ދިވެހި ދަރިވަރުން، ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމުންނަށް ވުމަށް ސާޖިދާގެ އިލްތިމާސެއް

ސާޖިދާ، އަހުމަދިއްޔާ ސްކޫލަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދަރިވަރުން، ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމުންނަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވިދާޅުވީ، ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާއަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫޙު މުހިންމު ކަމަށެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތައުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ގައުމަށް އިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ތައުލީމީ ހަޔާތްޕުޅުގައިވެސް އަޙްމަދިއްޔާގެ އިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ފުރުސަތު ދެއްވީތީ ސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

ބެސްޓް އޯލް އެރައުންޑް ސްޓޫޑެންޓަށް ތަށި ހަވާލުކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ތައުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއްކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވާފައެވެ.

އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫންކަމަށާއި، ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން ސާޖިދާގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ. އެގޮތުން ދިވެހި ގައުމަށް ފާރަވެރިވެ، އަޚްލާގް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ދިރިއުޅުމުގައި ގަދަރާއި އިއްޒަތްލިބި، މަތިވެރި އަޚްލާގާއި ހެޔޮވިސްނުންތެރިކަމާއެކު ލިބިފައިވާ އިލްމު ވާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އެކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ''ބްރިލިއަންސް ޓީޗާ'' އަދި ''ބެސްޓް އޯވަރޯލް ޓީޗާ'' އިނާމު ލިބުނު ޓީޗަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. އަދި ސާނަވީ ތައުލީމު ނިންމައި އިމްތިޙާނުތަކުން ގައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި، ސާނަވީ ތައުލީމު ނިންމައި އިމްތިޙާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ޙާސިލްކުރި ތިން ދަރިވަރުންނަށް ވެސް އިނާމު ޙަވާލުކޮށްދެއްވީ އެކަމަނާއެވެ.

އެ ޖަލްސާއަށްފަހު ސާޖިދާ ވަނީ އެ ސްކޫލްގެ ހަނދާނީ ގެލެރީ ބައްލަވާލައްވާފައެވެ.

comment ކޮމެންޓް