ރައީސްގެ ޚިޔާލަށް ތާއީދު: ސަލާމަތީ ބާރުތަކުގެ އިނާޔަތާއި ސިޔާސީ މަގާމު ވެސް މަދުކުރަން ގޮވަނީ

ރައީސް މުއިއްޒު، ފުލުހުންނާއި ސިފައިންނާ އެކު: ސަލާމަތީ ޚިދުމަތްތަކުގެ އިނާޔަތް ކުޑަކުރަން ވެސް އާންމުން އަންނަނީ ގޮވާލަމުން -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ކުރަމުން އަންނަ ހޭދަ ކަނޑާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޚިޔާލުފުޅަށް ގިނަ ބަޔަކު ތާއީދުކުރިއިރު، ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންނަށް ދޭ އިނާޔަތް ވެސް ކުޑަކުރުމުގެ އިތުރުން ސިޔާސީ މަގާމުތައް ވެސް މަދުކުރަން ގިނަ ބަޔަކު ގޮވާލައިފިއެވެ.

ރައީސް މުއިއްޒު ވަނީ ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އިތުރު ތަފުސީލަކަށް ވަޑައިނުގެން އެ މަނިކުފާނު ވިދާޅުވީ، އާންމުން ބޭނުންވަނީ އެ ގޮތް ކަމަށާއި އެ ބޭފުޅުންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށެވެ. އެހެންވެ، އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ ޚަބަރާ އެކު ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި އެ ކަމާ ގުޅޭ ގޮތުން ދެކޭގޮތް ހާމަކުރަމުންނެވެ.

https://sun.mv/211006

އެ ގޮތުން، މީސްމީޑިއާގައި އެ ޚަބަރު ޝެއާކުރި ގިނަ ބަޔަކު ވަނީ ރައީސްގެ ޚިޔާލުފުޅަށް ތާއީދުކޮށްފައެވެ. އެއީ، 'އަވަހަށް ކުރަންޖެހޭ' ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި، ގިނަ ބަޔަކު ވަނީ ކުރީގެ ރައީސުންނާއި މެންބަރުންނަށް ދޭ އިނާޔަތް ކުޑަކުރުމުގެ ބަދަލުގައި އެކީ ކަނޑާލަން ފެންނަ ކަމަށް ވެސް ގޮވާލާފައެވެ.

މީގެ އިތުރުން، ބައެއް މީހުން ވަނީ ފުލުހުންނާއި ސިފައިންނަށް ދެމުން އަންނަ އިނާޔަތްތައް ވެސް ކަނޑާލަން ގޮވާލާފައެވެ. އަދި، ފަނޑިޔާރުންނަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމާއި ސަރުކާރަށް އެކި ފެންވަރުގައި އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުން ވަކިކުރަން ވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

މީހުންގެ ބައެއް ޚިޔާލުތައް:

"ކުރީގެ މެންބަރުންނާއި ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަންވީ. މިހާރުގެ ރައީސާއި މެންބަރުންގެ މުސާރަ 50 އިންސައްތަ ކުޑަކުރަންވީ. ފުލުހުންނާއި ސިފައިންގެ އާއިލީ ބޭސް ފަރުވާ ކަނޑާލަންވީ،" އަލީ ހާޝިމް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ. އެ ކޮމެންޓަށް 83 މީހުން ލައިކްކޮށްފައިވެއެވެ.

"ކުޑަކުރާނެ ކަމެއް ނެތް. އެއްކޮށް ކަޑާލަންވީ. ފަސް އަހަރުގެ ދައުރެއް އަދާކުރުމުން ދައުލަތުގެ ބައިތުލްމާލުން އުމުރަށް ބޮޑެތި އިނާޔަތް ދޭކަށްނުޖެހޭ،" މުޙައްމަދު ސިރާޖު ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ. އެ ކޮމެންޓަށް 46 މީހުން ލައިކްކޮށްފައިވެއެވެ.

"އެބަ ރަނގަޅުވޭ، މިހާރު ވެސް ލަސްވެއްޖެ މިކަން ކުރަން،" ޝާމް އަލީ ޔޫސުފް ކިޔާ މީހަކު އެކްސްގައި ލިޔެފައިވެއެވެ.

"ވަރަށް ރަނގަޅު ކަމެއް. އަދި، މިޔާ އެކު ސިޔާސީ މަގާމުތަކުގެ 20-30 ހާސް މުސާރައަށް ނަގައިގެން، ދާންޖެހޭ އޮފީހެއް، އިށީއިންނާނެ ގޮނޑިއެއް މޭޒެއް ނެތް. ބޮޓުންތައް ވެސް ވަކިކުރަންވީ. އިޚުލާސްތެރިކަމެއް ހުރި ނަމަ މާލީ އިދާރާތަކުން ކޮންމެ މަހަކު އިންޒާރު ދެނީ މި ކަހަލަ ޚަރަދުތައް ކުޑަކުރަން،" އަހުމަދު ތިއްތި ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

"ހަމަ އެގޮތަށް ފުލުހުންނާއި ސިފައިންގެ ކަންތައް ވެސް ތިމަގުން ގެންދަން ފެނޭ،" މީހަކު ސަންގެ ވެބްސައިޓުގައިވާ ޚަބަރަށް ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް:

ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި ރައީސަކަށް މަހަކު 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރި ރައީސަކަށް 75،000 ރުފިޔާގެ މަގުން އިނާޔަތް ދެއެވެ. އެ އެކަންޏެއް ނޫނެވެ. ކުރީގެ ރައީސުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖައްސަން އިތުރު 50،000 ރުފިޔާއެއް ދޭއިރު، އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 175،000 އެއްހާ ރުފިޔާ ދެއެވެ.

އެހެންވެ، ކުރީގެ ފަސް ރައީސުން ދުނިޔޭގައި ތިއްބެވުމުން ބޮޑު ޚަރަދެއް އެ ކަމަށް ކުރަންޖެހެއެވެ. އެއީ، ވެސް އާންމުންގެ ފާޑުކިޔުމާއި ނުރުހުން އޮތް ކަމެކެވެ.

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތް:

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މެންބަރުންނަށް އިނާޔަތާއި ސިއްހީ އިންޝުއަރެންސް ދޭން ފެށީ 2013 ވަނަ އަހަރެވެ.

އެކަމަކު، ކުރީގެ މެންބަރުންނަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރު ފުރުމުންނެވެ. އެ ގޮތުން، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ.

އެހެންވެ، ގިނަ ބަޔަކު އަންނަނީ ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވާލަމުންނެވެ. އެއީ، އިސްރާފެއް ކަމަށް ބުނެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.

ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކުގެ ޚަރަދު

ފަނޑިޔާރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް ރިޓަޔާކުރެއްވުމުން ވެސް ބޮޑު ޕެކޭޖެއް ލިބިވަޑައިގަންނަވައެވެ. ޚާއްސަކޮށް ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ އެންމެންނާއި އެ މީހުންގެ އާއިލާއަށް ދައުލަތުން ހިލޭ ބޭސް ފަރުވާކޮށްދެއެވެ. މަޖިލީސް މެންބަރުންނަށް ވެސް ހިލޭ ބޭސް ފަރުވާ ލިބެއެވެ.

ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކޮށް، ސަލާމަތީ ބާރުތަކަށް ދޭ ޑަބަލް ޕެންޝަން ކުޑަކުރަން ސަރުކާރުން މީގެ ކުރިން މަސައްކަތްކުރިއެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ފަދަ މާލީ އިސްލާހުތައް ހިމެނިއެވެ. އެކަމަކު، ފާޑުކިޔުމާއި ނުރުހުން އަމާޒުވުމުން ސަރުކާރުން ވަނީ އެކަން ނުކުރަން ނިންމާފައެވެ.

https://sun.mv/208664

ސިޔާސީ މުވައްޒަފުންގެ ޚަރަދު

މި ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި ތިބީ 922 ސިޔާސީ މުވައްޒަފުންނެވެ.

ރައީސް އޮފީހުން ހާމަކުރި އަދަދުތައް:

  • ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
  • ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
  • ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ހަތް ބޭފުޅުން
  • ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
  • ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި އަށް ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން
  • އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން
  • އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

މުސާރައަށް ކުރާ ޚަރަދު ވެސް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެހެންވެ، ޚަރަދު ކުޑަކުރަން ގިނަ ބަޔަކު ގޮވާލައެވެ.

comment ކޮމެންޓް