ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހަރަކާތެއް ބޭއްވުމަށް މިއަދު ސިނަމާލެ ބުރިޖުގެ އެއްފަޅި ފަސް ގަޑިއިރަށް ބަންދުކުރުމަށްފަހު، މިހާރު ހުޅުވާލައިފިއެވެ.
މިއަދު ހަވީރު 16:00އިން މިރޭ 21:00ގެ ނިޔަލަށް ބުރިޖުގެ އުތުރު ފަޅި ވަނީ ބަންދު ކޮށްފައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިރޭ ބުނީ އެއާޕޯޓް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބުރިޖުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް، އާންމު ދަތުރުފަތުރަށް ބުރިޖު މިހާރު ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
އެމްއޭސީއެލްގެ އޮފިޝަަަލަކު އިއްޔެ 'ސަން'އަށް ވިދާޅުވީ، ހައިވޭގެ އެއް ފަރާތް ބަންދު ކުރަނީ އެއާޕޯޓުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހަރަކާތެއް ބޭއްވުމަށް ކަމަށެވެ. އެއީ، ކޮންމެ ދެ އަހަރެއް ނުވަތަ ތިން އަހަރަކުން ބާއްވާ ހަރަކާތެއްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
އިތުރަށް އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ހަރަކާތުގެ މަގުސަދަކީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އެމަޖެންސީ ޚިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމެވެ.
މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ވަނީ ބައިވެރިވެފައެވެ.