މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 113.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ޝާއިޢުކުރި ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 18.12 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
އެމްއައިބީން ހާމާކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުގެ އެސެޓް ވަނީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 11.11 ޕަސެންޓް ކުރިއަރާފައެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިބީގެ ޖުމްލަ އެސެޓް ވެލިއު ވަނީ 18.50 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރީ 16.65 ބިލިއަން ރުފިޔާގައެވެ. މިއީ 1.85 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއައިބީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 163 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 47 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑިޕޮސިޓްގެ ގޮތުގައި ޖުމްލަ 15.40 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 1.76 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި 12.89 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއައިބީން ހާމަކުރިގޮތުގައި ދުވަހުން ދުވަހަށް އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވެގެންދިޔުމަކީ ބޭންކަށް ކުރާ އިތުބާރާއި ޔަގީންކަން ބޮޑުވަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މި އަހަރުގެ ފުރަތަމަ ކުއާޓާރާ ދެމެދު ވެސް ފަސް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. އެ ބޭންކުން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.