ވޮލީ ކޯޗުން ތަމުރީނުކުރުމުގެ އިތުރު ބުރަކަށް ހުޅުވާލައިފި

ރާއްޖޭގައި މިއަހަރު ބޭއްވި އެފްއައިވީބީ ކޯޗިން ކޯހުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވޮލީބޯޅަ ކޯޗުން އުފެއްދުމުގެ މަސައްކަތުގެ ދަށުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޯޗުން ތަމުރީނުކުރުމުގެ އިތުރު ބުރަކަށް ހުޅުވާލައިފިއެވެ.

ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ހިންގާ އެފްއައިވީބީ ލެވެލް 1ގެ ކޯޗިން ކޯސް ކުރިއަށްދާނީ މި މަހުގެ 15 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޯހަށް ކޮންމެ ކައުންސިލަކުން އެއް ޖާގަ އަދި ކޮންމެ ސިޓީ ކައުންސިލަކަށް އެއް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ. ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުކުރި 12:00 އެވެ.

ވޮލީބޯޅައިގެ މުޅި ރާއްޖެއަށް ފުޅާކޮށް ތަރައްގީކުރުމުގެ މަގުސަދުގައި އަތޮޅުތެރޭގައި އުފައްދާ އެކެޑެމީތަކަށް ތަމްރީނު ލިބިފައިވާ ކޯޗުން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެފްއައިވީބީ ލެވެލް އެކެއްގެ ކޯހެއް ހިންގުމަށް ރާވާފައިވާކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ލަތީފް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ފާހަގަކުރުމަށް މި އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ކޯސް ވީއޭއެމްއިން ހިންގާނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެހީތެރިކަމާ އެކުއެވެ. މި އަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ ކޯޗިން ކޯސްތަކެއް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

comment ކޮމެންޓް