މި ހަފުތާތެރޭ އެފްޑީސީ ފްލެޓްތަކަށް މީހުން ވައްދަން ފަށަނީ

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް -- ސަން ފޮޓޯ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި ހަފުތާ ތެރޭ މީހުން ވެއްދުމުގެ މަސައްކަތް ފަށާނެކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން ސޮއިކުރަން ތާވަލުކޮށް މިހާތަނަށް 2،955 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ.

އެ ކޯޕަރޭޝަނުން ކުރިން ބުނި ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

އަދި، ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަ ލައި، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ކުރިން ބުންޏެވެ.

އެއާއެކު ފްލެޓްތަކަށް މީހުން ވެއްދުމުގެ މަސައްކަތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ މި ހަފުތާ ތެރޭ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ކަމަށެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76އަށް ވުރެ މަތިން މާކްސް ލިބި، ގުރު ނެގުމުން އުނިވުމުން ފުލެޓު ނުލިބޭ މީހުންގެ ގުރު ނެގުމާ ގުޅޭގޮތުން އެފްޑީސީން ބުނީ، ލިސްޓާ ގުޅޭ ކަންކަމަކީ ހައުސިން މިނިސްޓްރީން ކުރާ މަސައްކަތެއް ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.

comment ކޮމެންޓް