ނިއުދިއްލީ (07 ސެޕްޓެންބަރު 2025): މި މަހު ފަށާ އދ. ގެ އާންމު ޖަމިއްޔާ (ޖެނެރަލް އެސެމްބްލީ)ގެ ބޮޑު ޖަލްސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި އެ ޖަލްސާގައި މޯދީ ތަގުރީރު ވެސް ނުކުރައްވާނެ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް"އިން ބުނެފިއެވެ.
އިންޑިއާގެ ރަސްމީ މަސްދަރަކާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" ބުނާގޮތުން މޯދީގެ ބަދަލުގައި އދ.ގެ އާންމު ޖަމިއްޔާގެ ޖަލްސާގައި އިންޑިއާ ތަމުސީލުކުރައްވާނީ އަދި އިންޑިއާގެ ފަރާތުން ތަގުރީރުކުރައްވާނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސްބްރަމާނިޔަމް ޖައިޝަންކަރެވެ.
އދ.ގެ އާންމު ޖަމިއްޔާގެ ބޮޑު ޖަލްސާގެ ސެޝަންތައް ފެށޭނީ މި މަހު 23 ވަނަ ދުވަހެވެ. ނިމޭނީ 29 ގައެވެ. އޭގެ ކުރިން މި މަހު 22 ގައި އދ. އުފެދުނުތާ 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އާންމު މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ވެސް ބެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
"ހިންދުސްތާން ޓައިމްސް" ބުނާގޮތުން ކުރިން އޮތީ އދ.ގެ އާންމު ޖަމިއްޔާގެ ބޮޑު ޖަލްސާގައި މޯދީ ތަގުރީރުކުރައްވާ ގޮތަށެވެ. އެ ނޫސް ބުނާގޮތުން މި ނިންމުން ބަދަލުކުރެއްވީ މި ދުވަސްވަރު ނިޔުޔޯކަށް ވަޑައިގަންނަވަން މޯދީ ބޭނުންފުޅުނުވާތީއެވެ.
ނިޔުޔޯކަށް ވަޑައިގަންނަވަން މޯދީ ބޭނުންފުޅު ނުވަނީ އިންޑިއާއިން ރަޝިއާއާ އެކު ކުރާ ތެލުގެ ވިޔަފާރި ހުއްޓުވުމަށް އެމެރިކާއިން އިންޑިއާއަށް ފިއްތުންތައް ކުރިމަތިކުރާތީއާއި އެ ފިއްތުންތަކަށް އިންޑިއާ ބޯނުލެނބުމުން އިންޑިއާއަށް އަދަބު ދިނުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާގެ މުދަލުން ޓެރިފް ނަގާ މިންވަރު ބޮޑުކުރަން ނިންމަވާފައިވާތީ އެކަމާ ހިއްޕުޅު ހަމަޖެހިވަޑައިނުގެންނެވެ.
އެމެރިކާއިންވަނީ އެ ގައުމަށް އެތެރެކުރާ އިންޑިއާގެ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގަން ނިންމާފައެވެ. އަދި، ރަޝިއާއާ އެކު ކުރާ ތެލުގެ ވިޔަފާރި ހުއްޓާލުމަށް އިންޑިއާ ދެކޮޅު ހެދުމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިތުރު 25 އިންސައްތައިގެ ޓެރިފް އެއް އިންޑިއާގެ މުދަލުން ނަގަން ނިންމަވާފައެވެ. ޖުމްލަ 50 އިންސައްތައިގެ ޓެރިފް އެއް އިންޑިއާގެ މުދަލުން ނެގުމަކީ ވިޔަފާރީގެ ގޮތުން އިންޑިއާއަށް ބޮޑު ގެއްލުމެއް ލިބޭނެކަމަކަށް ވިޔަސް އިންޑިއާއިން ވަނީ އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި އެމެރިކާއަށް ބޯލެނބުމަށް ދެކޮޅު ހަދާފައެވެ.
އެމެރިކާއަކީ އިންޑިއާއަށްވުރެ މާ ބޮޑަށް ކުރިއަރާފައިވާ ގައުމެއް ނަމަވެސް އަދި އިންޑިއާގެ އިގުތިސާދަށް ވުރެ އަށެއްކަ ގުނަ ބޮޑު އިގުތިސާދެއް ނަމަވެސް އިންޑިއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް ދެން އެޅުމަކީ ނޫނީ އިންޑިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުންފަދަ ކަމެއް ކުރުމަކީ އެމެރިކާއަށް ވެސް ފަސޭހަކަމެއް ނޫނެވެ.
