އިންޑިއާއިން އިސްރާއީލާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާގެ ބޮޑުވަޒީރާއި އިސްރާއިލުގެ ބޮޑުވަޒީރު: ދެ ގައުމުން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި -- ފޮޓޯ/ އިންޑިއާ

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން އިސްރާއީލާއި އިންޑިއާއިން އިންވެސްޓްމެންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް މިހާރު އިންޑިއާއަށް ކުރާ ދަތުރުގައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ސްމޮޓްރިޗާއި އިންޑިއާގެ މިނިސްޓަރު އޮފް ކޯޕަރޭޓް އެފެއާޒް ނިރްމަލާ ސިތަރަމަން ސޮއިކުރެއްވި މި އެއްބަސްވުމުގެ މަގުސަދަކީ ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކޮށް ކުރިއެރުވުމެވެ. އަދި، ސައިބާ ސެކިއުރިޓީ، ދިފާއީ ގޮތުން ބާރުވެރިކުރުވުމާއި، އާ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ގޮތުން ތަރައްގީކުރުމަކީ ވެސް އެއްބަސްވުމުގެ މަގުސަދެއް ކަމަށް ނިރްމަލާ ފާހަގަކުރިއެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ސްމޮޓްރިޗް ބުނީ، މިއީ ދެ ގައުމުގެ ތަސައްވުރަށް ވެސް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އިސްރާއީލާއި އިންޑިއާއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމަކީ އަޅުގަނޑުމެންގެ އިގުތިސާދީ ކުރިއެރުމާއި އާ އުފެއްދުންތަކާއި ދެ ފަރާތުގެ ތަނަވަސްކަން ދައްކުވައިދޭ އެއްބަސްވުމެއް. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް ހުޅުވި، އިސްރާއީލުގެ އެކްސްޕޯޓް ހަރުދަނާވެ، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް މާކެޓުގައި ވިޔަފާރިތަކަށް ކުރިއެރުމާއި ޔަގީންކަމާއި ވަސީލަތްތައް ލިބޭނެ،" އެކްސްގައި އޭނާ ލިޔުއްވާފައިވެއެވެ.

އިންޑިއާގެ މާލީ ވުޒާރާއިން ބުނީ، މި އެއްބަސްވުމަކީ ތާރީޚީ އެއްބަސްވުމެއް ކަމަށާއި ފިންޓެކް ނުވަތަ ބޭންކިން އަދި މާލީ ދާއިރާތަކަށް ބޭނުންވާ ޓެކޮނޮލޮޖީގެ އާ އުފެއްދުންތަކާއި، އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ފައިނޭންޝަލް ރެގިއުލޭޝަން، އަދި ޑިޖިޓަލް ޕޭމަންޓް ކަނެކްޓިވިޓީއަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެއް ކަމަށެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރި ވިޔަފާރި 3.9 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިހާރު ދެ ގައުމުން އެއްބަސްވެގެން ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް، އިންޑިއާއަކީ އިސްރާއީލުން އެންމެ ގިނައިން ހަތިޔާރު ގަންނަ އެއް ގައުމަށް ވާއިރު، ދެ ގައުމުގެ ވިޔަފާރީގެ ބޮޑު ބައެއް ހިނގަނީ ދިފާއީ އަދި ސަލާމަތީ ދާއިރާގައެވެ.

ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުން ގާއިމުކޮށްފައިވަނީ ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލު އެކަހެރި ކުރަމުންދިޔަ ނަމަވެސް އިންޑިއާއިން އިސްރާއީލާ ގާތްވަމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާއަކީ ހަމާސް އިސްވެ 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއަކީ "ޓެރަރިޒަމްގެ އަމަލެއް" ކަމަށް ބުނެ، ކުށްވެރިކޮށް އިސްރާއީލު ދިފާއުކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތަކަށް ފިއްތުންތައް ކުރިމަތިކޮށް، ބައެއް ހާލަތްތަކުގައި އެކަން ކުށަކަށް ހަދައި، އިސްރާއީލަށް ތާއީދުކުރާ އެއްވުންތައް ބޭއްވުމުގެ ހުއްދަ ދީފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ދެ ދައުލަތުގެ ހައްލެއް ކަމަށް ބުނާ ހައްލަށް އިންޑިއާއިން ތާއީދުކުރި ނަމަވެސް، އިސްރާއީލުން ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުމަށް ފާޑުކިޔާ ހުށަހެޅި އދ ގެ ގިނަ ގަރާރުތަކަކަށް ތާއީދުކޮށްފައެއް ނުވެއެވެ.

ޣައްޒާ ހަނގުރާމައިގެ ސަބަބުން ލައިސަންސް ބާތިލުކުރި ފަލަސްތީނުގެ މީހުންގެ ބަދަލުގައި 100،000 އިންޑިއާގެ މަސައްކަތްތެރިން ވަޒީފާއަށް ނެގުމުގެ ހުއްދައަށް އިސްރާއީލުގެ ކުންފުނިތަކުން އެދިފައިވާއިރު، އިސްރާއީލުގައި ތިބި އެންމެ ގިނަ ބައިނަލްއަގުވާމީ ދަރިވަރުންނަކީ އިންޑިއާއަށް ނިސްބަތްވާ ކުދިންނެވެ. އަދި، އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރަން ވެސް އިންޑިއާއިން ވަނީ ދެކޮޅު ހަދާފައެވެ.

comment ކޮމެންޓް