ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް މިއަދު އައްޔަންކުރައްވާފައިވާކަން އެނގިއްޖެއެވެ.
ސްޓެލްކޯއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯއިން ވަކިކުރި އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ފަހުމީ ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އޭނާ އައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. އެއީ، މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 28، 2023 ގައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.
ޕީސީބީން ނިންމުން އިއުލާންކުރި ފަހުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، 27 އަހަރު މަސައްކަތް ކުރައްވާފައިވާ ކުންފުނި ހިންގެވުމަށް ދެއްވި ފުރުސަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ. އަދި، ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައި ތިބި ބަޔަކީ މުވައްޒަފުންކަން ފާހަގަކުރައްވައި، އެ އެންމެންގެ ބުރަ މަސައްކަތަށް ވެސް ޝުކުރުވެރިވާ ކަމަށް ވިދާޅުވިއެވެ.
"އެންމެން ގުޅިގެން ހޯދި ކާމިޔާބީތަކާ މެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން އަދި މުސްތަގުބަލުގައި ވެސް ސްޓެލްކޯއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން،" ފަހުމީ ލިޔުއްވާފައިވެއެވެ.
ފަހުމީ މަގާމުން ވަކިކުރިއިރު، މުޅި މާލެއާއި ހުޅުމާލޭން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކައިރި ކައިރީގައި ހިނގައި، ސްޓެލްކޯއަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.
މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.
ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއިން ހާމަކޮށްފައިނުވާއިރު، މިދިޔަ މަހު ވެސް ފަހުމީ ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދަން ރައީސްވަނީ އަންގަވައިފައެވެ. އަދި، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.