ރާއްޖޭގައި "ޓްރަބަލް"، ދިމާވެގެން މި އުޅެނީ ކޮން "ޓްރަބަލް"އެއް؟

ފުލުހުން "ޓްރަބަލްމޭކާ"އެއްގައި ހިފަހައްޓައިގެން: މި ކެމްޕެއިން އަހަރު ނިމެންދެން ކުރިއަށް ދާނެ ކަމަށް އުރީދޫން ބުނޭ --- ފޮޓޯ: އުރީދޫ

ދިވެހިރާއްޖޭގައި "ޓްރަބަލް"، މަގުމައްޗާއި ޓީވީގައި ވެސް "ޓްރަބަލް"!

މިއީ ކޮން ޓްރަބަލް އެއް ހެއްޔެވެ؟ ދިމާވެގެން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟

ކޮންމެއަކަސް އުރީދޫ ގްރޫޕްގެ ޓްރަބަލް ކެމްޕެއިންގައި ހަރަކާތްތެރިވާ "ޓްރަބަލްމޭކާސް" ރާއްޖެ އަތުވެއްޖެއެވެ.

އުރީދޫން އާންމުކުރި ވީޑިއޯގެ ފުރަތަމަ ސިކުންތުކޮޅުގައި ފެންނަނީ އެ ކުންފުނީގެ ހެޑް އޮފީހުގައި ރީނދޫ ކުލައާއި ހުދު ކުލައިގެ ދެ ކެރެކްޓަރެކެވެ. ހަމަ އެ ދެ ކެރެކްޓަރު ހުޅުމާލޭގެ ރަށު މާރުކޭޓު ސަރަހައްދުގައި، އަދި އޭގެ ފަހުން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އުޅޭ މަންޒަރު ފެނެއެވެ.

އުރީދޫގެ ހެޑް އޮފީހުގައި ތިބި މުވައްޒަފުންނާއި ހުޅުމާލެ ރަށު މާކެޓު ސަރަހައްދުގައި މި ކެރެކްޓަރުތައް ސެލްފީ ނަގާ މަންޒަރު ވެސް ފެނެއެވެ. އަދި ރާޅުގަނޑު ސަރަހައްދުގައި މީހެއްގެ ސައިކަލަކަށް މި ކެރެކްޓަރުތައް އަރަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ. ވީޑިއޯގެ ފަހު ސިކުންތުކޮޅުގައި ފެންނަނީ ދެ ކެރެކްޓަރުގެ އަތުގައި ހިފައިގެން ފުލުހުން އެ ކެރެކްޓަރުތައް ގެންދާ މަންޒަރެވެ.

މި ކަމުގެ ތަފްސީލް ދެއްވަމުން އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕީއާރް، ޝިއުނާ ހަމީދު ވިދާޅުވީ، ޓްރަބަލްމޭކާސް ރަމްޒުކޮށްދެނީ ފޯނާއި ޑޭޓާގެ ޚިދުމަތްތައް ކަސްޓަމަރުން ބޭނުންކުރާއިރު ޚިދުމަތް ލަސްވުން ފަދަ ދަތިތައް ކަމަށެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި މި ކެމްޕެއިންގެ މަގްސަދަކީ އުރީދޫގެ ޚިދުމަތްތައް ބޭނުންކުރަން ފެށުމުން އެ ދަތިތައް ހައްލުވާނެކަން ހާމަކޮށްދިނުމެވެ.

"ކެމްޕެއިންގަ ފެންނާނީ އެކިކަހަލަ ސިނާރިއޯތަކުގައި އެ މީހުން އުނދަގޫކުރާ ތަން، އުރީދޫ އެޒް އަ ސޭވިއާ މި ފެނިގެން ދަނީ،" ކެމްޕެއިނާ ގުޅޭ ގޮތުން ޝިއުނާ ވިދާޅުވިއެވެ.

މި ކެމްޕެއިން މި އަހަރު ނިމެންދެން ކުރިއަށް ދާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް