އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ

އެމްޔޫ މަނިކު: އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީގައި މާދަމާ ތައުޒިޔާގެ ދަފްތަރެއް ހުޅުވަނީ ---- ފޮޓޯ/ މަޓީ

ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަނދާނުގައި މާދަމާ ތައުރިޒާގެ ދަފްތަރެއް ހުޅުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ނިންމައިފިއެވެ.

ރިސޯޓުތައް ހިންގާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކު އަވަހާރަވީ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދޭތާ މަހެއްހާ ދުވަސް ވެފައި ވަނިކޮށް މިދިޔަ މަހުގެ 30ގަައި އެގައުމުގެ ގަޑިން 06:30ގައެވެ.

ހަމަ އެ ދުވަހު އިސްލާމީ މަރުކަޒުގައި، ވަނީ އެމްޔޫގެ މަނިކުގެ ޣައިބަށް ކަށުނަމާދުކޮށްފައެވެ.

މަޓީން މިއަދު ބުނީ، އެމްޔޫ މަނިކުގެ ހަނދާނުގައި މާދަމާއިން ފެށިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުމަށް ނިންމާފައިވާ ކަމަށެވެ.

މި ތައުޒިޔާގައި ސޮއިކުރުން އޮންނާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

މަޓީން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން ހަވީރު 17:00ގެ ނިޔަލަށް އެ ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށެވެ.

އެމްޔޫ މަނިކަކީ، ރާއްޖޭގެ އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ފަތުރުވެރިކަމުގެ ދާއިރާ ތައާރަފު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

https://sun.mv/210638

އެމްޔޫ މަނިކް ވަނީ 1972ގައި ރާއްޖެއަށް ފުރަތަމަ ފަތުރުވެރިން ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރަތަމަ ރިސޯޓު ތަރައްގީ ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. މީގެ އިތުރުން، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވެސް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.

އެމްޔޫ މަނިކް އަވަހާރަވީއިރު އަނބިކަނބަލުންނާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

އެމްޔޫ މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.

އެމްޔޫ މަނިކަކީ އިޖްތިމާއީ ރޮނގުންވެސް އެކިއެކި އެހީތައް ވެދެއްވާ ބޭފުޅެކެވެ. އެގޮތުން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ.

comment ކޮމެންޓް