މާދަމާ ފަސް ގަޑިއިރަށް ބުރިޖުގެ އެއްފަޅި ބަންދު ކުރަނީ

ސިނަމާލެ ބުރިޖު: މާދަމާ ހަވީރު ހަތަރަކުން ފެށިގެން އެއާޕޯޓުގެ އެއް ފަޅި ބަންދުވާނެ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މާދަމާ ފަސް ގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ފަޅި ބަންދުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިރޭ ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ، މާދަމާ ހަވީރު 16:00އިން 21:00ގެ ނިޔަލަށް ބަންދުވާނީ ބުރިޖުގެ އުތުރު ފަޅި ކަމަށެވެ.

އެގޮތުން، ބަންދު ކުރާ ވަގުތުތަކުގައި އެފަޅި ބޭނުންކުރެވޭނީ އިމަޖެންސީ ވެހިކަލްތަކަށް އެކަނި ކަމަށާއި ބުރިޖުގެ ދެކުނު ފަރާތުން، އެ ވަގުތުތަކުގައި އާންމު އުޅަނދުތަކަށް ދެކޮޅަށް ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްގެ އޮފިޝަަަލަކު 'ސަން'އަށް ވިދާޅުވީ، ހައިވޭގެ އެއް ފަރާތް ބަންދު ކުރަނީ އެއާޕޯޓުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހަރަކާތެއް ބޭއްވުމަށް ކަމަށެވެ. އެއީ، ކޮންމެ ދެ އަހަރެއް ނުވަތަ ތިން އަހަރަކުން ބާއްވާ ހަރަކާތެއްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

އިތުރަށް އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ހަރަކާތުގެ މަގުސަދަކީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އެމަޖެންސީ ޚިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމެވެ.

މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބައިވެރިވާނެއެވެ.

comment ކޮމެންޓް