27 އަހަރަށް ފަހު، ސްޓެލްކޯއިން ވަކިކުރި ފަހުމީގެ ޝުކުރު ރައީސަށް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސްޓެލްކޯގެ އެމްޑީ ފަހުމީ: އޭނާ ވަނީ ކުންފުނީގެ އެމްޑީގެ މަގާމު ފުރުއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ހުސައިން ފަހުމީ، އެ ކުންފުނީގެ އެންމެ އިސް މަގާމު ފުރުއްވުމަށް ދެއްވި ފުރުސަތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ ފަހުމީ މަގާމުން ވަކިކޮށްފައިވާކަން އިއުލާންކޮށްފައެވެ. އެ މަގާމަށް، ދައުލަތުގެ މަސް ކުންފުނީގެ ސީއީއޯ މަގާމުގައި ކުރިން ހުންނަވަނިކޮށް ވަކިކޮށް، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު އައްޔަންކޮށްފައިވާކަން ވެސް އެ ބޯޑުން އިއުލާންކުރިއެވެ.

ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 28، 2023ގައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.

ޕީސީބީން ނިންމުން އިއުލާންކުރި ފަހުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، 27 އަހަރު މަސައްކަތް ކުރައްވާފައިވާ ކުންފުނި ހިންގެވުމަށް ދެއްވި ފުރުސަތަށް ރައީސަށް ޝުކުރު އަދާކުރައްވައިފިއެވެ. އަދި ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައި ތިބި ބަޔަކީ މުވައްޒަފުންކަން ފާހަގަކުރައްވައި، އެ އެންމެންގެ ބުރަ މަސައްކަތަށް ވެސް ޝުކުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

"އެންމެން ގުޅިގެން ހޯދި ކާމިޔާބީތަކާ މެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން އަދި މުސްތަގުބަލުގައި ވެސް ސްޓެލްކޯއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން،" ފަހުމީ ލިޔުއްވާފައިވެއެވެ.

ފަހުމީ މަގާމުން ވަކިކުރިއިރު، މުޅި މާލެއާއި ހުޅުމާލޭން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކައިރި ކައިރީގައި ހިނގައި، ސްޓެލްކޯއަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.

ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއިން ހާމަކޮށްފައިނުވާއިރު، މިދިޔަ މަހު ވެސް ފަހުމީ ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދަން ރައީސްވަނީ އަންގަވައިފައެވެ. އަދި ލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސްޓެލްކޯގެ އާ އެމްޑީ ސަމާހު މިފްކޯގެ ސީއީއޯ ކަމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އެއަށްފަހު، މިދިޔަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހު އޭނާ ސަސްޕެންޑުކުރުމަށްފަހު، މެއި މަހު މަގާމުން ވަކިކުރިއެވެ. ނަމަވެސް ހަމަ އެ މަހުގެ 22ގައި ސަމާހު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް