ނަފުސާނީ އަދި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދަން ތްރައިވް ސޮސައިޓީ އުފައްދައިފި

ތޮރައިވް ސޮސައިޓީގެ މެންބަރުން: ނަފުސާނީ މައްސަލަތަކަށް ހައްލު ހޯދަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތޮރައިވް ސޮސައިޓީގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ވަނީ އުފައްދާފައި ----

ރާއްޖޭގެ އިޖުތިމާއީ މައްސަލަތައް ދެނެގަނެ، އިޖުތިމާއި އަދި ނަފުސާނީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރު އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތްރައިވް ސޮސައިޓީގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިފިއެވެ.

އެ ޖަމިއްޔާއަކީ ރާއްޖޭގެ ސިއްހީ އަދި އިޖުތިމާޢީ މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް ހައްލުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ. އެގޮތުން، މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ތްރައިވް ސޮސައިޓީން މަސައްކަތްކުރާނެއެވެ. ޚާއްސަކޮށް، ނަފުސާނީ ދުޅަހެޔޮކަމާއި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް ބޮޑު ސަމާލުކަމެއް ދޭކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާގެ ފުރަތަމަ އަހަރީ އާންމު ބައްދަލުވުން ރޭ ބާއްވައި، މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

ތްރައިވް ސޮސައިޓީގެ މެންބަރުން: މިއީ އިޖުތިމާއީ އަދި ނަފުސާނީ މައްސަލަތަކަށް ޚާއްސަކޮށްގެން އުފެއްދި ޖަމިއްޔާއެއް --

ތްރައިވް ސޮސައިޓީގެ ޗެއާމަންގެ މަޤާމު ފުރުއްވަނީ އުމަރް އަހުމަދް ހުސައިނެވެ. ވައިސް ޗެއާމަންއަކީ މަރްޔަމް ޝަކީބް، އަދި ޖެނެރަލް ސެކްރެޓަރީއަކީ މުހައްމަދު މުސާއިދެވެ. ރިޝާދާ ރަޝީދު ޓްރެޝަރާގެ މަސައްކަތް ކުރައްވާއިރު، މަރްޔަމް މަނިކް ހުންނަވަނީ އިންތިޒާމު ސެކްރެޓަރީގެ މަޤާމުގައެވެ. މީގެ އިތުރުން، ޑރ. އިބްރާހިމް އަހުމަދު ރާޒީ، މަރްޔަމް ސާދާ، ފާތިމަތް މިޒްނާ، އައިޝަތު ހަނާން މުހައްމަދު ދީދީ އަދި އައިޝަތު ސުބާ ހިމެނެނީ އެގްޒެކެޓިވް މެންބަރުންގެ ގޮތުގައެވެ. ތްރައިވް ސޮސައިޓީގެ ފައުންޑަރުންނަކީ އުމަރު އަހުމަދު ހުސައިނާއި، ޑރ. އިބްރާހިމް އަހުމަދު ރާޒީއާއި މަރްޔަމް ސާދާއެވެ.

އެ ޖަމިއްޔާއިން ބުނީ، އެކި މީހުންގެ ފަރާތުން ލިބުނު ފީޑްބެކްތަކަށް ބަލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މޮޅު ސައިކިއާޓްރިކް ޑޮކްޓަރުން ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ގެނައުމަށް ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އެންޑޯމެޓްރިއޯސިސްގެ ބައްޔަށް ޚާއްސަ ޑޮކްޓަރުންނާއި އެހެން ބަލިތަކުގެ ފުންނާބުއުސް ޑޮކްޓަރުން ރާއްޖެ ގެނައުމަށް މަސައްކަތްކުރާނެކަން ފާހަގަކުރިއެވެ.

ތޮރައިވް ސޮސައިޓީއަށް މެންބަރުން އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެޖަމިއްޔާއަކީ ރާއްޖޭގެ އިޖުތިމާއީ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ----

މީގެ އިތުރުން، ދަރިންނާ ބައްދަލުނުކުރެވޭ މައިންބަފައިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ތްރައިވް ސޮސައިޓީން ބޭނުންވެއެވެ. އެ ކަންކަމަށް ހައްލުތައް ހޯދައިދިނުމަށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާއި ގާނޫނީ ވަކީލުންނާ ގުޅިގެން މަސައްކަތްކުރާނެކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

އަހަރީ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ޗެއާމަން އުމަރު އަހުމަދު ހުސައިން ވިދާޅުވީ، މުހިންމު ނުވަ އެއްބަސްވުމެއްގައި މި އަހަރު ސޮއިކުރަން ވިސްނަވާފައިވާ ކަމަށެވެ. އެގޮތުން، ޒީޑް އިންޓަނޭޝަނަލްއާ އެކު އެންޑޯމެޓްރިއޯސިސް ބައްޔަށް ފަރުވާކުރާނެ ޑޮކްޓަރުން ތަމުރީންކުރުމާ ގުޅޭ ޕްރޮގްރާމްތަކާއި ޓްރެއިނިންތައް ހިންގުމަށް ރާވާފައިވާކަން އުމަރު ފާހަގަކުރެއްވިއެވެ.

ތޮރައިވް ސޮސައިޓީގެ މެންބަރުންތަކެއް -----

ޒީޑް އިންޓަނޭޝަނަލްއާ ގުޅިފައިވާ ބައެއް ޔުނިވަސިޓީތަކާ ގުޅިގެން އެ ބަލީގެ ސިލަބަސްތައް އެކުލަވާލުމުގެ މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ޔުނިސެފާއެކު ބައްދަލުވުމެއް ބާއްވާފައިވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، އެމްއޯޔޫއެއް ސޮއިކޮށް އެކީގައި މަސައްކަތް ކުރުމަށް ޔުނިސެފުގެ ޝައުގުވެރިކަން ހުރި ކަމަށެވެ. އެހެންވެ، ޔުނިސެފާއެކު، އެކި ޕްރޮގްރާމްތަކުގައި އެހީތެރިވެ ބައިވެރިވުމަށް ރަށްރަށަށް ދިއުމަށް ތޮރައިވް ސޮސައިޓީން ވިސްނަމުން އަންނަ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވާހަކަ ނިންމަވާލެއްވީ، ކަންކަން ރަނގަޅު ފެންވަރެއްގައި ދިރާސާކޮށް އާއްމުންނަށް ދިމާވެފައި ހުންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ދިވެހި ސަރުކާރާއި އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާނެކަން ފާހަގަކުރައްވަމުންނެވެ.

comment ކޮމެންޓް