އެމެރިކާގެ ގާނޫނީ ވަކީލެއް ކަމަށްވާ މާކް ޒަކަބާގް، ފޭސްބުކުން ބްލޮކް ކުރަމުން ގެންދާތީ ފޭސްބުކް ކުންފުންޏާ ދެކޮޅަށް ދަޢުވާކޮށްފިއެވެ.
ފޭސްބުކްގެ ބާނީގެ ނަމަކީ ވެސް މާކް ޒަކަބާގް ކަމަށްވާއިރު، އެ ނަން ބޭނުންކޮށްގެން އެކައުންޓްތައް ހެދުމުން 'ސެލެބްރިޓީއަކަށް ހެދިގެން' އުޅޭ ކަމަށް ބުނެ އެ ޕްލެޓްފޯމުން ފިޔަވަޅު އަޅައެވެ.
ވަކީލު ޒަކަބާގް ކޯޓަށް ހުށަހަޅައިފައިވަނީ އެ މައްސަލައެވެ. އޭނާގެ މައްޗަށް ފޭސްބުކުން ދޮގު ތުހުމަތުތައްކޮށް އޭނާގެ އެކައުންޓް ބަންދުކުރާ ކަމަށް ބުނެއެވެ.
މާކް އެސް. ޒަކަބާގް ބުނި ގޮތުގައި ފާއިތުވި އަށް އަހަރުގެ ތެރޭގައި އޭނާގެ އެކައުންޓް ފަސް ފަހަރު ބަންދުކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް އެތައް ހާސް ޑޮލަރެއްގެ ގެއްލުން ވެފައިވާ ކަމަށް އޭނާ ބުނެއެވެ.
ބެންކްރަޕްޓްވުމާ ގުޅުންހުރި މައްސަލަތަކަށް ޚާއްސަވެފައިވާ ވަކީލު ޒަކަބާގް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، އޭނާ ވަކީލުކަން ކުރާތާ 38 އަހަރު ވެފައިވާ ކަމަށެވެ. އެއީ މިހާރު ދުނިޔޭގެ އެންމެ މުއްސަދި އެކަކު، މާކް އީ. ޒަކަބާގް ޅައިރުން ފަށައިގެންކަން އޭނާ ފާހަގަކޮށްފައިވެއެވެ.
"މިކަމަކީ ހެއްވާ ކަމެއް ނޫން، އެމީހުން އަހަރެންގެ ފައިސާ ނަގާ އިރު މަޖައެއް ނޫން." ޒަކަބާގް އިންޑިއާނާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
މެރިއަން ސުޕީރިއާ ކޯޓުގައި ފައިލްކޮށްފައިވާ ދަޢުވާގައި ޒަކަބާގް ބުނެފައިވާ ގޮތުގައި، ފޭސްބުކްގެ މައި ކުންފުނި މެޓާއިން ވަނީ އޭނާ އިޝްތިހާރަށް ދައްކާފައިވާ 11,000 ޑޮލަރުގެ ބޭނުންކުރަން ފުރުސަތު ނުދީ ބަންދުކޮށްފައެވެ.
"މިއީ ހައިވޭއެއްގެ ކައިރީގައި ބިލްބޯޑެއް ގަނެ، އެކަމަށް ފައިސާ ދެއްކުމަށް ފަހު، އެމީހުން ބޮޑު ފޮތިގަނޑަކުން އެ ބިލްބޯޑް ފޮރުވާލާ ފަދަ ކަމެއް. އޭގެ ފައިދާއެއް ނުލިބޭ،" އޭނާގެ އިންޓަވިއުގައި ބުނެއެވެ.
ފޭސްބުކާއެކު ކުރި އީ-މެއިލްތައް ޒަކަބާގް އާންމުކޮށްފައިވާއިރު، އެ ކުންފުނިން އޭނާއަށް ތުހުމަތުކޮށްފައިވަނީ އޭނާގެ "އަސްލު ނަން" ބޭނުންނުކުރާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި، އޭނާގެ އައިޑީ ކާޑާއި، ކްރެޑިޓް ކާޑުތައް، އަދި އޭނާގެ މޫނުގެ އެތައް ފޮޓޯއެއް ވެސް ވަނީ އޭނާގެ އައިޑެންޓިޓީ ސާބިތުކުރުމަށް ހުށަހަޅާފައެވެ.
"އަހަރެންނަކީ މާކް ސްޓީވަން. އޭނާއަކީ މާކް އެލިއަޓް،" ޒަކަބާގް ކިޔައިދިނެވެ.
އޭނާގެ އެކައުންޓް މޭ މަހު ބަންދުކުރި ނަމަވެސް، ދަޢުވާ ފައިލްކުރި ފަހުން އަލުން ވަނީ ހުޅުވާފައެވެ.
މެޓާ ކުންފުނިން ބުނި ގޮތުގައި އެ ވަކީލުގެ އެކައުންޓް ވަނީ އަލުން ހުޅުވާފައެވެ. އަދި މިފަދަ ގޯހެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބުންޏެވެ.
މެޓާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ގޯހެއްގެ ސަބަބުން ބަންދުކުރެވިފައިވާ މާކް ޒުކަބާގްގެ އެކައުންޓް އަލުން ހުޅުވާފައިވާ" ކަމަށެވެ.
ޒަކަބާގް ވަނީ އޭނާގެ ނަމާއި ފޭސްބުކްގެ ބާނީގެ ނަމާ އެއްގޮތްވުމުން ދިމާވާ ކަންތައްތައް ޓްރެކްކުރުމަށް ވެބްސައިޓެއް ވެސް ހަދާފައެވެ. އޭގެ ތެރޭގައި، ފޭސްބުކްގެ ވެރިޔާއަށް ކުރަން ޖެހޭ ދައުވާއެއް، ވޮޝިންޓަން ސްޓޭޓުން އޭނާއަށް ކުރި ހާދިސާއެއް ވެސް ހިމެނެއެވެ.