ކ. ހިއްމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން މިއަދު ވަދެއްޖެއެވެ.
އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަނީ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަން ޓީމެއް ކަމަށް މީޑިއާތަކަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މިއަދުގެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަނުން ވަކި އެއްޗެއް ހޯދަން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.
"ޕޮލިސް އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ވަކި އައިޓަމެއް ހޯދުމަށް ޓަކައި މި ހިންގީ ހާއްސަ އޮޕަރޭޝަނެއް. މި އޮޕަރޭޝަންގައި މުޅި ރިހެބިލިޓޭޝަން ސެންޓަރުގެ ހުރިހާ ތަނެއް ބަލައި ޗެކްކުރައްވާނެ،" ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ، އާންމު އުސޫލުން ޕޮލިހުންނާއެކު ރިހެބް ސެންޓަރުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށެވެ. އޭގެ ބޭނުމަކީ އެއްވެސް ސެންޓަރެއްގައި މަނާ އެއްވެސް އެއްޗެއް ގެންގުޅޭތޯ ބަލައި، އެފަދަ ތަކެތި ހޯދުން ކަމަށް ވިދާޅުވިއެވެ.
އަދި ފަރުވާ ހޯދަން ތަނުގައި ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.
"ބޭނުމަކީ ތަން ސާފުކޮށް ބޭއްވުމާއި އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ސެންޓަރުތަކަކީ މަސްތުވާތަކެތިންނާއި އިލީގަލް ހުރިހާ އައިޓަމްސްތަކަކުން ސާފު ތަންތަނަށް ހަަދަން އަޅުގަނޑުމެން ގެންގުޅޭ ޒީރޯ ޓޮލަރެންސް ޕޮލިސީގެ ދަށުން ހަމަ މި އޮޕަރޭޝަންސް ކުރިއަށް ގެންދަނީ،" ލުބްނާ ވިދާޅުވިއެވެ.
ހިއްމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، މީގެ ކުރިން އެ ތަނުގެ ހާލަތާ މެދު ވެސް ކަންބޮޑުވުން ފެންމަތިވެފައިވެއެވެ.