ރަސޫލާއަށް އިހުތިރާމުނުކުރާ ނަމަ އަމަލުތައް ބާތިލުވެދާނެ: ޚުތުބާ

މީހުންތަކެއް ނަމާދު ކުރަނީ: ޚުތުބާގައި ބުނީ، ރަސޫލާ ދެކޭ ލޯބިވާން ޖެހެނީ އިސްލާމް ދީން ގެނެސްދެއްވައި، މުޖުތަމައު އެކުވެރިކުރެއްވި ކަމަށްޓަކައި ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ރަސޫލާއަށް އިހުތިރާމުނުކުރާ މީހުންގެ އަމަލުތައް ބާތިލުވެދާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލީ، ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ ވާހަކައިގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ޖިންނީންނާއި އިންސާނުންނަށް ތެދު މަގު ދެއްކެވުމަށްޓަކައި ފޮނުއްވި ކީރިތި ރަސޫލާ ދެކެ ލޯބިވުމަށް ﷲ އަންގަވާފައިވަނީ، ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން، ޚުތުބާގައި ވަނީ ކީރިތި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތް ގޮތް ސިފަކޮށް، ކިޔައިދީފައެވެ.

ބަޔަކު މިސްކިތަށް އަރަނީ: ޚުތުބާގައި ވަނީ، ކީރިތި ރަސޫލާގެ ވާހަކަތައް ކިޔައިދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚުތުބާގައި ބުނީ، އޭރު ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރިން ފުރިފައި ކަމަށާއި ބާރާއި ތަނަސްވަނަސްކަން އޮތީ ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށެވެ. އަދި، ރިބާ ކެއުމާއި ބުދަށް އަޅުކަންކުރުން އިންތިހާއަށް އޭރު އޮތްކަން ޚުތުބާގައި ފާހަގަަކުރިއެވެ.

އިސްލާމީ ދީން އައުމުގެ ކުރިން އަންހެން ދަރިން ދިރިތިއްބައި ވަޅުލުމަކީ އަރަބީންގެ ތެރޭގައި ހިނގިކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އޭރު އެފަދަ އެތައް ކަމަކާ ހެދި މީސްތަކުން ތިބީ ހިދާޔަތަށް ކެތްމަދުވެފައި ކަމަށެވެ.

މީސްތަކުން އެފަދަ ހާލަތެއްގައި ވަނިކޮށް، ތެދުމަގައިގެން ފޮނުއްވި ކީރިތި ރަސޫލާ ގެނެސްދެއްވި އިސްލާމް ދީނުގައި އިންސާފާއި ހަމަހަމަކަން އޮތް ކަމަށާއި އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު އެކުވެރިވި ކަމަށް ޚުތުބާގައިވެއެވެ.

ކުޑަކުއްޖަކު މުސައްލައެއް ހިފައިގެން މިސްކިތަށް އަރަނީ: މިއަދުގެ ޚުތުބާގައި ކިޔައިދިނީ ކީރިތި ރަސޫލާގެ ވާހަކަތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ތަނަސްވިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ރަސޫލާ ދެކެ ލޯބިވާން ޖެހެނީ އެ ސަބަބުތަކަށްޓަކައިކަން ޚުތުބާގައި ފާހަގަކުރިއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން، އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ،" ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނީ، ރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން، މިއަދު ރަސޫލާ ދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި ސުންނަތް ދިފާޢުކުރުމާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ކީރިތި ރަސޫލާއަށް އިހުތިރާމުނުކުރާ މީހުންގެ އަމަލުތައް ބާތިލުވެދާނެކަން ޚުތުބާގައި ފާހަގަކުރިއެވެ.

އެއާއެކު، އިސްލާމީ އުންމަތަށް ﷲ ގެނެސްދެއްވި ދީން ފުރިހަމަވާނީ ރަސޫލާގެ ސުންނަތާ ލައިގެންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ގުރުއާނުގައި ﷲގެ ފޮތާއި ރަސޫލާގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި، މުސްލިމުން އެކަތިގަނޑަކަށްވުމަށް އަންގަވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް