އުމުރުން ހަތްދިހަ ވަރަކަށް އަހަރު, ނުވަތަ އެއަށްވުރެ ދިގު ނުވަތަ ކުރު, އުމުރެއްގައި ދުނިޔޭގައި އުޅެފައިދާ ކިތަންމެ މީހެއް އަހަރެމެން ދަންނަމެވެ. އެކަމަކު, އާއްމު ރައްޔިތުން ވެސް އަދި ނޫސްވެރިން ވެސް އެ މީހުންގެ މާލީ ބަޔާން ހުށަނާޅައިގެން, ނުވަތަ އެ މީހުން ކުރާ ކަމަކާމެދު, ސުވާލެއް ވެސް, ޝަކުވާއެއް ވެސް ނުކުރެއެވެ. ސަބަބަކީ ގިނަ މީހުންނަކީ ބޮޑެތި ހުވާތައްކޮށް, ދައުލަތުގެ ވަސީލަތްތަކާއި މަގާމުތަކާ ހަވާލުވެތިބި މީހުން ކަމަށް ނުވާތީއެވެ.
މިއީ މިއަދު ރާއްޖޭގެ ސިޔާސީން ވަރަށް ރަނގަޅަށް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ތަނެއްގައި, އިސްމާއީލެއް, އިބްރާހީމެއް, އަބްދުاللهއެއް ހުއްޓަކަސް އާއްމު ރައްޔިތުން ވެސް, އަދި ނޫސްވެރިން ވެސް އެ މީހުންގެ ކަންކަން ނުބަލާނެއެވެ. ފާޑެއް ވެސް ނުކިޔާނެއެވެ. އެކަމަކު, އަސާސީ ގިނަ ޚިދުމަތްތަކެއް ނުލިބޭ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން, މާ ސިންގާ ބޮޑެތި މުސާރައާއި ގިނަ އިނާޔަތްތަކެއް ނަންގަވައިގެން, މަގާމުތަކާ ހަވާލުވެ ހުންނަވާނަމަ, ތިމާމެންނާ ސުވާލު ވެސް ކުރާނެއެވެ. ފާޑު ވެސް ކިޔާނެއެވެ. އެއީ, ތިމާއަކީ ވަކި މީހަކަށް ވީމާ ކުރާ ސުވާލާއި ކިޔާ ފާޑެއް ނޫނެވެ. އެއީ ހަވާލުވެ ހުންނެވި މަގާމާއި ވަޒީފާގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
ފާޑުކިޔުމާއި ސުވާލު ކުރުމަށް ޖާގައެއް ނެތް
ހަމައެކަނި މި ސަރުކާރެއް ނޫނެވެ. އިއްޔެ ވެސް މިއަދު ވެސް ރާއްޖޭގެ އިސް މަގާމުތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން މި ހިތާމަވެރި, މި ޒަމާނާ ނުވެސް ގުޅޭ މި މަންޒަރު އެބަފެނެއެވެ. އާއްމުންނާއި ނޫސްވެރިން ކުރާ ފޯނަކަށް, ފޮނުވާ މެސެޖަކަށް, ހުށަހަޅާ އާރުޓީއައިއަކަށް ބައެއް ބޭފުޅުން ޖަވާބެއް ނުދެއްވައެވެ. ވަކިވަކި ސުވާލުތަކަށް ޖަވާބު ނުދެއްވާތާ, އާއްމު ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި އުސޫލުތައް ތަންފީޒުކުރަން ފަށަނީ, އިސްވެ އެ ވުޒާރާތަކުން އެކަންކަން އިއުލާނުކުރުމެއް ވެސް ނެތިއެވެ. ދެން އެ ސިޔާސަތުގެ ވާހަކަދެއްކުމުން, އެއްކަލަ ޖަވާބުދާރީވެނުލެއްވި ވުޒާރާގެ ވަޒީރު, އިސްވެ, އަނެކާ ވަރަށް ދަށްކޮށްލާ މޭރުމުން ސޯޝަލް މީޑިއާގައި ލިޔުއްވައި އެބަ ހައްދަވައެވެ. ޓެކްސް ފައިސާއިން މުސާރައާއި އިނާޔަތާއި ހިމާޔަތް ހޯއްދަވާ ބޭފުޅުން މި ފެންވަރަށް ވެއްޓުން މިއީ ހަގީގަތުގައި ދެރަ ކަމެކެވެ.
މިއަދު, މިހާރުގެ ވާހަކަދައްކަމާތޯއެވެ. އެހެންކަމުން އަނެއް މިސާލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނާ ގުޅިގެން ކަން މި ހިނގާ ގޮތެވެ. ރާއްޖޭގައި ވެސް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އެންމެންނަށް ފެންނަ ގޮތަށް ހާމަކުރުމަކީ ގާނޫނީގޮތުން އެ މެންބަރުންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެއީ، ހަމައެކަނި މި ރާއްޖޭގައި އެކަނި ކުރާ ކަމެއް ނޫނެވެ. އެމެރިކާއާއި އިނގިރޭސިވިލާތަށް ބެލި ނަމަވެސް އަދި ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ސިޔާސީން އެ މީހުންގެ މާލީ ކަންކަން ހާމަކުރަން އޮންނަނީ ލާޒިމުކޮށްފައެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަޒީރުން ހިމެނޭ ގޮތަށް ސިޔާސީ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އިސްވެ ހާމަ ކުރިއެވެ. މި ސަރުކާރުގައި އަދި އެކަމެއް ނުކުރެއެވެ.
ތަހުޒީބީ ގައުމުތަކުގައި, މާލީ ބަޔާންތައް ހާމަކުރަން ލާޒިމުކުރާ ސަބަބަކީ ދައުލަތުގެ ވަސީލަތްތަކަށް ނުފޫޒު ފޯރުވޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށެވެ.
މިހާރު މި ހިނގާ މަޖިލީހަށް މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ މުއްދަތު ހަމަވިއިރު, ފަސް މެންބަރަކު ހުށަނާޅުއްވައެވެ. އެއީ ވެރިކަން ކުރާ, އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ހަތަރު މެންބަރަކާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީން މަޖިލީހުގައި އިންނަވާ ހަމައެކަނި މެންބަރެވެ. މި ބޭފުޅުން މާލީ ބަޔާން, ގާނޫނުގައި ބުނާ މުއްދަތަށް ހުށަނޭޅުއްވި ޚަބަރާއެކު ދެން ކަންވި ގޮތް ބައްލަވާށެވެ. ލަދުވެތި, ހިތާމެވެރި ގޮތެވެ.
އޭގެ ތެރޭގައި ހިމެނޭ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ކޯފާވެވަޑައިގެންނެވީ ނޫސްވެރިން ދެކެއެވެ. ތިމާއަށް ގާނޫނުން ލާޒިމުކުރާ ކަމެއް، އެ ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ނުކުރެއްވި ވާހަކަ މަޖިލީހުން ބުނުމުން، އެ ވާހަކަ ނޫސްތަކުގައި ލިޔުމުން, އެކަމަށް ޖަވާބުދާރީވެވަޑައިގެންނެވުމުގެ ބަދަލުގައި އަވަސް އަވަހަށް ގޮވާލެއްވީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލު އަވަސް ކުރެއްވުމަށެވެ. އެކަމަކު، ހަގީގަތަކީ ކޮންމެ ބިލެއް ފާސްކުރިނަމަވެސް, ގާނޫނީ ގޮތުން ލާޒިމުކުރާ ކަމެއް ނުކުރެއްވުމުން އެ ވާހަކަ މީޑިއާގައި ދައްކާނެއެވެ.
އެހެން ބައެއް އިސް މެންބަރުން ކޯފާ އިސްކުރައްވައި، ސޯޝަލް މީޑިއާގައި ލިޔުއްވަމުން އެ ގެންދަވަނީ މާލީ ބަޔާނުގައި ހުރި ވާހަކަތައް ނޫސްތަކުގައި ލިޔާތީއެވެ. އެއީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިނގާ ކަންކަމެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މިލްކިއްޔާތަކީ ތަހުޒީބީ ގައުމުތަކުގައި ސިއްރުކުރެވޭނެ ކަންކަމެއް ނޫނެވެ. މިސާލަކަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް އަހަރެއްގެ ތެރޭގައި ހެޔޮ އެދޭ ބޭފުޅުން މިލިއަނެއްހާ ރުފިޔާ ދެއްވި ވާހަކަ މާލީ ބަޔާނުގައި އޮތުމުން އާއްމުން ވެސް ނޫސްވެރިން ވެސް އެ ވާހަކަ ދައްކާނެއެވެ. މާލީ ބަޔާން ބުނާގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނަށް ހެޔޮ އެދޭ މީހުން ދިން ފައިސާ މަހެއްގެ މައްޗަށް ބަހާލުމުން އުޅެނީ 79,000 ރުފިޔާއަށް ވުރެ މަތީގައެވެ. ދައުލަތުގެ އެއްބާރުގެ ވެރިޔާގެ މާލީ ބަޔާނުގައި އެހެން އޮތުމުން އެ ވާހަކަދެއްކުމުގެ މައްސަލައަކީ ކޮބާތޯއެވެ؟ އެހެނެއް ނޫނެވެ. އެކަމާ ގުޅުވައި ވެސް ސާބިތު ނުހިފޭ ދޮގު ވާހަކަދައްކައިގެން ނުވާނެއެވެ. އެކަމަކު، މާލީ ބަޔާނުގައި އޮތް އެއްޗެއް، ހަމަ އިރުއިރުކޮޅާ ވެސް ކިޔަންވީ ނޫންތޯއެވެ؟
މިއަދުގެ ސިޔާސީ ވެއްޓަށް ބަލާއިރު މިފަދަ ކަންކަން ސިޔާސީންނަށް ގަބޫލު ކުރެވޭތަނެއް ނުފެނެއެވެ. މި ޒަމާނުގެ ގޮތަށް ބުނާނަމަ "ހަޖަމެއް" ނުވެއެވެ. ފުލުފުލުން ސޯޝަލް މީޑިއާގައި އެ ލިޔުއްވާ ލިޔުއްވުންތަކުގައި އެ ދައްކަވާ ވާހަކަތަކުންނާއި, ނޫސްވެރިން އުލުބައިންދަން (ވަރަށް އަނިޔާވެރިކޮށް މެރުން) ފަދަ ކަންކަން ކުރަން އެ ގޮވާލެއްވެނީ އެހެންވެ ކަމަށް ވެދާނެއެވެ. އަދި، ބައެއް ވުޒާރާތަކުން ހަދާ ސިޔާސަތުތަކަށް ދާއިރާގެ ތަޖުރިބާކާރުންގެ ބަސް ހިމަނައިގެން ފާޑުކިޔުމުން ވެސް، ބައެއް ވަޒީރުން ސޯޝަލް މީޑިއާގައި އެ އުޅުއްވާ ގޮތުން ވެސް ދުރުގައި ބަލަން ހުންނަ މީހެއްގެ ހައިސިއްޔަތުން ފެންނަނީ, ސުވާލު ކުރުމާއި ފާޑު ކިޔުމަށް މަރުހަބާ ނުކިޔޭކަމެވެ. އަދި، ހިތާމައަކީ ސުވާލުކުރުމުން ޖަވާބުދާރީނުވެ ހުންނަވައި އެ ގޮތަށް އުޅުއްވާތީއެވެ. އެ އުޅުއްވާ ގޮތުން އަނެއް މީހާއަށް ރަނގަޅު ގޮތެއް ބުނެދެވިދާނެ ކަމަށް ގަބޫލުނުކުރެވޭހެން ހީވާ ކަހަލައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ފާރަވެރިންނަށް ފުރުސަތު ދޭން ޖެހޭ
އެންމެ ކުރީންސުރެ ފެށިގެން މިއަދާ ހަމައަށް ވެސް އިންސާނުންގެ ތެރޭގައި އޮތްކަމެކެވެ. މަގާމުތަކަށް އާދެވުމުން, ތިމާ ނޫން އެހެން މީހުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ހީވުމާއި, ހުރިހާ ކަމަކާއި ހުރިހާ އެއްޗެއް އެންމެ މޮޅަށް, އެންމެ ފުރިހަމައަށް އެނގޭ މީހަކީ ތިމާ ކަމަށް ހީވުމަކީ ބައެއް މީހުންނަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މަގާމުގެ އާރާއި ބާރުގެ ވަގުތީ އަވައިގައި ޖެހި ތިމާއަށް ތިމާ ފެނިގެން އުޅުމަކީ އިންސާނީ ތަބީއަތަކަށް ވެދާނެއެވެ. އިސް މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ އަމަލުތަކާމެދު ފާރަވެރިވާނެ ބަޔަކު ތިބެން ޖެހެނީ މިފަދަ ކަންކަން ހުރުމުންނެވެ.
ވެރިކަން ކުރުމާއި، ގާނޫނު ހެދުމާއި, އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަށް ފަހު, ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ ނޫސްވެރިންނޭ ބުނަނީ ގިނަ ޒިންމާތަކެއް އެ މީހުންގެ މައްޗަށް އޮންނާތީއެވެ. އަދި، ރާއްޖެ ކަހަލަ, އެ ކުރާ ގޮތަކަށް ތިން ބާރު އެއްކޮށްގެން ވެރިކަންތައް ކުރާ ގައުމުތަކުގައި ނޫސްވެރިންގެ ޒިންމާ އަދި މާ ބޮޑެވެ. އެކަމަކު، ނޫސްވެރިން ވެސް އެކަން ކުރަންވާނީ ޒާތީނުވެ, އަމިއްލަ އެދުން އިސްނުކޮށް, އެތިކްސްގެ ތެރޭގައެވެ.
ޑިމޮކްރަސީގައި ނޫސްވެރިންގެ އެންމެ ބޮޑު ޒިންމާއަކީ ފާރަވެރިވުމެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތަށް ބަލާއިރު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ. ހަމައެއާއެކު ސަރުކާރާއި ދައުލަތުގެ އެހެން ބާރުތައް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރާތަން ވެސް އެބަފެނެއެވެ. މި ގައުމުގައި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި އިދާރާތައް އުފައްދައި މިލިއަނުން ޚަރަދުކުރި ނަމަވެސް ގިނަ ތަންތަނަކީ ފަންކްޝަންވާ ތަންތަނެއް ނޫނެވެ. ވެރިކަމުގައި ތިބޭ ބަޔަކު ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް ގިނަ ފަހަރަށް އެކަން ބަލަން އޮންނަ މުއައްސަސާ އޮންނާނީ ގަދަ ނިދީގައެވެ. ކިރިޔާ ވެސް އެ ވާހަކަދައްކައި, ފެންމަތިކުރާ ބަޔަކީ ނޫސްވެރިންނެވެ.
ރަނގަޅު ހަރުދާނާ ޑިމޮކްރަސީތަކުގައި ވެރީން، އާއްމުންނާއި ނޫސްވެރިންނަށް ޖަވާބުދާރީވެއެވެ. ސުވާލުތަކާއި ފާޑުކިޔުންތައް ބަލައިގަނެއެވެ. ސަބަބަކީ އެ ކަމާ ނުލައި ހެޔޮ ވެރިކަމެއް ނުކުރެވޭނެތީއެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން އިންޑިއާފަދަ ގައުމުތަކުގެ ނޫސްތަކާއި ޓީވީތަކުން މެދުނުކެނޑި ސިޔާސަތުތަކަށް ފާޑުކިޔާނެއެވެ. އެކަމަށް އެ ގައުމުތަކުގެ ގިނަ ވެރީން ޖަވާބުދާރީ ވަނީ އެއީ އެ މީހުންގެ ވާޖިބެއް ކަމަށް ދެކިގެންނެވެ. ނަމަވެސް، މި ގައުމުގައި މިހާރު ވެސް މީޑިއާ ކޮންޓްރޯލް ކުރާ ބިލެއް, ހަރުކަށި އަދަބުތަކެއް ދޭ ގޮތަށް ހުށަހަޅައި، އެ އޮތީ މަޖިލީހުގައެވެ. ޖަވާބުދާރީވުމުގެ ބަދަލުގައި އަމަލު ކުރައްވަނީ ފާޑުކިޔާ މީހުންނާއި ސުވާލު ކުރާ މީހުން ހުއްޓުވުމަށެވެ.
