގޯރީގެ ފޯނު އެއާޕޯޓުތެރޭ ގެއްލިފައި ވަނިކޮށް އެ ހޯދައި ދިނުމުން ދުބާއީގެ ފުލުހުންނަށް އޭނާ ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

އާއްމުންގެތެރޭ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔޫޓިއުބް ތަރީގެ ފޯނު ގެއްލުނީ ދުބާއީން އިންޑިއާގެ ޗެންނާއީއަށް ކުރި ދަތުރުގައި ދުބާއީގެ އެއާޕޯޓުތެރެއަށެވެ.

މަދަންގެ ފޯނު ގެއްލުމާ ގުޅިގެން ފޯނު ހޯދައިދިނުމަށް އެދުމުން އެއާޕޯޓުގެ މުވައްޒަފުން އެދުނީ ފޯނުގެ މައުލޫމާތު ހިމެނޭ އީމެއިލްއެއް ކުރުމަށް ކަމަށާއި އޭނާ ޗެންނާއީއަށް ދިޔަތަނުން ފޯނު ފެނިފައިވާ ކަމަށް ބުނެ އީމެއިލްއެއް ލިބުނު ކަމަށް މަދަން ވަނީ ބުނެފައެވެ.

އޭގެ ހަފުތާއެއް ފަހުން، އެއްވެސް އަގެއް ނުނަގައި، މަދަންގެ ފޯނު ރައްކާތެރިކަމާއެކު ޗެންނާއީއަށް ފޮނުވައިދިން ކަމަށް މަދަން ބުނެއެވެ. އެކަމަށްޓަކައި އޭނާވަނީ ދުބާއީގެ އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހުންނަށާއި އެމިރޭޓްސްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށް އޭނާގެ ޔޫޓިއުބްގައި ވީޑިއޯއެއް ވެސް ޕޯސްޓުކޮށްފައެވެ.

ދުބާއީގެ އެއާޕޯޓުގެ ފޮޓޯއެއް--ފޮޓޯ/ޕިންޓްރެސްޓް

އެ ވީޑިއޯ ވައިރަލްވެ ލިބުނު ތަރުހީބާއެކު މަދަންގެ ޔޫޓިއުބް ވީޑިއޯ ބެލި މީހުންގެ އަދަދު 2.6 މިލިއަނަށް އަރާފައިވާއިރު ދެ ލައްކަ މީހުން ވަނީ އެ ވީޑިއޯއަށް ލައިކްކޮށްފައެވެ.

މި ވީޑިއޯ ޕޯސްޓު ކުރަމުން މަދަން އިސްޓަގްރާމްގައި ބުނެފައި ވަނީ އެއީ ފައިސާދީގެން ކުރި ވީޑިއޯއެއް ނޫން ކަމަށާއި އެ ވީޑިއޯ ތައްޔާރުކުރުމުގެ ބޭނުމަކީ ދުބާއީ ފުލުހުންނާއި އެމިރޭޓްސްއިން ދިން ޚިދުމަތުގެ އަގުވަޒަން ކުރުން ކަމަށެވެ. ހަމައެއާއެކު ދުބާއީއަކީ ދަތުރުކުރަން ބަލާއިރު ދުނިޔޭގައި އޮތް އެންމެ ރައްކާތެރި ގައުމު ކަމަށް މަދަން ވަނީ ބުނެފައެވެ.

މަދަންގެ ޔޫޓިއުބް ވީޑިއޯ ބެލުމަށްފަހު ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ ދުބާއީއަށް ދަތުރުކުރުމަށް އެމީހުން ލޯބިކުރާ އެއް ސަބަބަކީ ވެސް އެ ގައުމުގެ ރައްކާތެރިކަން ކަމަށާއި އަގުބޮޑު އެއްޗެއް ގެއްލުނަސް ދުބާއީގެ ފުލުހުން އެ ތަކެއްޗެއް ހޯދާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށެވެ.

ދުނިޔޭގެ އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީ ސިޓީއަކީ އެ ސިޓީގެ ހަރުކަށި ގާނޫނުތަކާއި ޒިންމާދާރު އިދާރާތަކުގެ ސަބަބުން، އެތައް ބަޔެއްގެ އިތުބާރު ލިބިފައިވާ ސިޓީއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް