ދިވެހި މިއުޒިކާއި ހުށަހެޅުންތައް ދުނިޔޭގެ ފެންވަރުގައި އަޑު އިއްވުމަށް މަސައްކަތް ކުރަމުންދާ ޓޫ އޮފް އަސް ބޭންޑް، ބްރިޓަންސް ގޮޓް ޓެލެންޓް (ބީޖީޓީ)ގެ މަޝްހޫރު ޖަޖުންގެ ކުރިމަތީގައި ހުނަރު ދައްކާލުމަށް ތައްޔާރުވާން ފަށައިފިއެވެ.
ބްރިޓަންސް ގޮޓް ޓެލެންޓް ޝޯއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ މީހުންނަށް ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތުދޭ އެންމެ މަގުބޫލު އެއް ޝޯއެވެ.
ލީޑު ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމާއި ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމް ހިމެނޭ ޓޫ އޮފް އަސް، އެ ޝޯގެ އޮންލައިން އޮޑިޝަންތަކުން ފާސްވުމުން، މިހާރު ގޮސް ތިބީ އިނގިރޭސިވިލާތުގައެވެ.
އެ ގައުމުގައި ޓޫ އޮފް އަސްއިން ވަނީ ބީޖީޓީގެ 'ލައިވް ތިއޭޓާ ޕްރޮޑިއުސާ' ރައުންޑުގައި ބައިވެރިވެފައެވެ. ބީޖީޓީގެ ޕްރޮޑިއުސަރުންގެ ހާޒިރުގައި ހުނަރު ދައްކާލަން ޖެހޭ އެ ރައުންޑުން ވެސް ޓޫ އޮފް އަސް ވަނީ ފާސްވެ، ޕްރޮޑިއުސަރުންގެ ތައުރީފު ހޯދައިފައެވެ.
އަދުހަމް "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެ ރައުންޑުގައި ކޮންމެ ބަޔަކަށް ވެސް ހުނަރު ދައްކާލަން ލިބެނީ ދެ މިނެޓް ކަމަށްވާއިރު، އެ ބޭންޑުން ދިޔައީ ދިވެހި މިއުޒިކް ހިމެނޭ މެޑްލީއެއް ތައްޔާރުކޮށްގެންނެވެ.
"އެ މީހުންނަށް ވަރަށް އެންޖޯއި ކުރެވުނު ފްރޮމް ސްޓާޓް ޓު ދި އެންޑް، އެއްވެސް ވަރަކަށް ފޫއްސެއް ނުވޭ، އަސްލު އިންނަނީ ދެ މިނެޓް، އެކަމަކު ހަތަރު މިނެޓުގެ ލަވަ އެއްކޮށް ނިމެންދެން ކުރިއަށްގެންދިޔަ، ބޮޑުބެރާ ހުރިހާ އެއްޗެއް ވެސް ލާފަ،" އޭނާ ބުންޏެވެ.

ބްރިޓަންސް ގޮޓް ޓެލެންޓުގެ ޖަޖުންނާއި ޕްރެޒެންޓަރުން --
ޕްރޮޑިއުސަރުންނަށް އެ ހުށަހެޅުން ވަރަށް ކަމުދިޔަކަން ފާހަގަކޮށް އަދުހަމް ބުނީ، އެ ރައުންޑުން ފާސްވުމުން، ދެން އޮންނަ ލައިވް އޮޑިޝަނަށް ދާންވީ ދުވަސް އަންނަ މަހު އަންގާނެ ކަމަށެވެ.
ޓީވީތަކުން ލައިވް ކުރާ އޮޑިޝަންގައި ތިބޭނީ 'ގޮޓް ޓެލެންޓް' ފްރެންޗައިޒް އުފެއްދި ސައިމަން ކަވެލްއާއި، އެ ޝޯގެ ޖަޖުންގެ ޕެނަލުން 2007އިން ފެށިގެން ފެންނަ އަމާންޑާ ހޯލްޑެންއާއި, ބައެއް އަހަރުތަކުގައި ފެނިފައިވާ ޖަޖް އަލީޝާ ޑިކްސަން އެވެ. ބީޖީޓީން ގެސްޓް ޖަޖެއްގެ ގޮތުގައި މީގެ ކުރިން ފެނިފައިވާ، ޔޫޓިއުބުންނާއި ބޮކްސިން ކުޅިވަރުން ވެސް މަޝްހޫރުކަން ހޯދައިފައިވާ މިއުޒީޝަން ކޭއެސްއައި މިފަހަރު ވެސް ޖަޖުންގެ ޕެނަލްގައި ޝާމިލުވާނެއެވެ.
ރާއްޖޭގެ ސްޓޭޖުތަކުން ފަށައިގެން، މި ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ބެޓްލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލްއަށް ގޮސް، ޓޫ އޮފް އަސްއިން ވަނީ ތިން ވަނަ ހޯދައިފައެވެ.
އެ ކާމިޔާބީއާއެކު، މިހާރު ބްރިޓަންސް ގޮޓް ޓެލެންޓްއިން ފުރުސަތު ހޯދީ ވަރަށް ގިނަ ގޮންޖެހުންތަކުން އަރައިގަތުމަށްފަހުގައިކަން ފާހަގަކޮށް، އަދުހަމް ވަނީ އެ ބޭންޑަށް ހިތްވަރުދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް، އާއިލާއާއި އެކުވެރިންނާއި ބޭންޑަށް ތާއިދުކުރާ މީހުން އޭނާ ފާހަގަކުރެއެވެ.
ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެއް ކަމަށްވާއިރު، އެ ބޭންޑުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ މިއުޒިކްގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށެވެ. އެ ބޭންޑުގެ އުއްމީދަކީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ އިތުރުން، ދިވެހި އެހެން ޒުވާނުންނަށް ވެސް އެފަދަ ފުރުސަތުތައް ހޯދަން ހިތްވަރުދިނުމެވެ.