އިންސާނީ ހަމަޖެހުމަށް ބޭނުންވާ އަމާންކަން އޮތީ އިސްލާމީ ވެށީގައެވެ. އެ ވެށީގައި މީސްތަކުންގެ މުދާ ހިމާޔަތް ވެއެވެ. ވެރިންނަށް އިޙްތިރާމާއި ޤަދަރު ލިބެއެވެ. މުސްކުޅިންނަށް އަޅާލުމާއި ޝަރަފު ލިބެއެވެ. ދަރިންނަށް އޯގާތެރިކަމާއި ކުލުނު ވެއެވެ. އަންހެނުންނަށް ޢިއްޒަތާއި ހިމާޔަތް ދެއެވެ. މުޅި މުޖުތަމަޢު މަސަލަސްވެ އަމާން ވެއެވެ.
އިސްލާމީ ވެށީގައި އޮތް އަމާންކަމަކީ އިންސާނީ ޠަބީޢަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ سُبْحَانَهُ وَتَعَالَى ކަނޑައެޅުއްވި ޝަރީޢަތެވެ. އެއީ އިންސާނާ ދިރިއުޅެންވީ މަންހަޖެވެ. އޭގައި އެ އިންސާނާއަށް ރަނގަޅު ހުރިހާ ކަމެއް ހުއްދަ ކުރައްވައި، އޭނާއަށް ނުރަނގަޅު އެންމެހައި ކަންކަން ވަނީ މަނާވެގެންނެވެ. ހުއްދަކުރެއްވި ކޮންމެ ކަމަކާއި މަނާކުރެއްވި ކޮންމެ ކަމަކީ ވެސް އިންސާނުންގެ މަންފާއާއި ލާބައަށް ޓަކައި ކަނޑައަޅުއްވައިފައި އޮތް ކަންކަމެވެ. މިއިން ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ މަތިވެރި އިލާހީ ޙިކްމަތްފުޅެއް ވާތީ ތިބާއަށް ފެންނާނެއެވެ.
އިސްލާމީ ޝަރީޢަތާ އިދިކީލިނުވެ ރައްޔިތުންދެކެ ލޯބިވާ ވެރިމީހާއަށް އިޙްތިރާމާއި ޤަދަރު ކުރަންޖެހެއެވެ. އެފަދަ ވެރިންނަށް ނުކިޔަމަންތެރި ވާ މީހާއަށް، ބިންމަތީ ފަސާދަކުރި ކަމުގެ އަދަބު ދެވެއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތްކުރާނެ އަމާން ވެއްޓެއް ވެރިންނަށް ލިބެއެވެ. ވެރިންގެ މަސައްކަތަށް ހުރަސްއަޅައި ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމަށް ހުރަސްއެޅުމަކީ ބިންމަތީ ފަސާދަ އުފެއްދުމެވެ. ވެރިމީހާއަށް އަމާން ވެއްޓެއް ހޯދައިދެނީ އިސްލާމީ އަޚްލާޤިއްޔަތެވެ. އެ މާތް އަޚުލާޤުން ޒީނަތްތެރިވެފައި ތިބި ރައްޔިތެއް އުޅޭނީ އިސްލާމީ ވެށީގައެވެ.
އިސްލާމީ ވެށިން ލިބިދޭ އަނެއް އަމާންކަމަކީ މީސްތަކުންގެ މުދާ ހިމާޔަތްވުމެވެ. މީސްތަކުންގެ މުދާ ނުޙައްޤުން ފޭރި، ވައްކަންކުރާ މީހާ މުޖުތަމަޢަށް ދޫކުރެވެނީ އޭނާގެ އަތް، ކުޑަހުޅުން ކަނޑައިލުމަށް ފަހުއެވެ. އެއީ އެހެން މީހުންނަށް ހުރި ޢިބުރަތެއްގެ ގޮތުގައެވެ. އަދި އޭނާ ދިރިއުޅުމުން މަޙުރޫމު ނުކުރުމަށެވެ. މި ކަންކަމުގެ ސަބަބުން މީސްތަކުންގެ މުދަލަށް އަމާން ވެއްޓެއް ޤާއިމުވެގެން އާދެއެވެ. އަތްބުރި މީހަކު މުޖުތަމަޢުގައި އުޅޭތަން އެ ތަނުގައި ބޮޑުވަމުން އަންނަ ކުދިންނަށް ފެނުމަކީ އެ ކަމުގެ ސުވާލު އެ ތުއްތު ހިތްތަކުގައި އުފެދޭނެ ކަމެކެވެ. އެ ކުދިންނަށް އޭގެ ސަބަބާބެހޭ ޖަވާބު ލިބޭއިރު އެ ކުދިންނަށް އެދެވެނީ އިންޒާރެއް ވެސް މެއެވެ. ވައްކަން ކުރުމާއި ފޭރުމާއި ޓެކުމާއި މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ނުބައިކަން އެ ކުދިންގެ ބޮޑެތިވަމުން އަންނަ ހިތްތަކުގައި ބިންވަޅު ނެގުނީއެވެ. މުޖުތަމަޢުގައި މުދަލަށް ހިމާޔަތް ލިބެނީ އިސްލާމީ ރިވެތި އަޚުލާޤުން އެ މުޖުތަމަޢެއްގެ ޒުވާނުން ޒީނަތްތެރިކުރުވިގެންނެވެ. ޒުވާންކަމުގެ ބާރާއި ޖޯޝުގައި ޙަރާމު ގޮތުގައި މުދާ ހޯދުމުން އެ ކުދިން ސަލާމަތްކޮށްދެނީ އިސްލާމީ ޝަރީޢަތުގެ ހަރުދަނާ އުޞޫލުތަކެވެ. މުދަލުގެ އަމާންކަން ދެމިއޮތީ އިސްލާމީ މުޖުތަމަޢުގައެވެ.
އިސްލާމީ ވެށިން ކަށަވަރުކޮށްދޭ އަނެއް އަމާންކަމަކީ އަންހެނުންނާއި ކުޑަކުދިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ނަގައިލައި، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، ޒިނޭކުރާ މީހުން ޢަދުލުގެ ކުރިމަށްޗަށް ހާޒިރުކޮށް، ކުށް ސާބިތުވާ ނަމަ އެ މީހުންގެ ގައިގައި ހައްދުގެ އެތިފަހަރުތައް ޖަހަނީ މުޖުތަމަޢުގެ ކުޑަކުދިންނާއި، އަންހެނުންނާއި، މުޅި ޢާއިލާއަށް އަމާން ވެއްޓެއް ހޯދައިދިނުމަށެވެ. ހައްދު ޖަހާއިރު މުއުމިނުންގެ ބަޔަކު އެ މަންޒަރުބަލަން ޖެހެނީ އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށެވެ. މުޖުތަމަޢުގައި އަމާންކަން ދެމެހެއްޓުމަށެވެ. މީސްތަކުން އެ ކަންކަމަށް ބިރުގެންނެވުމަށެވެ. އެފަދަ މީހުންނަށް އެކަށީގެންވާ އިންޒާރާއި ބިރުގެންނެވުންނުވާ ނަމަ އެ މީހުން އެހެން މީހުންނަށް ބިރުދައްކައިގެން ޒިނޭކުރުމާއި ބަދުއަޚުލާޤީ ޢަމަލުތައް ހިންގުން އިންތިހާއަށް މަތިވެގެން ހިނގައިދާނެއެވެ. މިފަދަ ކަންކަމުން އަމާން މާހައުލެއް ބިނާކުރެވޭނީ އިސްލާމީ އަޚުލާޤުގެ މަތީގައި ޖީލުތައް ބިނާކުރެވިގެންނެވެ. އޭގެ ސަބަބުން އިޞްލާޙުވަނީ މުޖުތަމަޢެވެ. އަމާންކަން އޮންނާނީ އިސްލާމީ މުޖުތަމަޢެއްގައެވެ.
މިހެން ގޮސް ދަންނަވައިފައި ނުދަންނަވާނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއް ވެސް އިޞްލާޙުގެ މަގަށް ގެނުވަނީ އިސްލާމްދީނެވެ. މި ދީނުގެ ތަޢުލީމެވެ. އެ ތަޢުލީމުން މީސްތަކުންނަށް ކުރަނީ އަޚުލާޤީ ރިވެތި ފައިދާއެވެ. ނިޒާމެއްގެ ގޮތުން މިއަށްވުރެ ވަކިން ފުރިހަމަ ޝަރީޢަތެއް އޮންނާނެ ތޯއެވެ؟ އެ ކަން އެނގޭނީ މި ޝަރީޢަތް ތަޖުރިބާ ކުރި ބަޔަކަށެވެ. އިސްލާމްދީނުގެ ފެށުމުގައި ތިއްބެވި މާތް ޞަޙާބީ ބޭކަލުން ވަނީ އެ ކަން ތަޖުރިބާ ކުރައްވައިފައެވެ. ޢަމަލީ ގޮތުން އެ މަންހަޖުގެ މަތީ ދިރިއުޅުއްވައިފައެވެ. ކާމިޔާބުކަމާ އެކު ހަޟާރަތެއް ތަރައްޤީ ކުރައްވައިފައެވެ.
ދަންނަވަންތޯއެވެ! އިސްލާމީ ތަރަހައިގެ ތެރެއަށް އެކީއެކަށް ވަދެގެން މެނުވީ މި ދެންނެވި ކަންކަން ތަޖުރިބާ ނުކުރެވޭނެއެވެ. އަމިއްލަ ނަފުސާއި ތިމާގެ އަހުލުންގެ ކިބައިގައި އިސްލާމީ ރިވެތި އުސޫލުތައް ޤާޢިމުކުރާށެވެ!