އިންޑިއާ - އީއެފްޓީއޭގެ 100 ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް އަމަލުކުރަން ފަށަނީ

އިންޑިއާ-އީއެފްޓީއޭ ގެ ވިޔަފާރި އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ/ޕީޓީއައި

ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ)އާ އެކު އިންޑިއާއިން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފަށާނެ ކަމަށް އިންޑިއާގެ ވިޔަފާރީއާބެހޭ ވަޒީރު ޕިޔޯޝް ގޯޔާލް އިއުލާނުކުރައްވައިފިއެވެ.

އެއްބަސްވުމަށް އަމަލުކުރަން ފަށާނެކަން އިއުލާނުކޮށްފައިވަނީ އިންޑިއާގެ މުދަލުން އެމެރިކާއިން ނަގާ ބޮޑު ޓެރިފްތަކުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އެކްސްޕޯޓް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ މުދަލުން 50 ޕަސަންޓް ޓެރިފް ނަގާނެ ކަމަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވުމާ ގުޅިގެން އިންޑިއާގެ އިގުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި އެއްބަސްވުމުގައި ވިޔަފާރިއާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ގާނޫނީ ގޮތުން ބާރުވެރި މާއްދާތަކެއް ހިމެނެއެވެ.

އީއެފްޓީއޭ ބްލޮކްގައި ހިމެނެނީ އައިސްލޭންޑް، ލިޗްޓެންސްޓައިން، ނޯވޭ، އަދި ސްވިޒަލޭންޑްއެވެ. ދެ ފަރާތުން ޓްރޭޑް އެންޑް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓް (ޓެޕާ) ގައި ސޮއިކޮށްފައި ވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހެވެ.

މި އެއްބަސްވުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ޕިޔޯޝް ފާހަގަކުރެއްވި ގޮތުގައި މިއީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގެ ސްޓޭކްހޯލްޑަރުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށާއި އޭގެ މަގުސަދަކީ އީއެފްޓީއޭއަށް ބިނާކޮށް އިންވެސްޓަރުންނަށް އިންޑިއާގެ މާކެޓްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަ ކުރުމެވެ.

100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާ އެކު އެއް މިލިއަން ވަޒީފާ

ޓެޕާގެ އޮނިގަނޑުގެ ދަށުން އިންޑިއާގެ އަމާޒަކީ 15 އަހަރުގެ މުއްދަތެއްގެ ތެރޭގައި 100 ބިލިއަން ޑޮލަރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ހޯދުމެވެ. އެ އަމާޒުގައި ފުރަތަމަ 10 އަހަރު ތެރޭގައި ފުރަތަމަ 50 ބިލިއަން ޑޮލަރު އިންވެސްޓްކުރާއިރު، އޭގެ ފަހުން ފަސް އަހަރު ތެރޭގައި އިތުރު 50 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެއެވެ. އަދި، އިންވެސްޓްމަންޓްތަކާއި އިގުތިސާދީ ހަރަކާތްތަކުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު ބޭނުންކޮށްގެން އިންޑިއާގައި އެއް މިލިއަން ވަޒީފާ އުފެއްދުމުގެ އަމާޒެއް ވެސް އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.

ބަދަލުގައި އިންޑިއާއިން އެއްބަސްވީ ސްވިސް ގަޑި، ޗޮކްލެޓް، އަދި ޖަވާހިރު ފަދަ އީއެފްޓީއޭގެ ބައެއް އެކްސްޕޯޓްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށެވެ. ސްވިޒަލޭންޑުން ބުނީ، މިއީ އެގައުމުގެ މުދަލާއި ޚިދުމަތްތަކަށް އިންޑިއާގެ ބާޒާރަށް ވަދެވޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިންޑިއާއިން ސްވިޒަލެންޑުން މިހާރު އެކްސްޕޯޓްކުރާ 94.7 އިންސައްތަ މާކެޓްތަކަށް ރަނގަޅު ވަދެވޭނެ ގޮތް ފަހިކޮށްދެއެވެ. އެކްސްޕޯޓުކުރާ މުދަލުގެ ތެރޭގައި ގަޑި، މެޝިނަރީ، ބޭސް، އޮޕްޓިކަލް ޑިވައިސް، އަދި ޕްރޮސެސްޑް ދަނޑުވެރިކަމުގެ ސާމާނު ހިމެނެއެވެ.

އަދި، މި އެއްބަސްވުމުގެ ސަބަބުން ދަށުން ވިޔަފާރިއާއި، ތިމާވެއްޓާއި، އިޖުތިމާޢީ ކަންކަމާއި، އިންސާނީ ޙައްޤުތަކާ ބެހޭގޮތުން މިހާރު ކުރެވިފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން ދެފަރާތުގެ ޙައްޤުތަކާއި ވާޖިބުތައް އިތުރަށް ކަށަވަރުކޮށްދެއެވެ.

ދެފަރާތަށްވެސް އިގުތިސާދު ފުޅާކުރެވޭނެ ފުރުސަތެއް

މި އެއްބަސްވުމަކީ އިންޑިއާއިން މިހާތަނަށް ސޮއިކޮށްފައިވާ އެންމެ ފުރިހަމަ ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެކެވެ. އެގޮތުން، އެއްބަސްވުމުގެ ދަށުން އިންޑިއާގެ އެކްސްޕޯޓަރުންނަށް ޔޫރަޕްގެ އަގު ބޮޑު މާކެޓްތަކަށް ވަނުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި އަދި ޒަމާނީ ޓެކްނޮލޮޖީއާއި ކެޕިޓަލް އިންފްލޯއާއި ވަޒީފާގެ ފުރުސަތުތައް ވެސް ގެނެސްދޭނެ ކަމަށް ބެލެވޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީއެފްޓީއޭގެ މެމްބަރު ގައުމުތަކުގެ ނަޒަރުން ބަލާއިރު، މި އެއްބަސްވުމަކީ ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެއް އިގުތިސާދާ ގުޅުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

އެއްބަސްވުމުގެ ސަބަބުން އޭޝިއާގައި އީއެފްޓީއޭގެ މަގާމު ހަރުދަނާކޮށް، އިންޑިއާއާއެކު އިތުރު އިގުތިސާދީ ފުރުސަތުތަކަށް މަގު ހުޅުވޭނެއެވެ.

comment ކޮމެންޓް