އައިފޯން 17 ނެރުމުގެ ކުރިން، އައިއޯއެސް 26ގެ ފަހު ޕަބްލިކް ބީޓާ ނެރެފި

އައިފޯން 17 އެކޭ އެއްގޮތަށް އައިއޯއެސް 26 އަށް ވެސް ގިނަބަޔަކު ދަނީ އިންތިޒާރުކުރަމުން --

އައިފޯން 17 ނެރުމަށް ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އެޕަލްއިން އައިއޯއެސް 26ގެ ފަހު ޕަބްލިކް ބީޓާ ނެރެފިއެވެ.

މިއީ އެޕަލްގެ އާ ޖެނެރޭޝަންގެ ސޮފްޓްވެއާ ރަސްމީކޮށް ނެރުމުގެ ކުރިން ކުރިއަށްގެންދާ ޓެސްޓިން މަރުހަލާގެ ފަހު ބައެވެ.

މެކްރޫމާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޕަލް އިން ވަނީ އައިއޯއެސް 26، އައިޕެޑް އޯއެސް 26، މެކް އޯއެސް 26 އަދި ޓީވީއޯއެސް 26 ގެ ހަވަނަ ބުރުގެ ޕަބްލިކް ޓެސްޓް ބިލްޑްސް ނެރެފައެވެ.

މި ޓެސްޓް ވާޝަންތައް ނެރުމުން، މި މަހު ރަސްމީކޮށް އާ ވާޝަން ނެރުމުގެ ކުރިން އާ ފީޗާތައް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެއެވެ. ފަސްވަނަ ޕަބްލިކް ބީޓާ ނެރުނުތާ އެއް ހަފުތާ ފަހުން މި ވާޝަން ނެރެފައިވާއިރު، މިއީ ނުވަވަނަ ޑިވެލޮޕަރު ބީޓާއާ ދިމާވާ ވާޝަނެކެވެ.

އެޕަލްގެ ރަސްމީ ވެބްސައިޓުގައި ޕަބްލިކް ބީޓާ ޓެސްޓަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޔޫޒަރުންނަށް، އައިއޯއެސް 26، އައިޕެޑްއެސް 26 އަދި މެކްއޯއެސް 26ގެ އެންމެ ފަހުގެ ޕަބްލިކް ބީޓާ ޑައުންލޯޑް ކުރެވޭނެއެވެ. އެއަށްފަހު، ޑިވައިސްގެ ސެޓިންގްސް ނުވަތަ ސިސްޓަމް ސެޓިންގްސް އެޕް ހުޅުވާލައި، ޖެނެރަލްއަށް ގޮސް، ސޮފްޓްވެއާ އަޕްޑޭޓްއިން ގުޅުންހުރި ޕަބްލިކް ބީޓާ އޮޕްޝަން ނަގައިގެން ޑައުންލޯޑްކޮށް އިންސްޓޯލްކުރެވޭނެއެވެ.

އައިއޯއެސް 26 އަދި އައިޕެޑްއޯއެސް 26 އާއެކު، އެޕަލްއިން ވަނީ އާ "ލިކުއިޑް ގްލާސް" ފީޗާ ތައާރަފުކޮށްފައެވެ. މީގެ ސަބަބުން އައިކަންތައް ފެންނަނީ ޓްރާންސްޕޭރެންޓްކޮށް، 'ބިއްލޫރި' ރަމްޒުވާ ގޮތަށެވެ. އައިކޮންތަކާއި، ބަޓަންތަކާއި، ނެވިގޭޝަން ބާތައް މަޑުމަޑުން ވިދާލައި، އަލިކަމަށް ރިއެކްޓްކޮށް، އެނިމޭޝަންތަކާއެކު ހަރަކާތްތެރިވެއެވެ. ޔޫޒަރުންނަށް ބައެއް ތަންތަނުން ޕޮޕް-އައުޓް މެނޫތަކާއި، ސްކްރޯލްކުރާއިރު ކުޑަވާ ޓެބް ބާތައް ފާހަގަކުރެވޭނެއެވެ.

މެކްރޫމާސް އިން ބުނާ ގޮތުގައި، އެޕަލް އިންޓެލިޖެންސް އިން ގިނަ އަދަދެއްގެ އާ ގާބިލިއްޔަތުތަކެއް ތައާރަފްކޮށްފައިވެއެވެ. އޭގެ ތެރޭގައި ސްކްރީންޝޮޓްސް އެނަލައިޒްކުރުމަށް ވިޝުއަލް އިންޓެލިޖެންސް، ވޮލެޓް އެޕްގައި އޯޑަރު ޓްރެކްކުރުން އިތުރަށް ރަނގަޅުކުރުމާއި، ރިމައިންޑާސްގައި އާ ފީޗާތަކާއި، އަދި މެސެޖްސް، ފޯން އަދި ފޭސްޓައިމްގައި ލައިވް ޓްރާންސްލޭޝަން ހިމެނެއެވެ.

މީގެ އިތުރުން، އިމޭޖް ޕްލޭގްރައުންޑްގައި މިހާރު ޗެޓްޖީޕީޓީ-އިންސްޕަޔާޑް ކްރިއޭޝަން އޮޕްޝަންތައް ލިބެން ހުރިއިރު، ޖެންމޯޖީ އިން ދެ ނުވަތަ އެއަށްވުރެ ގިނަ އިމޯޖީ އެއްކޮށްގެން އާ ޔުނިކް ކެރެކްޓަރުތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދެއެވެ.

އެޕަލްގެ އާ މެކްއޯއެސް އޮޕަރޭޓިން ސިސްޓަމް، މެކްއޯއެސް ޓާހޯ، އައިއޯއެސް 26 ގައި ފެންނަ "ލިކުއިޑް ގްލާސް" ޑިޒައިން ހިމަނާފައިވެއެވެ. މީގެ ސަބަބުން އެޕް އައިކޮންތަކާއި، ފޯލްޑަރުތަކާއި، ޑޮކް އަދި އެޕްތަކުގެ ނެވިގޭޝަން، މެނޫތަކާއި، ކޮންޓްރޯލް ސެންޓަރު އަދި މެނޫ ބާއަށް ޓްރާންސްލޫސެންޓް، ގްލާސްއެއް ފަދަ އިފެކްޓެއް ލިބިގެންދެއެވެ. އަދި ޔޫޒަރުންނަށް ކޮންޓްރޯލް ސެންޓަރާއި މެނޫ ބާގެ ފެންނަ ގޮތް ބަދަލުކުރެވޭނެއެވެ. އަދި ފޯލްޑަރުތަކާއި، އެޕް އައިކޮންތަކާއި، ވިޖެޓްތައްވެސް އެމީހުންގެ ޕްރިފަރެންސްތަކާ އެއްގޮތަށް ޕަރސަނަލައިޒް ކުރެވޭނެއެވެ.

އައިފޯން 17 ނެރުމުގެ ކުރިން އައިއޯއެސް 26ގެ ފަހު ޕަބްލިކް ބީޓާ ނެރުމަކީ، އެޕަލްގެ ސޮފްޓްވެއާ ތަރައްގީކުރުމުގެ މަސައްކަތުގައި މުހިންމު ފިޔަވަޅެކެވެ. އަދި ހަމައެއާއެކު މި ބީޓާ ވާޝަންތަކުގެ ސަބަބުން ޔޫޒަރުންނަށް އާ ފީޗާތަކާއި ޑިޒައިންތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ރަސްމީކޮށް ނެރުމަށް އޮތް އިންތިޒާރު ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް