ރަތް ކަނޑުގައި އަޅާފައިވާ ފައިބާ އޮޕްޓިކް ކޭބަލްތަކެއް ބުރިވެ، ދެކުނު އޭޝިޔާއާއި މެދުއިރުމަތީގެ ގައުމުތަކުގައި އިންޓަނެޓް ޚިދުމަތަށް ބުރޫއަރައިފިއެވެ.
އެކަން މެދުވެރިވީ ސަބަބު ސާފު ނޫން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކޭބަލް ބުރިވުމުގެ ސަބަބުން އިންޓަނެޓުގެ ޚިދުމަތަށް އަސަރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާނާއި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ.
ކަނޑުއަޑީގެ ކޭބަލްތަކަކީ އިންޓަނެޓް ފޯރުކޮށްދޭ މައި ނިޒާމު ކަމަށްވާއިރު، ދުނިޔޭގެ ޑޭޓާ ޓްރެފިކް އުފުލައިދެނީ މި ކޭބަލްތަކުންނެވެ. އާންމުކޮށް އިންޓަނެޓް ޚިދުމަތްދޭ ފަރާތްތަކުން ގިނަ އެކްސެސް ޕޮއިންޓްތަކެއް ހުންނައިރު، އެއް ފެއިލްވެއްޖެނަމަ ޓްރެފިކް ރީރޫޓް ކުރާއިރު، އެއީ ޔޫޒަރުންނަށް ޚިދުމަތް ލިބުން ލަސްވެއެވެ.
ކަނޑުއަޑީގައި އަޅާފައިވާ ގިނަ ކޭބަލްތަކެއް ބުރިބެފައިވާއިރު އޭގެ ތެރޭގައި ސައުދީ ޢަރަބިއްޔާގެ ޖިއްދާ ކައިރީގައި އަޅާފައިވާ އެސްއެމްޑަބްލިޔު4 އަދި އައިއެމްއީޑަބްލިޔުއީ ނިޒާމު ވެސް ހިމެނެއެވެ.
އިންޓަނެޓުގެ ޚިދުމަތް ދޭ މިންވަރު ވަޒަންކުރާ ޖަމިއްޔާއެއް ކަމަށްވާ ނެޓްބޮލޮކްސްއިން ވަނީ އިންޑިއާއާއި ޕާކިސްތާނާއި ޔޫއޭއީ ހިމެނޭހެން ގިނަ ގައުމުތަކެއްގެ އިންޓަނެޓް ޚިދުމަތަށް ބުރޫއަރާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ޓެލެކޮމިޔުނިކޭޝަން ކުންފުނި، ޕާކިސްތާން ޓެލެކޮމިއުނިކޭޝަންސް ކޯ ލިމިޓެޑުން ވަނީ އިންޓަނެޓް ޚިދުމަތަށް ބުރޫއަރާފައިވާކަން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައެވެ.
ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ރަތްކަނޑުގައި އަޅާފައިވާ އެ ގައުމުގެ ފެލްކޮން ޖީސީއެކްސް ކޭބަލް ބުރިވެ، އިންޓަނެޓް ޚިދުމަތަށް ބުރޫއެރި ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ޔޫއޭއީއަށް އިންޓަނެޓުގެ ޚިދުމަތްދޭ އެތިސަލަތާއި ދޫއިން ވެސް ވަނީ އިންޓަނެޓުގެ ދުވެލި މަޑުވެފައިވާ ކަމަށާއި ދޭތެރެދޭތެރެއިން ޚިދުމަތް ކެނޑެމުންދާ ކަމަށް ބުނެފައެވެ.
ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ވިޔަފާރިތަކާއި، ސަރުކާރުތަކުގެ މަސައްކަތްތަކުގެ މުހިންމު ރޯލެއް އަދާކުރާ މައިކްރޮސޮފްޓްގެ އަޒޫރު ކުލައުޑް ޚިދުމަތަށް ވެސް ކޭބަލްތައް ކެނޑުމުގެ ސަބަބުން ބުރޫއެރިއެވެ.
ކަނޑުއަޑީގައި އަޅާފައި ހުންނަ ކޭބަލްތަކަށް އުޅަނދުފަހަރުގެ ނަގިލިތަކުން ގެއްލުން ލިބުމުގެ ނުރައްކަލާއި ތަފާތު ހަމަލާތައް އަމާޒުވުމުގެ ފުރުސަތު އޮވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިންޓަނެޓުގެ ޚިދުމަތަށް ބުރޫއަރައެވެ. މިއީ ހައްލު ކުރުމަށް އުނދަގޫ އަދި ވަގުތު ނަގައި މައްސަލަތަކެކެވެ.
އޭޝިއާ ސަރަހައްދުގެ ބައެއް ގައުމުތަކަށް މި ކަމުން އަސަރުކުރި ނަމަވެސް ރާއްޖެއަށް އަސަރެއް ނުކުރާނެއެވެ. ސަބަބަކީ ރާއްޖެއަށް ކޭބަލް އަޅާފައިވަނީ ސިންގަޕޫރުންނެވެ.
ޔަމަނުގެ ހޫޘީން ރަތް ކަނޑުގައި ހިންގާ ކެމްޕޭނުގެ ދަށުން ކޭބަލްތަކަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެއީ ޣައްޒާގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޕްރެޝަރު ކުރުމަށް ކުރާ ކަމަށް ހޫޡީން ބުނެއެވެ. އަދި، ކޭބަލްތަކަށް ހަމަލާ ނުދޭ ކަމަށް ހޫޡީން ވަނީ މީގެ ކުރިން ބުނެފައެވެ.
ރަތް ކަނޑުގެ ކޭބަލްތަކަށް ހަމަލާދޭން ހޫޡީން މިދިޔަ އަހަރު ރޭވި ކަމަށް ޔަމަނު ސަރުކާރުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ހޫޡީން ވަނީ އެކަން ދޮގުކޮށްފައެވެ.