މޫސަ [އަސްލު ނަމެއް ނޫން] ކޭޓްރިން ވިޔަފާރި ކުރާތާ އަށް އަހަރުވެއްޖެއެވެ. އެކަމަކު، މި ފަހުން ސަރުކާރަށް ކޮށްދިން މަސައްކަތްތަކުގެ އަގު ނުލިބި، އޭނާ އެ ހުރީ މަގުމަތިވެފައެވެ. މޫސަ މިހާރު ވިސްނަނީ ވިޔަފާރި ބަންދުކޮށްފައި، ދަރަނި ޚަލާސްކޮށްފައި، ރަށަށް ބަދަލުވާށެވެ.
ސަރުކާރުން އޭނާއަށް ދޭންޖެހޭ ފައިސާ ނުދިންތަނުގައި، ލޯނެއް ވެސް ނުލިބުނީމައެވެ.
އެއީ ހަމައެކަނި މޫސަގެ ހާލެއް ނޫނެވެ. މާލޭގައި ޝިޕިން ކުންފުންޏެއް ހިންގާތާ ހަތަރު އަހަރުވީ އަހުމަދު [އަސްލު ނަމެއް ނޫން]ގެ ވެސް ހާލަކީ އެއީއެވެ. އޭނާ މުދާ ގެންނަނީ ބޭރުގައި ތިބޭ އެޖެންޓުންނާ ގުޅިގެންނެވެ. އެކަމަކު، މި ފަހުން ވިޔަފާރި ގާތްގަނޑަކަށް 40 އިންސައްތަ ދަށްވެ، ދެކޮޅު ނުޖެހެނީއެވެ. ޝިޕްމަންޓްތަކުން ފައިދާއެއް ނުވާތާ މަސްތަކެއްވެއްޖެއެވެ. އެހެންވެ، ވިސްނައިގެން ހުރީ އެ ވިޔަފާރި ހުއްޓާލާށެވެ.
ހުޅުމާލޭގައި ބޮޑު ކެފޭއެއް ހިންގާ މުހައްމަދު [އަސްލު ނަމެއް ނޫން] ވެސް ހުރީ ވިޔަފާރި ދަށްވެގެން ގޮތްހުސްވެފައެވެ. ކުރިން ފައިދާގައި ހިންގަމުން އައި އެ ކެފޭގެ ޚަރަދު ވެސް މިހާރު ނުލިބެއެވެ.
މި ހިސާބަށް ކިޔާފައި، ހިތަށް އަރާނެއެވެ. ނަން ނުޖަހާ ގޮތަށް އެންމެން ވެސް ވާހަކަދެއްކީ ކީއްވެބާއެވެ؟
އެއް ސަބަބަކީ، ސަރުކާރާ ދެކޮޅަށް ނުވަތަ އެ މީހުންގެ ސިޔާސަތުތަކަށް ފާޑުކިޔައިފި ނަމަ، ނޫނީ ނުލިބޭ ފައިސާގެ ވާހަކަ މާ ފާޅުގައި ދައްކައިފި ނަމަ، އެ ފައިސާ މިއިން ދުވަހަކު ވެސް ނުލިބިދާނެކަމުގެ ބިރު އޮތުމެވެ. އެ ފައިސާ އަވަހަށް ލިބެން އަންނަނީ ސަރުކާރަށް ވެސް 'ހެޔޮވަރުގެ ކޮޅެއް' އަޅައިގެންނެވެ. ޖެހިގަނެގެން އެ ކަމެއް ނުވާނެއެވެ. އެ މީހުންނަށް ފިއްތުންތައް ކުރިމަތިވެދާނެކަމުގެ ބިރު ވެސް އޮވެއެވެ. އަނެއް ސަބަބަކީ، ވިޔަފާރީގެ ސިއްރުތަކެއް ވީމާ، ފައިދާއާއި ގެއްލުމުގެ ވާހަކަ ނަން އެނގޭ ގޮތަށް ނޫހުގައި ލިޔަން ބޭނުން ނުވަނީއެވެ.
އެކަމަކު، ނަންބަރުތަކުން އެ ބޭފުޅުން އެ ދައްކަވާ ވާހަކައަށް ބާރު ލިބެއެވެ. އެ ހައްދަވަނީ ތެދެއްކަން ވިޔަފާރި ނަންބަރުތަކުން ދައްކައެވެ. ސަރުކާރުގެ ރަސްމީ ހިސާބުތަކުން ވެސް އެކަން ފެންނަން އެބަހުއްޓެވެ.
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދަރާފައި އޮތީ ކިހާ އަދަދެއްގެ ފައިސާއެއްތޯއާއި އެ ބިލުތަކުގެ ތަފުސީލަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިގެން އުޅޭތާ ގާތްގަނޑަކަށް މަހެއް ވަނީއެވެ. ގާނޫނުން ލިބިދޭ ޖާގައިން އިއްޔެ އަނެއްކާ ވެސް 14 ދުވަސް އެ އިންތިޒާރަށް އިތުރުކޮށްފިއެވެ. އެހެންވެ، ރަސްމީ ނަންބަރު ނުލިބުނީމާ ނަންބަރަކަށް އެނގެން އޮތީ އިދިކޮޅު ފަރާތްތަކުން ބުނާ ނަންބަރެވެ. ސަރުކާރުން 14،000 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ދަރާފައި އޮތުމަކީ ދުރު ކަމެއް ނޫނެވެ. ސީދާ އަދަދު ދިމާނުވިޔަސް ވަރަށް ބޮޑަށް ގާތްކުރާނެއެވެ.
ވިޔަފާރި ދަށްކަން ނަންބަރުތަކުން
ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް މި ދިވެހި ސުވަރުގެއަށް ދީފައި އޮތީ 'ޖަންކް' ރޭޓިންއެކެވެ. މާނައަކީ، މިއީ އިންވެސްޓްކުރަން ކަމުދާ ތަނެއް ނޫނެވެ. މިއީ ދަރަނި ނުދެއްކިދާނެކަމުގެ އިންތިހާ ބިރުވެރިކަމެއްގައި، ދަރަނީގެ ކޮޅިގަނޑެއްގެ ދަށުގައި އޮތް ގައުމެކޭއެވެ. މޫޑީޒްއިން ދީފައި އޮތީ 'ސީއޭއޭ2'އެވެ. ފިޗުން ދީފައި އޮތީ 'ސީސީ'އެކެވެ. އެއީ، އިގުތިސާދީ ގޮތުން ގައުމެއްގެ މޫނު ބަލާ ލޯގަނޑެވެ. އެއިން އެ ބުނަނީ އިގުތިސާދު އޮތް ހާލަތެވެ. ދަރަނި ނުދެއްކިދާނެކަމުގެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އިންވެސްޓަރުންނަށް ބޮޑު ބިރެއްހެނެވެ.
ދެން ހުރީ ފެންނަން ހުރި ރަސްމީ ނަންބަރުތަކެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހު 28 އާ ހަމައަށް ހިނގި ޚަރަދުބަރަދުގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެއިން މައިގަނޑު ތިން ހެއްކެއް އެބަ ލިބެއެވެ.
ފުރަތަމަ ހެއްކަކީ އިމްޕޯޓު ޑިއުޓީ ދަށްވުމެވެ. އިމްޕޯޓު ޑިއުޓީއަށް ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރަށްވުރެ 286 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މާނައަކީ އިމްޕޯޓުކުރި އަދަދު ވެސް ދަށްވެއްޖެއެވެ. އެއީ، ވިޔަފާރިތައް ދަށްވުމުގެ އެއް ނިޝާނެވެ. އަހަރުގައި ބާކީ އޮތީ ހަތަރު މަހެވެ. އެކަމަކު، އިމްޕޯޓު ޑިއުޓީން ލިބޭނެކަމަށް އަންދާޒާކުރި އަދަދުން 2.7 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. މާނައަކީ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ލިބުނު އަދަދަށްވުރެ މާ ބޮޑު އަދަދެއް ނުލިބި އޮތް ކަމެވެ.
ދެވަނަ ކަމަކީ ވިޔަފާރިތަކުން ނަގާ ޓެކުހުން ލިބޭ އާމްދަނީ ދަށްވުމެވެ. އެއިން ލިބުނު އާމްދަނީން މިދިޔަ އަހަރާ އަޅާބަލާއިރު 778.6 މިލިއަން ރުފިޔާ ދަށްވެއްޖެއެވެ. މާނައަކީ ވިޔަފާރިތައް ދަށްކަމުގެ 778.6 މިލިއަން ރުފިޔާގެ އެނގުމެއް ޓެކްސް ހިސާބުތަކުން ވެސް ފާޅުގައި ފެންނަން އެބައޮތެވެ. މި ބައިގައި ވިތުހޯލްޑިން ޓެކްސްއާއި ވިޔަފާރިތަކާއި އާންމުންގެ އަތުން ނަގާ އިންކަމް ޓެކުހުގެ އިތުރުން، ވިޔަފާރިވެރިން އަތުން ނަގައި އެހެނިހެން ޓެކްސްތައް ވެސް ހިމަނައިގެންނެވެ.
ތިންވަނަ ހެއްކަކީ ޖީއެސްޓީން ލިބުނު އާމްދަނީ ހިފެހެއްޓިފައި ހުރުމެވެ. ރަސްމީ ނަންބަރުތަކަށް ބަލާއިރު މިދިޔަ އަހަރަށްވުރެ ޖީއެސްޓީގެ އާމްދަނީން ދަށްވީ އެންމެ 10.3 މިލިއަން ރުފިޔާއެވެ. އާންމު ވިސްނުމަކުން ބަލާނަމަ، ވިޔަފާރި ކުރި މިންވަރު ދަށްނުވަނީއޭ ބުނެވިދާނެއެވެ. އެކަމަކު، ހަގީގަތަކީ އެއީއެއް ނޫނެވެ. މިދިޔަ އަހަރަށްވުރެ އިންފްލޭޝަން ނޫނީ ތަކެތީގެ އަގުތައް ޖުމުލަކޮށް ގާތްގަނޑަކަށް ފަސް އިންސައްތައަށްވުރެ ހަމަ ޔަގީނުން ވެސް ބޮޑުވެއްޖެކަން ރަސްމީ ހިސާބުތަކުން ކަށަވަރުވެއެވެ. އެހެންވީމާ، އިންފްލޭޝަންއެކޭ އެއްވަރަށް ޖީއެސްޓީގެ އާމްދަނީ އެއް އިންސައްތައަކުން ކުރި ނާރާ ނަމަ، އޭގެ މާނައަކީ ވިޔަފާރި ކުރި އަދަދު ދަށްވެއްޖެއެވެ.
މިސާލެކެވެ. ހުސައިން މިދިޔަ އަހަރު 10 ބާވަތެއް ގަތީ ކޮންމެ ބާވަތެއް 100 ރުފިޔާއަށެވެ. ޖީއެސްޓީގެ އަށް އިންސައްތަ ލީމާ އެއީ 1،000 ރުފިޔާއިން 80 ރުފިޔާ ޓެކުހަށެވެ. އެކަމަކު، މި އަހަރު އިންފްލޭޝަން 10 އިންސައްތައަށް އެރީއެވެ. ކުރިން 100 ރުފިޔާއަށް ގަތް 10 ބާވަތުގެ އަގު 110 ރުފިޔާއަށް ބޮޑުވާނެއެވެ. އެހެންވެ، ހުސައިނަށް މި އަހަރު ގަނެވޭނީ ނުވަ ބާވަތެވެ. އެކަމަކު، ނުވަ ބާވަތް ބޮޑު އަގުގައި ގަތީމާ 990 ރުފިޔާގެ ތެރެއިން އަށް އިންސައްތަ ޖީއެސްޓީއަށް 79 ރުފިޔާ ދައްކާނެއެވެ. ޓެކުހުން ދަށްވާނީ އެންމެ ރުފިޔާއެކެވެ. އެހެންވެ، ޖީއެސްޓީގެ ނަންބަރުތަކުން މާ ބޮޑު ދަށްވުމެއް ނުފެންނާނެއެވެ. އެކަމަކު، އިންފްލޭޝަންއެކޭ އެއް އިންސައްތައަކުން އިތުރު ނުވާނަމަ އެއީ ވިޔަފާރި ދަށްވާކަމުގެ ހެއްކެކެވެ.
ވިޔަފާރި މިހާ ދަށްވީ ކީއްވެ؟
މާލޭގައި ޓެކްނޮލޮޖީ ސާމާނު ވިއްކާ ފިހާރައެއްގެ ވެރިއަކު ދެއްކި ވާހަކައެކެވެ. މިދިޔަ އަހަރުގެ ސޭލްސް ނަންބަރުތަކާއި މި އަހަރުގެ ނަންބަރުތައް ދެއްކިއިރު ގާތްގަނޑަކަށް 300،000 އެއްހާ ރުފިޔާ ދަށްވެއްޖެއެވެ. ކުރިން ވާހަކަދެއްކި ވިޔަފާރިވެރިން ގޮތަށް އޭނާ ވެސް ހުރީ ގޮތްހުސްވާ ހިސާބުގައެވެ. އެ ވަރުގެ ދަށްވުމެއް، އެނގުމެއް އަތުވެއްޖެއެވެ.
އެންމެން ވެސް އަހަނީ އެއް ސުވާލެކެވެ. ވިޔަފާރިތައް އެހާ ދަށްވީ ކީއްވެހެއްޔެވެ؟
އެ ކަމުގައި ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. މި ފާއިތުވި 18 މަސް ދުވަސް ތެރޭގައި ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހިއްޖެއެވެ. އެއީ، ހިސާބު އަކުރުން ބަލާނަމަ ކިތައް ބަނދަރު ހެދޭނެ ފައިސާ ހެއްޔެވެ؟ ނޫނީ ކިތައް ހައުސިން ޔުނިޓް އެޅޭނެ ފައިސާހެއްޔެވެ؟ އޭގެ އޮޕޮޗޫނިޓީ ކޮސްޓަކީ އެއީއެވެ. ހަގީގަތުގައި މަޝްރޫއެއް ނުހިންގިގެން އުޅެނީ އެ ސަބަބުތައް ވެސް ހުރީމައެވެ.
މި އަހަރު މިހާތަނަށް މަޝްރޫއު ހިންގަން ޚަރަދުކުރީ 3.1 ބިލިއަން ރުފިޔާއެވެ. އެއީ، ނިސްބަތުން މަޝްރޫއުތައް ނުހިންގޭ މިދިޔަ އަހަރަށްވުރެ ވެސް 4.2 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަހަރު ބާކީ އޮތީ އެންމެ ހަތަރު މަހެވެ. ބަޖެޓުކުރި އަދަދުގެ 9.4 ބިލިއަން ރުފިޔާ މަޝްރޫއުތަކަށް ޚަރަދުނުކޮށް އެބައޮތެވެ. 'ބޯހިޔާވަހިކަމުގެ' ނަމުން ނަން ދިން ބަޖެޓުން އެންމެ ގަލެއް ވެސް ބައިންދާނުލެވުނެވެ. ނުވިތާކަށް އަޅަން ފަށާފައި ހުރި ފުލެޓުތައް ވެސް އަދި ހަވާލެއް ނުކުރެވެއެވެ.
ވިޔަފާރިތަކުން އެ ހީނަރުކަން ފެންނަ އެއް ސަބަބަކީ މަޝްރޫއުތައް ނުހިނގާތީ، އެ ފައިސާ ހުރިތަނުގައި ހަރުލާފައި ހުރުމެވެ. އަނެއް ސަބަބަކީ ދައުލަތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެތައް ބިލިއަން ރުފިޔާއެއް ނުދީ އޮތުމެވެ. އެ ފައިސާ ނުލިބި ބިކަވެފައި އެ މީހުން ތިބުމެވެ. އެންމެ ބޮޑު އަނެއް ސަބަބަކީ ކުރިން ފާހަގަކުރި ގޮތަށް 20 ބިލިއަނެއްހާ ރުފިޔާ ދަރަންޏަށް ހޭދަކުރަންޖެހުމެވެ. ގިނަ ލޯނުތައް ނަގާފައި ހުންނާނީ ޑޮލަރުންނެވެ. އެއަށް ފައިސާ އެއްކުރަން މާކެޓަށް ނެރޭ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު ނަގަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއަށެވެ.

މާލޭ މަގުމަތި: އިގުތިސާދު ހާލަތު ވަނީ ވަރަށް ގޯސްކޮށް -- ސަން ފޮޓޯ/ މޫސާ ނަދީމް
އެހެންވެ، ޑޮލަރެއްގެ އަގު އެ ހުރީ 20 ރުފިޔާއިން މަތީގައެވެ. މާނައަކީ ރުފިޔާގެ އަގުން ގާތްގަނޑަކަށް 30 އިންސައްތަ ދަށްވީއެވެ. ނަތީޖާއެއްގެ ގޮތުން، އާންމުންނަށް ފައިސާ ޚަރަދުކުރެވޭ މިންވަރު ނުވަތަ ޕާޗޭސިން ޕަވާ ދަށްވަނީއެވެ. އަނެއް ކަމަކަށް، ތަކެތީގެ އަގު އުފުލެނީ ޑޮލަރާ އެކު އެކީގައެވެ. ޑޮލަރުގެ އަގާ އެކު ތަކެތި އެތެރެކުރަން ކުރަންޖެހޭ ހޭދަ ބޮޑުވަނީއެވެ. އެހެންވީމާ އެ ވިއްކޭ އަގު ވެސް ބޮޑުވުމަކީ ރޮކެޓް ސައިންސެއް ނޫނެވެ.
ވިޔަފާރިތައް މިހާ ބޮޑަށް ދަށްވީ އެ ހުރިހާ ސަބަބެއް އެކުވީމައެވެ. ހަގީގަތުގައި ދަށްވީއަކީ ނޫނެވެ. 'ބަނގުރޫޓު'ވީއެވެ. ފުނޑުނީއެވެ.
"ކުރިން، ސަރުކާރު ތެރެއިން ނުލިބި ހުރި ފައިސާ ހޯދައިދޭން މަސައްކަތް ކޮށްދޭށޭ ބުނި މީހުން މިހާރު ގުޅާފައި ބުނަނީ ފެނަކަ ކަހަލަ ތާކުން ވަޒީފާއެއް ހަމަޖައްސައިދޭށޭ. އާނ. ވިޔަފާރިއަށް ކޮންމެ ގޮތެއް ވިޔަސް އެ މީހުން އަނބިދަރީންނަށް ކާންދޭންޖެހޭނެތާ،" މިއީ ޕީއެންސީގެ ސީނިއާ މަޖިލީސް މެންބަރަކު ދެއްކެވި ވާހަކަފުޅެކެވެ.
އެ ބުނެދެނީ ވިޔަފާރިވެރިން ތިބި ހާލެވެ. އިގުތިސާދު އޮތް ހިސާބެވެ. މީހުން ނިކަމެތިވީ މިންވަރެވެ. ވިޔަފާރިތައް ބަންދުކޮށްފިއެވެ. ވިޔަފާރިވެރިން މިހާރު ހޯދަނީ ވަޒީފާއެކެވެ. އެހާ ވެސް ބިކަވެއްޖެއެވެ.