ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށަކަށް ދޭ ބްލޮކްގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކަށް ބްލޮކްގްރާންޓް ދިނުމުގެ އުސޫލާ ގުޅޭގޮތުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހާރު އުސޫލު ހަދައިފައި އޮތް ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮކްގްރާންޓް ލިބޭ މިންވަރު މަދު ކަމަށެވެ.
ނަމަވެސް އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ ބްލޮކް ގްރާންޓު ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ މިހާރު އޮތް ގޮތުން އެފަދަ ކައުންސިލުތަކަށް ގެއްލުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އެކަމަށް ރިއާޔަތްކުރައްވައި، ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އެ ބަދަލާއެކު ހުށަހަޅަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް މިހާރު ދޫކުރާ ބްލޮކްގްރާންޓު ކުޑަވުމުގެ ޝަކުވާ ވަރަށް ގިނަ ކައުންސިލުތަކުން ކުރެއެވެ. އެއިން މުސާރައާއި އެ ނޫން މުނިސިޕަލް ޚިދުމަތްތަކަށް ހޭދަކުރުމަށްފަހު ފައިދާވާ ފަދަ މަސައްކަތެއް ކުރަން ފައިސާ ނުހުންނަ ކަމަށް ގިނަ ރަށު ކައުންސިލްތަކުން ބުނެއެވެ.
އެހެންވެ ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓު ބޮޑުކޮށްދިނުމަށް ގިނަ ކައުންސިލްތަކަކުން އަބަދު ވެސް އެދެއެވެ.
ބްލޮކް ގްރާންޓުގެ އިތުރަށް ކައުންސިލްތަކަށް މިހާރު، އެ ރަށެއްގެ އިހުތިސާސްގައި ހިމެނޭ ތަންތަން ބޭނުންކޮށްގެން ވިޔަފާރިތައް ހިންގަން ވެސް އަދި މަޝްރޫއުތައް ހިންގަން ވެސް ވަނީ ފުރުސަތު ދީފައެވެ.
ބްލޮކް ގްރާންޓު ދޭ ގޮތަށް ބަދަލު ގެންނަން ނިންމެވިކަން ރައީސް އިއުލާނުކުރެއްވިއިރު ހަމަ މިރޭ އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާ ވެސް ދެ ގުނަަ ބޮޑުކުރަން ނިންމެވިކަން އިއުލާނުކުރައްވައިފައެވެ.
މި ބަދަލުތައް ގެންނަވަން ރައީސް ނިންމެވިއިރު، ކުރިއަށް އަންނަ އަހަރު އޮތީ ކައުންސިލްތަކުގެ އިންތިޚާބެވެ.