އެއީ، އިންޑިއާއަކީ އެގޮތަށް ކުޅެލެވޭ ވަރަށްވުރެ މިހާރު މާ ބޮޑު އިގުތިސާދަކަށް ވެފައި އިންޑިއާގައި ބޭރުގެ އިންވެސްޓްމަންޓްތައް ގިނަވުމާ އެކު އިންޑިއާއަކީ މިހާރު އުފެއްދުންތެރި ގައުމަކަށްވާތީއެވެ.
އެމެރިކާގެ ޓެރިފްގެ ފިޔަވަޅުތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ މިހާރަށްވުރެ ބޮޑަށް އަމިއްލަ ފައިމައްޗަށް ތެދުވާން އިންޑިއާ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އިންޑިއާއިން ވަނީ އެ ގައުމުގެ ޒަމާންވީ ވާދަވެރިޔާ ޗައިނާއާ ގުޅުން ބަދަހިކުރަން ފަށާފައެވެ.
ދާދިފަހުން ޗައިނާގައި ބޭއްވި ޝެންހާއި ޖަމާއަތުގެ ސަމިޓްގައި ވެސް މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި، މި ދަތުރުފުޅުގައި މޯދީ ވަނީ ޗައިނާގެ ރައީސް ޝީޖިންޕިންއާ ބައްދަލުކުރައްވައި ދެ ބޭފުޅުންވަނީ ދެ ގައުމުގެ ގުޅުންތައް ވާދަވެރިކަމުން އެއްބައިވަންތަ ކަމަށް ބަދަލުކުރެއްވިކަން އިއުލާންކުރައްވާފައެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕަށް ވަނީ ސިހުން ލިބިވަޑައިގެންފައެވެ.
އެ މަނިކުފާނުގެ ސިޔާސަތަކީ ރަޝިއާއާއި އިންޑިއާ އަދި ޗައިނާއާ ދުރުކުރުން ކަމަށްވިޔަސް ފެންނަމުންދަނީ ރަޝިއާއާއި އިންޑިއާ އަދި ޗައިނާ ވެސް ގާތްވަމުންދާ މަންޒަރު ކަމަށާއި މިއީ ބޮޑު ގޮންޖެހުމެއްކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. ދާދިފަހުން މޯދީ ވަނީ އެމެރިކާއާއި އިންޑިއާގެ މަސްރަހު ފިނުކުރުމުގެ ގޮތުން ޑިޕްލޮމެޓިކް ވާހަކަތަކެއް ދައްކަވާފައެވެ.
ނަމަވެސް، އެމެރިކާއިން އިންޑިއާއަށް އިހުތިރާމު ކުޑަކުރިކަމުގެ މާޔޫސްކަން އަދިވެސް ފިލައިގެން ނުދެއެވެ. އަދި، އެމެރިކާގެ އިތުބާރުހުރި ބައިވެރިއަކަށްވުމަށް ފާއިތުވި ވިއްސަކަަށް އަަހަރު ތެރޭގައި އިންޑިއާ ކުރި މަސައްކަތުން އެދެވޭ ނަތީޖާ ނުކުމެފައި ނުވާކަމުގެ އިހުސާސް އިންޑިއާ ވަނީ ކުރަން ފަށާފައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ޓްރަމްޕްގެ ހަރުކަށި ސިޔާސަތުގެ ސަބަބުން އެމެރިކާއާއި އިންޑިއާގެ ގުޅުންތަކުގައި މިހާރުވަނީ އިތުބާރު ގެއްލިފައެވެ. ގެއްލިފައިވާ މި އިތުބާރު އަލުން އިއާދަކުރުމަކީ ފަސޭހަ ކަމެއްނޫނެވެ.
އިންޑިއާއަކީ ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ ގެންގުޅޭ ކޮންޓެއިންމަންޓް ސިޔާސަތުގައި އެމެރިކާއަށް ވަރަށް މުހިންމު ގައުމެކެވެ. މިކަމަށްޓަކައި އެމެރިކާ އުފެއްދި ކުއަޑް ގްރޫޕްގައި ވެސް އިންޑިއާ ހިމެނެއެވެ.
އިންޑިއާގެ އެއްބާރުލުން ނުލިބި ދެކުނު އިރުމަތީ އޭޝިއާގައާއި ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގައި ޖިއޮޕޮލިޓިކަލް ބާރާއި ނުފޫޒު ހިންގުމަކީ އަދި އެސަރަހައްދުގެ ގައުމުތަކުގައި ސްޓްރެޓީޖިކް ދައުރެއް އަދާކުރުމަކީ ވެސް ދުނިޔޭގެ މަސްރަހު މިހާރު ބައްޓަންވެފައިވާގޮތުން އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.