އެޗްއާރުސީއެމްއަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފި

އެޗްއާރުސީއެމްއަށް އަލަށް އައްޔަނުކުރެއްވި ދެ ބޭފުޅުން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު, ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ދެ ބޭފުޅަކު މިއަދު އައްޔަނުކުރައްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެކޮމިޝަނަށް އައްޔަނުކުރެއްވީ، މުޙައްމަދު ޝަފީގް މަޙްމޫދާއި އަޙުމަދު މަޤުސޫމެވެ.

އެއްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސް ވަނީ އެބޭފުލުން މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

އެޗްއާރުސީއެމަށް އަލަށް އައްޔަނުކުރެއްވި ޝަފީޤު ރައީސްއާ ސަލާންކުރައްވަނީ ----- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން، އެޗްއާރުސީއެމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ތަޅުމަށް ފޮނުވަން ނިންމީ ޝަފީޤްގެ ނަން އެކަންޏެވެ. ދެން ފޮނުވި މުހައްމަދު ފާރިސް ތާހާގެ ނަން ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ކޮމިޓީން އޭގެކުރިން ނިންމިއެވެ.

ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ، ފާރިސް ގެވެށި އަނިޔާކުރި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެ، އޭނާގެ ކައިވެނި ރޫޅުނީ އޭގެ ސަބަބުން ކަމާއި، ސިފައިންގެއިން އޭނާ ވަކިކުރީ އެ ސަބަބާ ހެދިކަމަށް ވެސް ވިދާޅުވެ ސުވާލުކުރައްވައިފައެވެ.

އެކަމަކު، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި އޭނާ އެއްވެސް އިދާރާއަކަށް މީގެ ކުރިން ހާޒިރުނުކުރާ ކަމަށެވެ.

އެޗްއާރުސީއެމްއަށް އައްޔަނުކުރެއްވި އަޙުމަދު މަޤުސޫމްއާ ރައީސް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ގެވެށި އަނިޔާގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު މެންބަރުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ނުދެއްވިގެން ފާރިސަށް ކޮމިޓީން ދިނީ 75 އަކަށް ވުރެ ދަށް މާކުހެކެވެ.

ފާރިސަށް ކުރި ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ބައެއް މީޑިއާތަކަށް ވިދާޅުވީ، ފާރިސްގެ ފަރާތުން ގެވެށި އަނިޔާގެ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އެހެންވެ، އެޗްއާރުސީއެމްއަށް ޝަފީޤު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހު 18ގައެވެ. މަޖިލީހުން އެކަމަށް ރުހުން ދިނީ، ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

https://sun.mv/210089

ޝަފީގަކީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ފާހަގަކުރެވޭ ގޮތުގައި، އެޗްއާރުސީއެމްގައި މިހާރު ހުންނެވި ނައިބު ރައީސް މުއުމިނާ ވަހީދާއި އެ ކޮމިޝަންގެ މެންބަރު އާމިނަތު ޝިފާޢަތު އަބްދުއްރައްޒާޤްގެ ދައުރު މިއަދަށް ހަމަވާނެއެވެ.

comment ކޮމެންޓް