ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަން ބޮޑު ހަރަކާތެއް ފެށުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ބިދޭސީންގެ ބައޯ މެޓްރިކް ޑޭޓާ އެއްކުރުމަށް އެ މިނިސްޓްރީން ކުރިއަށްގެންދާ 'ކުރަނގި އޮޕަރޭޝަން'ގައި މިހާތަނަށް 160،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
އެ ޑޭޓާއިން އެނގުނު ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ޚިލާފަށް އުޅޭކަން ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖީދު ވިދާޅުވި ގޮތުގައި ގަވައިދާ ޚިލާފަށް ގިނަ ބިދޭސީން އުޅެނީ ވަޒީފާ ދޭ ފަރާތުގެ އިހުމާލުންނެވެ. އެހެންކަމުން އެކަން ހައްލުކުރުމުގެ ގޮތުން ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭން އެ މިނިސްޓްރީން ބޮޑު ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
[ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމުގެ]އެ ފުރުސަތު، މި ވިންޑޯ ހުޅުވާލީމަ ފުރުސަތުގެ ބޭނުން ހިފައިގެން ގަވާއިދުގެ ތެރެއަށް ވަނުން އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އެކިއެކި ހާލަތްތައް ކުރިމަތިވެގެން ނުވަތަ ވަޒީފާ ދޭ ފަރާތުގެ އިހުމާލު އޮވެގެން ނަމަވެސް ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ބިދޭސީން ތިބޭނެކަމަށް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް
މަޖީދު ވިދާޅުވި ގޮތުގައި ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދޭން ނިންމާފައި ވަނީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެކެވެ.
ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން ވެސް އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ.
އޭގެއިތުރަށް، އިމިގްރޭޝަނުން ދަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ މީހުން ގާނޫނުގެ ތެރެއަށް ވެއްދުމާއި، ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ މީހުން ލައްވައި ނުގަވާއިދުން މަސައްކަތް ކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ.