މި ޒަމާނުގައި ލޯބި ހޯދުން ފަސޭހައެއް ނޫން، ބޭނުންވަނީ ހުސްހަށިބައިކޮށް ހުންނަން: ޝަމީތާ

ކުރީގެ ބަތަލާ ޝަމީތާ ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑަށް ތައާރަފުވި ނަމަވެސް ފިލްމީ ކެރިއަރުގައި މާބޮޑު ކުރިއެރުމެއް ނުލިބިނު ބަތަލާ ޝަމީތާ ޝެޓީ އަކީ ލޯބީގައި ވެސް ނާކާމިޔާބު މީހެއް ކަމަށް ވަރަށް ގިނަ ބަޔަކު ވަނީ މީގެކުރިން ވެސް ބުނެފައެވެ.

ދާދިފަހުން ޝަމީތާ އާއި ދައްތަ އަދި ކުރީގެ ފިލްމީ ތަރި ޝިލްޕާ ޝެޓީ ބައިވެރިވި "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ އެޕިސޯޑެއްގައި ޝަމީތާ ވަނީ ހަޔާތުގައި ބައިވެރިއެއް ނެތް ސަބަބު ކިޔައިދީފައެވެ.

ޝަމިތާ ބުނެފައިވާ ގޮތުގައި މާޒީގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު މި ޒަމާނުގައި ލޯތްބަކީ ފަސޭހައިން ހޯދޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެކަމަށް މާބޮޑަށް މަސައްކަތް ކުރަން ވެސް ބޭނުންނުވާ ކަމަށް "ބިގް ބޮސް އޯޓީޓީ"ގައި 2021ގައި ބައިވެރިވި ބަތަލާ ވަނީ ބުނެފައެވެ.

ޝަމީތާ ދައްތަ އަދި ބަތަލާ ޝިލްޕާ ޝެޓީއާ އެކު--ފޮޓޯ/އިންސްޓަގްރާމް

ޝަމީތާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހެއް ކަމަށާއި އަމިއްލަ ދިރިއުޅުމުގެ ހަމަހިމޭންކަން ލޯބިވެރިއަކު ހޯދުމަށްޓަކައި ގެއްލުވާލަން ބޭނުންނުވާ ކަމަށް މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު އިންޑަސްޓްރީއިން މާބޮޑު ކުރިއެރުމެއް ނުލިބުމުން ޝަމީތާ ވަނީ އަމިއްލަ އިންޓީރިއަ ޑިޒައިން ކުންފުންޏެއް އުފައްދާފައެވެ. އެ ދާއިރާއިން ޚާއްސަ ތަމްރީނުތަކެއް އިނގިރޭސިވިލާތުގެ ލަންޑަންގައި ހެދުމަށްފަހު ޝަމީތާ ވަނީ އާކިޓެކްޓް ފާމެއްގައި އިންޓާނެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

"ބިގް ބޮސް އޯޓީޓީ"ގައި ބައިވެރިވި ބަތަލާ ވަނީ އެ ޝޯގެ ބައިވެރިއެއް ކަމަށްވާ ކުރީގެ އެކްޓަރު ރާޤޭޝް ބާޕަޓްއާ އެކު ކުރިން ލޯބީގެ ގުޅުމެއް ބާއްވާފައެވެ. ނަމަވެސް އޭގެ އަހަރެއްހާ ދުވަސްފަހުން ދެ މީހުންގެ ލޯބީގެ ގުޅުމަށް ނިމުން ގެނައިކަން ބަތަލާ ވަނީ އޭރު ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ.

ދާދިފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޝަމީތާ ބުނެފައި ވަނީ ރާޤޭޝްއާ އެކު އޮތް ލޯބީގެ ގުޅުމުގެ ސޮފްހާއަކީ އޭނާގެ ދިރިއުޅުމުން މިހާރު ފޮހެލާފައިވާ ސޮފްހާއެއް ކަމަށާއި އެ ސޮފްހާގެ ހަނދާން އާކުރަން ބޭނުންނުވާ ކަމަށެވެ.

ޝަމީތާ ކައިވެންޏެއް ނުކޮށް ހުސްހަށިބަޔަށް ހުންނާތީ އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން ވެސް ވަރަށް ބޮޑަށް ޕްރެޝާ ކުރާ ކަމަށާއި ނަމަވެސް މިހާރު އެ ޗެޕްޓާ ވެސް ނިމިއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް ޝަމިތާއަކީ ލޯބީގައި ނާކާމިޔާބު މީހެއް ނޫން ކަމަށާއި އޭނާ މިވަގުތު ބޭނުންވަނީ ދިރިއުޅުމުގައި އޮތް ހަމަހިމޭންކަން އެގޮތުގައި އޮތުމަށް ކަމަށާއި ލޯބިވެރިއެއް ހޯދުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް "މޮހައްބަތޭން"ގެ ބަތަލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް