އައްޑުއަށް ދަންވަރު ކަރަންޓު ކެނޑި ދެ ގަޑިއިރު އަނދިރީގައި، ކޭބަލެއް ބުރިކުރަން އުޅުމުގެ ތުހުމަތު

އައްޑޫގައި ކަރަންޓު ކެނޑޭ މައްސަލައިގައި ކުރި މުޒާހަރާއެއް: ރޭ ދަންވަރު ވެސް ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވޭ -- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަންވަރު ދެ ގަޑިއެއްހާއިރު ކަރަންޓު ކެނޑުނު ކަމަށާއި، އެ މައްސަލަ ދިމާވީ ފޭދޫގައި މީހަކު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް ތުހުމަތުކޮށްފިއެވެ.

މިކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން އައްޑޫ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް ވިދާޅުވީ، ކަރަންޓު ކެނޑުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި، އެންމެ އަވަހަށް ކަރަންޓު ދެވުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ އަލުން ކަރަންޓު ދޭން ފެށިއިރު، ހުރިހާ ހިސާބަކަށް ކަރަންޓު ދެވޭ ވަރުވީ ދެ ގަޑިއިރު ފަހުން ކަމަށެވެ.

ޝިނާޒް ވިދާޅުވީ، އައްޑޫން ރޭ ކަރަންޓު ކެނޑުނީ މައި އިންޖީނުގެއަށް ދިމާވި މައްސަލައަކުން ނޫން ކަމަށާއި، ބަޔަކު ފޭދޫގައި ކޭބަލެއް ބުރިކުރަން މަސައްކަތްކުރުމުން ކަމަށެވެ.

"ދެން އޭގައި ކަރަންޓުގައި ޖެހުނު މީހާ ވެސް ސިއްހީ މަރުކަޒަށް ގެންގޮސް ކަންނޭނގެވީ، ވަރަށް ބޮޑަށް ފިހިފަ ކަމަށް ވަނީ، މެއިން ކޭބަލެއް ކަނޑަން އުޅެނިކޮށް ކަރަންޓުގައި ޖެހިފަ ކަމަށް ވަނީ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެއްފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވެއެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ، އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ފެނަކައިގެ އިސްވެރިންނާ އެކި ގޮތްގޮތަށް ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް އެދެވޭ ހައްލެއް ނުލިބޭ ކަމަށެވެ.

"އައްޑޫ ރައްޔިތުން މިގޮތަށް ކަރަންޓު ނެތި މިގޮތަށް އަނދިރީގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، މިކަމަށް ފިޔަވަޅު އަޅައި ވަގުތުން މިކަން ހައްލުކޮށްދެއްވުމަށް އަޅުގަނޑު ގޮވާލަން،" އޭނާ ވިދާޅުވިއެވެ.

އެ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހު އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހެވެ.

ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

comment ކޮމެންޓް