ބަދިގެއެއްގައި ރޯވެގެން ރިޕޯޓުކުރިތާ 17 މިނެޓު ތެރޭ ނިއްވާލިއިރު، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ބަދިގޭގެ އަލިފާން ނިއްވުމުގައި ފަޔާފައިޓަރެއް ހަރަކާތްތެރިވަނީ: މިހާދިސާގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް މީހަކަށް އަނިޔާއެއް ނުވޭ --- ފޮޓޯ/ އެމްއެންޑީއެފް

ހެންވޭރު ގެއެއްގެ ބަދިގެއެއްގައި ރޯވި އަލިފާން މިއަދު ނިއްވާލިއިރު، އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގީ، ހ. ވެލްބޯން ގޭގެ ދެވަނަ ފަންފިލާގެ ބަދިގޭގައެވެ.

އެމްއެންޑީއެފުން ބުނީ، އެ ގޭގެ ބަދިގޭގެ ހުޑެެއްގައި ރޯވެގެން ރިޕޯޓުކުރީ މިއަދު 11:00 ހާއިރު ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުމާ އެއްކޮށް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ބަދިގެ މިހާރު އޮތް ގޮތް: އަލިފާން ރޯވީ ބަދިގޭގައި ހުރި ހުޑެއްގައި ---- ފޮޓޯ/ އެމްއެންޑީއެފް

އެ އަލިފާންގަނޑު އެއްކޮށް ނިވާލެވުނީ، 11:17 ހާއިރެވެ. އެމްއެންޑީއެފުން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުން، އަލިފާން ނިއްވާލިއިރު، ބަދިގޭގައި ހުރި ކަބަޑުތަކާއި މިކްސަރު ފަދަ ކަރަންޓު ސާމާނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން، މަތީގައި ހުރި ކަބަޑުތަކުގެ ބޮޑު ބައެއް އަނދާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ބަދިގެ: އެތަނުގައި އަލިފާން ރޯވެގެން ރިޕޯޓުކުރިތާ 17 މިނެޓު ތެރޭ ވަނީ ނިއްވާލާފައި --- ފޮޓޯ/ އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ގެތަކުގައި ހިނގައެވެ. އެފަދަ ހާދިސާތަކުގައި ބައެއް ފަހަރަށް ބޮޑެތި ގެއްލުންތައް ވެސް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް