އިންޑިއާއާއި އެމެރިކާއާ ދެމެދު ޚާއްސަ ގުޅުމެއް އޮތް ކަމަށާއި "ހާސްވާން ޖެހޭ ކަމެއް ނެތް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ވަރަށް ބޮޑަށް އަގު ވަޒަން ކުރައްވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
މިއީ އިންޑިއާގެ މުދަލުން 50 ޕަސެންޓް ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ފަހުން އެމެރިކާގެ ރައީސްއަށް މޯދީ ދެއްވި ފުރަތަމަ ރައްދެވެ.
ޓެރިފްގެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށާއި މޯދީއަށް ޓްރަމްޕް ތަކުރާރުކޮށް ގުޅުއްވި ނަމަވެސް އެއްވެސް ފޯނު ކޯލަކަށް ޖަވާބު ނުދެއްވާ ކަމަށް ޖަރުމަނުގެ ނޫހަކުން މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
ގުޅުން ރަނގަޅު ކަމަށް ޓްރަމްޕް ވިދާޅުވީ ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓަކާ ގުޅިގެން، އިންޑިއާއާއި އެމެރިކާގެ ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.
"އަބަދުވެސް ރައްޓެހިވާނެ. އަބަދުވެސް [ޕީއެމް] މޯދީއާ ރައްޓެހިވާނެ. އޭނާއަކީ މޮޅު ބޮޑުވަޒީރެއް. އަބަދުވެސް ރައްޓެހިވާނެ. އެކަމަކު ހަމަ މި ވަގުތު އޭނާ ކުރާ ކަންތައްތައް ކަމަކުނުދޭ. އެކަމަކު އިންޑިއާއާއި އެމެރިކާއާ ދެމެދު ވަރަށް ޚާއްސަ ގުޅުމެއް އޮވޭ. ކަންބޮޑުވާންވީ ކަމެއް ނެތް. އަހަރެމެންނަށް ހަމަ ދޭތެރެ ދޭތެރެއިން ވަގުތުތަކެއް ލިބެނީ،" ޓްރަމްޕް ވިދާޅުވިއެވެ.
ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވަނީ ޗައިނާގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި އިންޑިއާ ބައިވެރިވި ގޮތާ މެދު ފާޑުވިދާޅުވެފައެވެ. މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ފޮޓޯއެއް ހިއްސާ ކުރައްވައި ޓްރަމްޕް ލިޔުއްވާފައިވާ ގޮތުގައި ޗައިނާއިން އިންޑިއާއި ރަޝިޔާ ވަނީ އަތުލައިފައެވެ. އަދި އެމީހުންނަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޓްރަމްޕް ލިޔުއްވާފައިވެއެވެ.
ނަމަވެސް މޯދީ އެމޭރުމުން ވާހަކަފުޅު ދެއްކެވުމުން، ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި އޮތް ނަމަވެސް ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ ދޮރު އަދިވެސް ހުޅުވިފައި އޮތްކަން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ރަޝިޔާއިން ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން ޓެރިފް ބޮޑު ކުރި ނަމަވެސް އެކަމާ ގުޅިގެން އިންޑިއާއިން މިހާތަނަށްވެސް ސީދާ ގޮތެއްގައި އެމެރިކާއަށް ފާޑުކިޔާފައެއް ނުވެއެވެ. ނަމަވެސް ދަނޑުވެރިކަމާއި ޑައެރީ އުފެއްދުންތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ ވިޔަފާރީގެ އެއްބަސްވުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.