17 މިލިއަން ރުފިޔާއަށް ހަދާ ތަރައްގީގެ ޕްލޭނުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ އިސްވެރިން: އަލަށް އެކުލަވާ ތަރައްގީގެ ޕްލޭނަށް އަމަލުކުރާނެކަމުގެ ޔަގީންކަން ނެތުމުން އެކަމުގައި ބައިވެރިނުވާން އެމްޑީޕީން ވަނީ ނިންމާފައި ---- ސަން ފޮޓޯ/ ހުސައިން ހާފިޒު

އަލަށް އެކުލަވާ ތަރައްގީގެ ޕްލޭނަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެ، އެކަމުގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދައިފިއެވެ.

"ވިލުންތެރި ރާއްޖެ 2045"ގެ ނަމުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން އަމިއްލަ ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށެވެ.

https://sun.mv/210965

އެ ޕްލޭނާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ޕްލޭންގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް ބުނެ، ނެކްސިއާ ކުންފުނިން އެ ޕާޓީއާ ބައްދަލުކުރަން އެދިފައިވާތީ މިއަދު އެކުންފުންޏަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

ދުރު ރާސްތާއަށް އަމާޒުކޮށް އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ މުހިންމު ކަމެއްކަން ގަބޫލުކުރި ނަމަވެސް، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ނަމުގައި ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތާމެދު ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކުރަން ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން: މި ޕްލޭނުގައި ބައިވެރިނުވާން އެމްޑީޕީން ވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، އެ ޕްލޭން އެކުލަވާލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅާފައި ވަނީ ކިހިނެއް ކަމާއި އެ ނިންމުމުގައި މަޝްވަރާ ކުރީ ކޮން ބަޔަކާކަން އެނގެން ނެތްކަން އެޕާޓީން ފާހަގަކުރިއެވެ.

އިތުރަށް އެމްޑީޕީން ފާހަގަކުރީ، އެފަދަ ޕްލޭނެއް އެކުލަވާލައްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވި ފަހުން އެއްވެސް ޕްލޭނެއް ނެތި އެއާޕޯޓުތައް އެޅުމާއި އުމްރާނީ އެކި މަޝްރޫއުތައް އިއުލާނުކޮށް، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާ ކަމަށެވެ.

އެމްޑީޕީން މައްސަލަތަކުގެ ގޮތުގައި އިތުރަށް ފާހަގަކުރީ:

  • މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށާފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރު ފަޅު ހިއްކުމަށް އެކި ގޮތްގޮތަށް ސަރުކާރުން މަސައްކަތްކުރުން
  • ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމާއި ގުޑް ގަވަނަންސްގެ އުސޫލުތަކާ ޚިލާފަށް ކަންކަން ކުރުން
  • ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމުވުން
  • ތިމާވެށި ހިމާޔަތްކުރުމުގެ ގަވައިދުތައް ފަދަ ކުރިން އެކަށައަޅައިފައި ހުރި ހަރުދަނާ އުސޫލުތައް ކުއްލިއަކަށް ބަދަލުކުރަމުން ދިޔުން

20 އަހަރުގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ނެކްސިއާ މޯލްޑިވްސް އާ ޕްލޭނިން މިނިސްޓްރީން ބައްދަލުކުރަނީ -- ފޮޓޯ: ނެކްސިއާ މޯލްޑިވްސް / ފޭސްބުކް

މިހެންކަމުން ޕްލޭނެއް އެކުލަވާލުމުގެ ބޭނުމެއް މިހާރު އޮތް ކަމަށް މި ޕާޓީން ނުދެކެން. އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް ވެސް ނުދެކެން އެމްޑީޕީގެ ނޫސްބަޔާން

އެކަންކަމަށް ރިއާޔަތްކޮށް، އެމްޑީޕީން ބުނީ، އަލުން އެކުލަވާލާ ޕްލޭނަކަށް ސަރުކާރުން އަމަލުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެޕާޓީއަކަށް ނެތް ކަމަށެވެ. އަދި، މި ވަގުތު ޕްލޭންގެ މަސައްކަތުގައި ބައިވެރިވުމަކީ ބޭނުންތެރި ނޫންކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ތަރައްގީގެ ޕްލޭންގައި ބައިވެރިނުވާން ނިންމިއިރު، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި އިއްޔެ ވަނީ ރަށްރަށަށް ދަތުރުތައް ފަށައިފައެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

އެ ޕްލޭން އިގްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، އެ ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް