ސްޓެލްކޯގެ އެމްޑީކަމުން ފަހުމީ ވަކިކޮށް، މިފްކޯގެ ކުރީގެ ސީއީއޯ ސަމާހް އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: އޭނާ ވަނީ މަގާމުން ވަކިކޮށްފައި -- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަގާމުން ވަކިކޮށް، ދައުލަތުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައި މީގެ ކުރިން ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމަށް އައްޔަންކޮށްފިއެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ބަދަލު ގެނައިކަން މިއަދު އިއުލާންކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ންނެވެ. ނަމަވެސް ފަހުމީ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައި ނުވެއެވެ.

ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 28، 2023ގައެވެ.

ފަހުމީ މަގާމުން ވަކިކުރިއިރު، މުޅި މާލެއާއި ހުޅުމާލޭން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކައިރި ކައިރީގައި ހިނގައި، ސްޓެލްކޯއަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.

ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއިން ހާމަކޮށްފައިނުވާއިރު، މިދިޔަ މަހު ވެސް ފަހުމީ ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސްޓެލްކޯގެ އާ އެމްޑީ ސަމާހު މިފްކޯގެ ސީއީއޯ ކަމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އެއަށްފަހު، މިދިޔަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހު ޕީސީބީން ސަމާހު ވަގުތީ ގޮތުން މަގާމުން އެކަހެރިކުރިކަން އިއުލާންކުރިއެވެ.

އެކަން އިއުލާނުކޮށް ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށް ޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމި ކަމަށެވެ.

ނަމަވެސް، ޕީބީސީން ފަހުން އެ މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު އޭނާގެ ސަސްޕެންޝަން އުވާލައި އެކަން ލިޔުމުން, މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 23ގައި އެންގިއެވެ.

އެއަށްފަހު، ސަސްޕެންޝަން އުވާލިތާ މަހެއްވީތަނާ ސަމާހް މަގާމުން ވަކިކުރީއެވެ. އޭގެ ފަހުން، މެއި 22، 2024ގައި އޭނާވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް