އަހަރުގެ ބާކީ ހަތަރު މަސް އޮއްވައި، ސަބްސިޑީއާއި ދަރަންޏަށް ބަޖެޓުކުރި ފައިސާ ހުސްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދައުލަތުން ސަބްސިޑީތަކާއި އެހީގެ ގޮތުގައި ދިން ފައިސާގެ އަދަދު 6.11 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ދާއިރާތަކަށް 8.611 ބަޖެޓުކޮށްފައިވާއިރު، އެންމެ ބޮޑު އަދަދެއް ޚާއްސަކޮށްފައިވަނީ އާސަންދައާއި ސަބްސިޑީއަށެވެ.
އާސަންދައާއި ސަބްސިޑީއަކީ ވެސް ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރަން ޖެހޭ ދެ ދާއިރާ ކަމަށްވާއިރު، މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބަލްކު ޕްރޮކިއުމަންޓުގެ އުސޫލުން ގަނޑުކޮށް ބޭސް އެތެރެކޮށް، އަގުތައް މުރާޖާކުރުމުން މިހާތަނަށް 10 ބޭހެއްގެ އަގު ދަށްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެެވެ.
އެ ފިޔަވަޅުތަކާއެކު ވެސް، އާސަންދަ ބަޖެޓުގެ 71 ޕަސެންޓް މިހާރު ވަނީ ޚަރަދުކޮށްފައެވެ. އެއީ 1.85 ބިލިއަން ރުފިޔާގެ ތެރެއިން 1.32 ބިލިއަނެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ވެސް 17 ޕަސެންޓް އިތުރު އަދަދެކެވެ.
މި ސަރުކާރުގެ ބަޖެޓު އެކުލަވާލިއިރު ސަބްސިޑީ އިސްލާހުކޮށް، ޚަރަދު ކުޑަކުރަން ރޭވި ނަމަވެސް، އެ އިސްލާހުތައް ގެނެސްފައިނުވެއެވެ. އަދި ސަބްސިޑީތަކަށް ކަނޑައެޅީ 1.86 ބިލިއަން ރުފިޔާ ނަމަވެސް މިހާރު އެ އަދަދު ފަހަނައަޅައި ގޮސް، ޚަރަދު ވަނީ 2.05 ބިލިއަނަށް އަރައިފައެވެ. އެއީ ބަޖެޓަށް ވުރެ 10 ޕަސެންޓު އިތުރު އަދަދެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިނޭންސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަތަރު މަސް އޮއްވައި، ސަބްސިޑީއާއި ދަރަންޏަށް ބަޖެޓުކުރި ފައިސާވަނީ ހުސްވެފައި -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ ދަރަނި ބޮޑުވުމުން އަންނައިރު، ބޭރުގެ އިދާރާތަކުން އެންމެ ގިނައިން ފާޅުކުރާ ކަންބޮޑުވުމަކީ ދައުލަތުން ސަބްސިޑީތަކާއި ޕެންޝަނަށް ދެމެހެއްޓުމެއް ނެތް ގޮތަކަށް ޚަރަދު ކުރަމުން އަންނަ ކަމެވެ. ރާއްޖޭގެ ކުރިއެރުމަށް ޓަކައި އެ ނިޒާމުތަކަށް ބަދަލު ގެންނަން އެ އިދާރާތަކުން އެކި ފަހަރު މަތިން ގޮވާލައިފައިވެއެވެ.
އެ ލަފަޔާ އެއްގޮތަށް މި އަހަރުގެ ބަޖެޓު އެކުލަވާލި ނަމަވެސް، މިދިޔަ މެއި މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ދެމުންދާ އެއްޗަކުން އެއްޗެއް އުނިކޮށްގެން ފައިސާ ސަލާމަތް ކުރުމުގެ ބަދަލުގައި، މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ޚަރަދު ކުޑަ ކުރަން ނިންމަައިފައިވާކަން އިއުލާންކުރައްވައިފައެވެ. އެގޮތުން މަޝްރޫއުތައް ދައުލަތް ހިއްސާވާ ކުންފުނިތަކަށް ދިނުމާއި ގަނޑުކޮށް ތަކެތި ގެނެސްގެން އެފަދަ މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން ޚަރަދު ކުޑަ ކުރަން ޖެހިފައިވާ މައިގަނޑު ސަބަބަކީ ދަރަނި އަދާކުރުން ކަމަށްވާއިރު، މި އަހަރު އެކަމަށް 3.87 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ނަމަވެސް، މިދިޔަ މަހުގެ 28ގެ ނިޔަލަށް އެއަށްވުރެ އިތުރަށް 76.6 މިލިއަން ދަރަންޏަށް ޚަރަދުކޮށް، ޖުމްލަ ޚަރަދު ވަނީ 3.95 ބިލިއަނަށް އަރައިފައެވެ.
މީގެ އިތުރުން ދައުލަތުން މުސާރައާއި އިނާޔަތާއި ޕެންޝަނަށް ކުރާ ޚަރަދު ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 8.95 ބިލިއަން ނަމަވެސް މި އަހަރު ވަނީ 9.42 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން މުސާރައަށް އެކަނި ވެސް ފަސް ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވެއެވެ.
ރާއްޖެއިން އަންނަ މަހު 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހޭއިރު ނޮވެންބަރުގައި ވެސް އިތުރު ދަރަންޏެއް އެބައޮތެވެ. އެއަށްފަހު އަންނަ އަހަރު މެދުތެރޭ 1.1 ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.
އެހެންވެ، ޚަރަދު ކުޑަ ނުކުރާނަމަ ރާއްޖެއަށް ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބޭރުގެ އިދާރާތަކުން ބުނެއެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުން، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެފަދަ ސަބަބުތަކާ ހެދި ރާއްޖެއަށް މާލީ އެހީ ހޯދަން އިތުރު ދަތިތަކާ ދިމާވާނެކަން މީގެ ކުރިން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.