ގައުމީ ގިނަ ކަންކަމުގައި ހިޔާލު ފާޅު ކުރައްވާ, މަޝްހޫރު ވިޔަފާރިވެރިޔާ, މުޙައްމަދު ފިރާގު (އިނަމޯލްޑިވްސް ފިރާގު), ވިދާޅުވަނީ އެ ވާހަކައެވެ. އޭނާ ވިދާޅުވި ގޮތުގައި ވަކި މަގާމަކަށް އައުމުގެ ކުރިން އެ މަގާމެއްގެ ގަވާއިދުތައް ވިސްނާ ދެނެގަންނަން ޖެހެއެވެ. އަދި، އެ މަގާމަށް އާދެވުމުން އަމަލުކުރަން ޖެހޭ ގަވާއިދުތަކަށް އަމަލު ނުކުރުމުން, އާންމު ކަންބޮޑުވުންތަކެއް އުފެދިއްޖެނަމަ އެކަން ފާހަގަކުރާ މީހުންނާ މެދު ހިތްހަމަނުޖެހި، ކަންބޮޑުވެ, ރުޅިއައުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ފިރާގު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު: ރައީސަށް ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް
ފާޑުކިޔަން ނޭދޭ މީހުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ކޮންމެ ވެސް ކަމެއް ކުރުމެވެ. ސަބަބަކީ އެ މީހަކު އަމިއްލަ ސްކޫލެއް, ނުވަތަ ވަޑާންގެއެއް ހިންގަން އެކުލަވާލާ އުސޫލަށް އާއްމު ރައްޔިތުންނާއި ނޫސްވެރިން ވެސް ފާޑު ނުކިޔާނެތީއެވެ. އަދި، އެ ވިޔަފާރިން ހޯދާ ނަފާގެ މައުލޫމާތު ހާމަނުކޮށްގެން ވެސް ނޫޅެނެތީއެވެ.
މިއީ މިއަދު ރާއްޖޭގެ އިސް މަގާމުތަކާ ހަވާލުވެވަޑައިގެން ހުންނެވި ސިޔާސީ މީހުންނާއި ކުރިއަށް އޮތްތަނުގައި މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން ތިބި މީހުން ވެސް ދަސްކުރައްވަން ޖެހޭ ކަމެކެވެ. ފާރަވެރިވެ، ފާޑު ކިޔުމަކީ ނޫސްވެރިންގެ ވާޖިބެކެވެ. ފާސްކުރާ ބިލަކުން, ރަހުމު ކުޑަ ގޮތްގޮތަށް މަރަން ގޮވާ ގޮވުމަކުން މިއަދު އެކަމެއް ނުހުއްޓޭނެއެވެ. އާއްމުންނާއި ނޫސްވެރިން އެ މީހުންގެ މިންގަނޑުގެ ތެރެއިން ޒާތީނުވެ، ފާޑު ކީމައި، އަދި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރީމާ ކޯފާވެގެން ސިޔާސީން ނުކުންނަން ވީމާ، ތިޔަ ހަވާލުވެ ހުންނެވި މަގާމުގެ ކޯޓު ތިމާއަށް ހެޔޮވަރު ނޫނީއެވެ. އެހެން ކަމަކާ އަވަހަށް އުޅުއްވާށެވެ. މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން ވާނީ ޖަވާބުދާރީވާން ކެރިވަޑައިގަންނަވާ ނަމައެވެ.