އައިފޯނު 17ގެ އެންމެ ބޮޑު ތަފާތަކީ ކޮބާ؟

އާ އައިފޯން ސީރީޒްއިން ބޮޑެތި ބަދަލުތަކެއް ފެންނާނެ --

މި ހަފުތާގެ ބުރާސްފަތި ދުވަހު ދައްކާލަން ހަމަޖެހިފައިވާ އައިފޯން 17އަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. ޚާއްސަކޮށް އެ ފޯންގެ ފީޗާތަކާއި އެހެން އައިފޯންތަކާ ތަފާތުވާނީ ކޮން ކަންތައްތަކެއްތޯ ގިނަ ބަޔަކު އަންނަނީ ބަލަމުންނެވެ.

އައިފޯން 16 ނެރުނުއިރު ވެސް މި ވާހަކަތައް ދިޔައީ ދެކެވެމުންނެވެ. އޭރުގެ ލަފާކުރުންތައް އެހާ ބޮޑަށް ދިމާނުވި ނަމަވެސް މިހާރު ޓެކްނޮލޮޖީގެ މާހިރުން ދަނީ އައިފޯން 17، އައިފޯން 17 ޕްރޯ، އައިފޯން 17 ޕްރޯ މެކްސް އަދި އައިފޯން 17 އެއާއާ ބެހޭ އެންމެ މުހިންމު ލަފާކުރުންތަކަށް އަލިއަޅުވައިލަމުންނެވެ. އެގޮތުން، އެންމެ ބޮޑު އެއް ތަފާތަކީ ފޯނުގެ ފަހަތު ކެމެރާގެ ޑިޒައިން ކަމަށް ބެލެވެއެވެ.

އެންމެ ބޮޑު އެއް ތަފާތަކީ ފޯނުގެ ފަހަތު ކެމެރާގެ ޑިޒައިން ---

އެންމެ ހައިރާންކުރުވަނިވި އަދި އެންމެ ގިނަ ބަޔަކު ދައްކަމުން އަންނަ އެއް ވާހަކައަކީ ޕްރިމިއަމް މޮޑެލްތަކަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯން 17 އެއާ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ގައި ހުންނާނީ ފޯނުގެ ފަހަތު ބައިގައި ހުރަހަށް ހުންނަ ކެމެރާ ބްލޮކެކެވެ.

މިއީ ގޫގުލްގެ ޕިކްސެލް 10 ގައި ހުންނަ ފަދަ ޑިޒައިނެކެވެ. އައިފޯން 16 ޕްރޯގައި ހުންނަ އާދައިގެ ހަތަރެސްކަން ކެމެރާ ހައުސިންއަށް ބަދަލެއް ގެނައުމަކީ އެޕަލްގެ ފްލެގްޝިޕް ޑިޒައިން، އާ ކުރުމަށްޓަކައި ގެނައި މުހިންމު ބަދަލެއް ކަމަށް ބެލެވެއެވެ.

އެޕަލް ކުންފުނިން ކޮންމެ އަހަރަކު ސެޕްޓެންބަރު މަހު އައިފޯންގެ އާ މޮޑެލްތައް ތައާރަފުކުރެއެވެ. މި އިވެންޓްތަކަކީ ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އިވެންޓްތަކެކެވެ.

ކޮންމެ އަހަރަކު ވެސް ނުކުންނަ އާ އައިފޯންތަކަށް އިންތިޒާރުކުރުމަކީ އާންމު ކަމެކެވެ. އަދި، މި ފޯނުތަކަށް އަންނަ ބަދަލުތަކާއި އާ ފީޗާސްތަކަށް ކަސްޓަމަރުންނާއި ޓެކްނޮލޮޖީގެ މާހިރުން ވަރަށް ބޮޑަށް ސަމާލުކަންދެއެވެ.

އެޕަލްއިން ކޮންމެ އަހަރަކު ޑިޒައިން، ހާޑްވެއާ އަދި ސޮފްޓްވެއާގައި އާ ކޮށްފައިވާ ކަންތައްތަކެއް ތައާރަފުކުރެއެވެ. މި އަހަރުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ ކެމެރާގެ ޑިޒައިން ބަދަލުތަކަށާއި، އާ އައިފޯން 17 އެއާ ނެރުމަށެވެ. މި ބަދަލުތަކުން އެޕަލްގެ ވާދަވެރިކަން އިތުރުކޮށް، ސްމާޓްފޯނު މާކެޓުގައި އެޕަލްގެ މަގާމު ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް