ތައިލެންޑްގެ ބޮޑުވަޒީރު ކަމަށް އިދިކޮޅު ކޮންޒަވޭޓިވް ބޫމްޖައިތައި ޕާޓީގެ ލީޑަރު އަނޫތިން ޗަންވިރަކުލް, އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން އިންތިޚާބުކޮށްފިއެވެ.
އަނޫތިންއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ 492 މެންބަރުންގެ ތެރެއިން 247 އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ލިބިވަޑައިގެންފައެވެ. އެ މަގާމަށް ވަޑައިގަތުމަށް ހޯދަން ޖެހެނީ 247 ވޯޓެވެ.
ބޮޑުވަޒީރު އިންތިޚާބުކުރަން ޕާލަމެންޓްގައި މިއަދު ނެގި ވޯޓު އަނޫތިން ކާމިޔާބު ކުރެއްވީ ޕޮޕިއުލިސްޓް ފޫތައި ޕާޓީގެ ކެންޑިޑޭޓް ޗައިކަސިމް ނިތިސިރީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
ބޮޑުވަޒީރަކަށް ބޭފުޅަކު އިންތިޚާބުކުރަން ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓެއް ނެގީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ޕެޓޮންގްޓާން ޝިނަވަޓްރާ އެ މަގާމުން ވަކިކުރުމުންނެވެ. އޭނާ މަގާމުން ވަކިކުރީ ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ބޯޑަރުގައި ދެގައުމުގެ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކެމްބޯޑިއާގެ ބޮޑުވަޒީރަށް އޭނާ ކުރެއްވި ފޯންކޯލެއްގައި ސުލޫކީ މިންގަނޑާ ޚިލާފުވި މައްސަލަ ބެލުމަށް ފަހުގައެވެ.
އަނޫތިންއަކީ ޝިނަވަޓްރާގެ ކެބިނެޓުގައި ހިމެނިވަޑައިގަތް ބޭފުޅެއް ނަމަވެސް، ލީކުވި ފޯނުކޯލުގެ ޚަބަރު ލިބުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވައި، އޭނާގެ ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިކުރައްވައިފައެވެ.
ތައިލެންޑުގެ ދުސްތޫރީ ގަވާއިދުގެ ދަށުން 2023 ވަނަ އަހަރު އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގައި ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވީ އެންމެ ފަސް ކެންޑިޑޭޓުންނެވެ.
އުމުރުން 58 އަހަރުގެ އަނޫތިން ވަނީ 2023 ވަނަ އަހަރު އޮތް ކޯލިޝަން ސަރުކާރުގައާއި އޭގެ ކުރިން އޮތް، ކުރީގެ ބޮޑުވަޒީރު ޕްރަޔޫތު ޗާން އޮޗާގެ ވެރިކަމުގައިވެސް ސަރުކާރުގައި މަސައްކަތްކުރައްވައިފައެވެ.