ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނާވަތުރާ އެއް އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އެ ހުކުމުގައި ވަނީ ކުރިން ޖަލު ހުކުމެއްގެ ބައެއް ހޮސްޕިޓަލެއްގައި ގާނޫނާ ހިލާފަށް ފުރިހަމަކޮށްފައިވާ ކަމަށާއި އެހެންކަމުން އަލުން ޖަލުގައި އެ ހުކުމް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.
ޖަލު ހުކުމް އިއްވާފައި ވަނީ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ތަކްސިންގެ ދަރިކަނބަލުން ޕެޓޮންގްޓާން ޝިނާވަތްރާ މަގާމުން ވަކިކޮށް، އާ ބޮޑުވަޒީރުގެ މަގާމަށް މި މަހުގެ ފަސްވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުން ނެގި ވޯޓުން އަނުތިން ޗާންވިރަކުލް ހޮވިވަޑައިގެންފައިވަނިކޮށެވެ.
ދަރިކަނބަލުން ޕެޓޮންގްޓާން މަގާމުން ދުރުކުރިއިރު އޭނާ ހުންނެވީ ފޯން މެދުވެރިކޮށް ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހުންސެނާ އެކު، ތައިލެންޑްގެ ގައުމީ މަސްލަހަތަށް ނުރައްކާވާފަދަ ވާހަކަތަކެއް ދެއްކެވި މައްސަލައެއް ފެންމަތިވެގެން އެ މައްސަލައިގެ ހަގީގަތް ބެލުމަށްޓަކައި ފެށި ތަހުގީގު ނިމެންދެން ސަސްޕެންޑުކޮށްފައެވެ.
އުމުރުން 76 އަހަރުގެ ބައްޕާފުޅާ އެކު ހުންނަވައި ޕެޓޮންގްޓާން ބުނީ، އެ ހުކުމުގެ ސަބަބުން ހިތާމަކުރައްވާ ކަމަށާއި ނަމަވެސް އާއިލާއިން ތިބީ އަބަދު ވެސް ބައްޕާފުޅާ އެކު ކަމަށެވެ. އަދި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ އާއިލާގެ ފޭއު ތައި ޕާޓީ ކުރިއަށް ގެންދިއުމަށް ވެސް އެކަމަނާ ވަނީ ވައުދުވެވަޑައިގެންފައެވެ.
އަސްކަރިއްޔާއިން 2006 ވަނަ އަހަރު ބަޣާވާތްކޮށް ތަކްސިންގެ ސަރުކާރު ވައްޓައިލުމުން އޭނާ ވަނީ ފިއްލަވައިގެން ގައުމު ދޫކޮށް ވަޑައިގަންނަވާފައެވެ. އަދި, 15 އަހަރު ދުވަހު އަމިއްލައަށް އަރުވައިލެވިގެން ބޭރު ގައުމެއްގައި ދިރިއުޅުއްވުމަށް ފަހު ތަކްސިން އެނބުރި ގައުމަށް ވަޑައިގަންނަވާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހެވެ. އެނބުރި ވަޑައިގަންނަވާފައިވަނީ އޭނާގެ ފިޔު ތައި ޕާޓީއަށް ވެރިކަން ލިބުމުންނެވެ.
ނަމަވެސް، ގައުމަށް އެނބުރި ވަޑައިގަތުމުން 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ދެމެދު އޭނާގެ ވެރިކަމުގައި ހިންގާފައިވާ ކުށްތަކާ ގުޅިގެން އިއްވާފައިވާ ޖަލު ހުކުމާ ތަކްސިނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރައްވައި އަމިއްލަ މަންފާ ހޯއްދެވުމުގެ ކުށް ސާބިތުވެ އޭނާއާ ދެކޮޅަށް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އޮތީ އިއްވާފައެވެ.
ނަމަވެސް, ރަސްގެފާނު މަހާ މަހާ ވަޖިރާލޮންކޯން ވަނީ ތަކްސިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރު ކޮށްދެއްވާފައެވެ. އަދި, ސިއްޙީ ހާލުކޮޅު ހުރި ގޮތުން ހަ މަސް ދުވަސް އޭނާ ހޭދަ ކުރައްވާފައިވަނީ ހަސްފަތާލުގައެވެ.
ޖަލު ހުކުމް މައާފުކޮށްދީ އޭނާ މިނިވަންކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހު ތައިލެންޑުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދަރިކަނބަލުން ޕޭޓޮންގްޓާން އިންތިޚާބުކުރިތާ އެއް ދުވަސް ފަހުންނެވެ. ތައިލެންޑަކީ ޕާކިސްތާނެކޭ އެއްގޮތަށް އެ ގައުމުގެ ސިޔާސީ މަސްރަހަށް އަސްކަރިއްޔާ ވަރަށް ބޮޑަށް އަތްގަދަކޮށްފައިވާ ގައުމެކެވެ.