2026 އިން ފެށިގެން މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލުކުރަނީ

ރައީސް އޮފީހުގައި މި މަހު ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު: 2026 އިން ފެށިގެން މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލުކުރާނެކަން އެމަނިކުފާނު އިއުލާނުކުރައްވައިފި -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި، އާއްމު ތަންތަން ދިއްލުމަށް މުނިސިޕަލް ޚިދުމަތްދޭ ކުންފުނިތައް ކަމަށްވާ ސްޓެލްކޯއާއި ފެނަކައިން ކައުންސިލްތަކަށް ބިލު ކުރާނީ އާއްމު ގޭބީސީތަކަށް ވެސް ބިލުކުރާ ގޮތަށް ޑޮމެސްޓިކް ރޭޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި، އާއްމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު އާއްމު ގޮތެއްގައި ކައުންސިލްތަކަށް ބިލުކުރަނީ އާއްމު ގޭބީސީތަކަށް ކަރަންޓު ބިލުކުރާ ރޭޓަށް ވުރެ މަތިންނެވެ.

ނަމަވެސް މި ގެންނަ ބަދަލާއެކު މިހާރު ކަރަންޓު ބިލު ދައްކަން ކުރާ ޚަރަދު ކުރިއަށްވުރެ ކުޑަވާނެއެވެ.

މާލެ ސަރަހައްދަށް ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭއިރު އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.

ގޭބީސީތަކަށް ކަރަންޓު ބިލުކުރާއިރު، ދޭތެރެއަކުން ބިލު ބޮޑުވެ އެކަމުގެ ޝަކުވާތައް އާއްމު ރައްޔިތުން ކުރެއެވެ. ވަކިން ޚާއްސަކޮށް މާލެއާއި އައްޑޫ ސިޓީ ހިމެނޭހެން ރާއްޖޭގެ ބައެއް އެހެން ރަށްރަށުން ވެސް ކަރަންޓު ދިޔުމުގެ މައްސަލަތައް މިފަހުން ވެސް ވަނީ ފެންމަތިވެފައެވެ.

މި ސަރުކާރުގެ ވެސް އަމާޒަކީ ކަރަންޓު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

https://sun.mv/211008

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު މި ބަދަލު ގެންނަވަން ނިންމެވިއިރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިއްޔެ ވަނީ ހުސައިން ފަހުމީ ވަކިކުރައްވައިފައެވެ. އަދި މިއަދު އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކުރައްވައިފައެވެ.

ފަހުމީ މަގާމުން ވަކިކުރިއިރު، މުޅި މާލެއާއި ހުޅުމާލޭން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކައިރި ކައިރީގައި ހިނގައި، ސްޓެލްކޯއަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ.

comment ކޮމެންޓް